ޖަހަތު
ޖަހަތު

އާދިއްތަ ދުވަހާ ގުޅޭ

އަހަރެން ވީ ފޫއްސެއް ބުނަން ވެސް ނޭނގުނެވެ. ހިތަށްއެރިއެވެ. މީ ދެން ކޮން ފަދަ ކަމެއް ހެއްޔެވެ؟ ޑިޕާޓުމަންޓުގެ ވެރިޔާގެ މަސައްކަތަކީ އަންހެންކުދިންނަށް ފޮނިދެއްކުން ހެއްޔެވެ؟ ނޫނީ އޮފީސް ހިންގުން ހެއްޔެވެ؟ އުމުރުގެ ތަފާތަށް ވިސްނައިލި ނަމަވެސް މިފަންނު އެ ގޮތަކަށް ނޫޅުނީހެވެ. ދަރިން ވަރުގެ މުވައްޒަފުންނެވެ. ޒާތްޒާތަށް ހެދުންއަޅައިގެން، ފާޑުފާޑުގެ ސެންޓު ޖަހައިގެން ކޮން ވައްތަރަކަށް އުޅޭކަށް ހެއްޔެވެ؟ އަންހެންކުދިން އެހެން އުޅޭތީ މިފަންނު ހުންނަނީ ކިހާ ބޮޑާވެފަ ހެއްޔެވެ. އެކަމަކު ފުރަތަމަ، އޭނައަށް ކިޔާ ނަމަށް ވިސްނައިލަބަލާށެވެ. އެއީ ނަމެއް ހެއްޔެވެ؟ ކަމަކީ އަހަންނާ ބެހޭ ކަމެއް ނޫނެވެ. އެހެންނަމަވެސް އަހަރެންގެ ދެ ކަންފަތުން ނުކުތް ދުން އޮލަވަމުން، ކަޅުވަމުން ދިޔައެވެ.

ގެއަށް އައި އިރު އަހަރެންގެ މޫނު ހުރީ ދުމުން ކަޅުވެފައެވެ. ދެ ކަންފަތުގައި ހުރީ ގެދަބުޅި ޖަހައިފައެވެ. ނަސީބަކުން އެ ދުވަހަކީ ގޭގައި ސާރާކޮއްކޮގެ ޕާޓީއެއް އޮތް ދުވަހެކެވެ. އެ ކަމުގެ ތެރެއަށް އަހަރެންގެ ރުޅިގަނޑު ފޭދިގެން ގޮސް ހުލިވިއެވެ. އޮފީސް ކިހިނެއްތޯ ބައްޕަ ސުވާލު ނުކުރި ނަމަ އޮފީސް މަތިން އަހަރެން ހަނދާނެއް ނުވެސް ވީހެވެ.

"ވަރަށް ފޫހި،" އޮފީހާ ބެހޭ ގޮތުން އަހަރެން ބުނީމެވެ. "ލެޓްސް ސީ ދޯ!"

"ބައްޕަ ބެލީ އޮފީހުގެ ރީތިކަމަކަށް ނޫން،" ޒިންމާދާރު ބައްޕައެއްގެ ހައިސިއްޔަތުން ބައްޕަ ބުންޏެވެ. "ތަނުގަ އުޅޭ މީހުންނަށް ބެލީ. މިފަންނަކީ ވަރަށް ހަރުދަނާ މީހެއް."

"ތީ ހަމަ ވަރަށް ބޮޑު ތެދެއް." އަހަންނަށް ބުނެވުނީ އެހެންނެވެ.

ފުރާވަރުގެ އަހަރުތައް ގުނަމުންދިޔަ ކަމުގައި ވިޔަސް، އަހަންނަކީ ބައެއް ކަންކަމުގައި ވަރަށް ގޮތުގައި ހުންނަ މީހެކެވެ. އަހަރެންގެ ނަޒަރުގައި، ރަނގަޅު މީހަކަށް ދިމާވާން ޖެހޭނީ ރަނގަޅު ކަންކަމެވެ. ނުބައި މީހަކަށް ނުބައި ކަންކަމެވެ. އެ ތަރުތީބު އޮޅިފައިވާ ނަމަ، އަހަރެން ވަރަށް ރުޅިއަންނާނެއެވެ. ފޫހި ވެސް ވާނެއެވެ. އަޅުވެތިކުރުމާއި އޮޅުވައިލުމަކީ އަހަރެން ހަމަ އެއްގޮތަކަށް ވެސް ބަލައިގަންނާނެ ދެ ސިފައެއް ނޫނެވެ. ގޭގައި ގެންގުޅޭ ބިދޭސީމީހާގެ ވެސް ހައްގުތަކެއް އޮންނަން ޖެހޭނެއެވެ. އެ ހައްގުތައް ޖެހޭނީ ދޭށެވެ. އަހަރެންގެ ގޭގައި ކައްކަން އުޅެނީ މޭރީ ނަމަކަށް ކިޔާ ބިދޭސީ އަންހެނެކެވެ. އޭނަގެ ޗުއްޓީ ދުވަހު އޭނަ ލައްވާ މަސައްކަތްކުރުވަން މަންމަ އުޅެން ފެށުމުން އެ ދެމެދަށް ވެސް އަހަރެން ވަންނަމެވެ.

އޮފީހުގެ ދެވަނަ ދުވަހެވެ. އަހަންނަކަށް މާ ބޮޑު މަސައްކަތެއް ނޯވެއެވެ. އަހަރެން ކުރަނީ، އިނގެރޭސިން ހުންނަ ލިޔުންތައް ބަލައި ރަނގަޅުކުރުމާއި، ބައެއް ސިޓީތަކަށް އިނގެރޭސިން ޖަވާބުދިނުން ފަދަ ކުދިކުދި ކަންކަމެވެ. އެ ކަމަކަށް އަހަރެންގެ މާ ބޮޑު ހަކަތައެއް ބޭނުމެއް ނުވެއެވެ. ހަކަތައިގެ ބޮޑު ބައި ހުސްވަނީ މިފަންނު ކުރާ ކަންތަކަށް ވިސްނުމުގައެވެ. އޭނަ އޮފީހަށް އައުމާ އެކު އަންހެން މުވައްޒަފުންތައް މަސްރޫފުވާނެއެވެ. ގޮނޑީގައި ހަމަޖެހިލައިގެން އިންނާކަށް ލާހިކެއް ނޫނެވެ. ދޭތެރެއަކުން ފޯނު ރަނގަބީލުވާނެއެވެ. މިފަންނުގެ ކޮޓަރިއަށް އަންހެން މުވައްޒަފަކު ވަންނަން ޖެހޭނެއެވެ. އެއީ ވެސް ވަރަށް އަޖައިބުކުރަނިވި ތަރުތީބަކުން ހިނގާ ކަމެކެވެ. ފިރިހެން މުވައްޒަފަކު ދާނީ ހާލަކުން ފަހަރަކުއެވެ. ގިނަ ފަހަރު ދާނީ އަންހެން ދެ ކުދިން އެކުގައެވެ. އެ ފަހަރުތަކުގައި ދޮރު ހުންނާނީ ލައްޕައިފައެވެ. އެންމެ އަންހެން ކުއްޖަކު ވަދެއްޖެއްޔާ ދޮރު ހުންނާނީ ހުޅުވައިފައެވެ. ބައެއް ފަހަރު އަހަރެން ވެސް ދަމެވެ. އެ ކޮޓަރި ތެރޭގައި ގޯސް ކަމެއް ނުހިނގާކަން އަހަންނަށް ޔަގީނެވެ. ދެކެވޭނީ އޮފީހުގެ ރަސްމީ ވާހަކަތަކެވެ. ދުވަހަކު ވެސް މިފަންނުގެ އަމިއްލަ ވާހަކައެއް ނުދައްކާނެއެވެ. މިފަންނަކީ ނަތީޖާއަށް އިސްކަންދޭ ވެރިއެކެވެ. ނަތީޖާ ނުނެރެވޭ މުވައްޒަފުންނަށް އެ ކަން ހަނދާންކޮށްދޭނެއެވެ. ނަސޭހަތްދޭނެއެވެ. ބައެއް ފަހަރު ހަރުކަށި ވެސް ވާނެއެވެ. އެއީ ވެސް މައްސަލައެއް ނޫނެވެ. އެކަމަކު ފިރިހެން މުވައްޒަފުންނަށް އެހާ މަދުން ގޮވަނީ ކީއްވެގެން ހެއްޔެވެ؟ އެ ކަމާ ވިސްނައި ވިސްނައި ބޮލުގައި ރިއްސަން ފެށުމުން ޝިފާ ގޮވައިގެން ކޮފީއަކަށް ދިޔައީމެވެ. އަހަންނާ އެންމެ ރައްޓެހީ ޝިފާއެވެ. އެތައް ވާހަކައެއްގެ ތެރެއިން އަހަރެން އެ ވާހަކަ ނެގީމެވެ. ޝިފާގެ ވާހަކައިން އެނގުނު ގޮތުގައި މިފަންނު އިންޓަކަމުން ވަކި ހާއްސަ މީހަކަށް ގޮވާނީ މަދު ފަހަރަކުއެވެ.

"ބޯއީސް ކައިރީގަ އަހަރުމެން ބުނެފަ އޮންނާނީ އަހަރުމެންނަށް ޗާންސް ދޭށޭ. ބޮސްއަށް އެ ކަން އެނގޭނެ. ބޮސްއާ ވާހަކަދައްކައިލެވުނީމަ ދެން ވަރަށް މައިންޑު ރިލެކްސްވާނެ. ބޮސްގެ ރޫމަށް ވަންނަ އިރު ޖެހޭނެ ވަރަށް ގިނަ ރޫލްސް ފޮލޯކުރަން. ރީމާއަށް ވެސް ފެނެއެއްނު! އެންމެ އަންހެންކުއްޖަކު ވަންނަންޏާ ދޮރު ބަހައްޓަންޖެހޭނީ ހުޅުވައިފަ. ނަސީބެއްކަން ނޭނގެ،" ލާނެތް ގޮތަކަށް ހީނލައިފައި ޝިފާ ބުންޏެވެ. "އަހަރެން ވަނީ ހަމަ ހަގްކޮށްލާ ހިތް."

"ބަޓް ވައި؟" އަހަރެން އެހީމެވެ.

"ހުންނަލެއް ލޯބިކަމުންނެއްނު!" އެހެން ބުނާކަށް ޝިފާ ޖެހިލުމެއް ނުވިއެވެ.

"ތިއެއް ނޫނޭ!" ޗޮކެއްކަނޑައިލައިފައި އަހަރެން ބުނީމެވެ. "ކީއްވެގެންހޭ އެހާ ގަަވައިދު ބޮޑީ؟"

"ބޮސް ނައިސްކަމުންނެއްނު،" އަހަންނަށް ނުވިސްނުނީތީ ހައިރާންވެފައި ޝިފާ ބުންޏެވެ. "ބޮސް އަހަރުމެންނަށް ވަރަށް ރެސްޕެކްޓުކުރާނެ. ވަރަށް ކެއާކުރާނެ. ބަލިވިޔަސް، ފެމެލީ ކަމެއް ދިމާވިޔަސް ވަރަށް ހެލްޕުވާނެ. އަނެއްކޮޅުން ސްޕަރ ހޭންސަމް. ސްޕަރ ސްމާޓް. އެހެރަ އަޑެއް ވެސް ދޯ!"

އެ މަޅީގައި ޖެހޭކަށް އަހަރެން ބޭނުމެއް ނުވިއެވެ. އަހަރެން ޗޮކެއްކަނޑައިލީމެވެ.

"ހީވަނީ ރޮބަޓެއްގެ އަޑުހެން،" އަހަރެން ބުނީމެވެ. "އަހަންނަކަށް ނުވިސްނޭ ޝިފާ ސްމާޓޭ ތި ބުނަނީ ކީއްވެގެންކަމެއް. މިހާރުގެ ފެޝަންޝޯތައް ބަލައިލީމަ މި ބުނާ އެއްޗެއް ވިސްނޭނީ. މިއަދު ވެސް ބޮސް ލައިގެން ހުރީ ކޮން ޒަމާނެއްގެ ގަމީހެއް. ގަޑި ދުށިން؟ ޗީޕް ގަޑިގަޑެއް. ބޫޓު ދުށިން؟ މީގެ ދެ އަހަރު ކުރިން ނުކުތް ބޫޓެއް އެއީ. ކޮން ކަހަލަ ކަޓު ނަމެއްތަ ބޮސްއަށް އެ ކިޔަނީ؟ މިފަންނު. މާފަންނު. ރަސްފަންނު."

އަހަރެން ހޭން ފެށީމެވެ. އެ ހުނުމުގައި ޝިފާ ބައިވެރިއެއް ނުވިއެވެ. އަހަންނަށް މައްސަލައެއް ނެތެވެ.

"އަހަންނަށް ވަރިހަމަ ބޮސް ކައިރީގަ ބުންޏަސް،" އަހަރެން ބުނީމެވެ. "އައި ޑޯންޓް ކެއަރ. އަހަރެން ނޫޅެން ޖޮބެއް ނުލިބިގެންނެއް. ވެދާނެ އެހެން މީހުންނަށް ޖޮބު އިންޕޯޓަންޓީ ކަމަށް. އެކަމަކު އެހާ ޗީޕްވާކަށް ނުޖެހޭ. އެއީ ބޮޑުވަރު."

އަހަންނަށް އެނގިފައިވާ ގޮތުގައި އޮފީހެއްގެ ވެރިން ފެެންވަރުގެ މީހުން ގަޑިއެއްނުޖެހޭނެއެވެ. ވެރިން އަންނާނީ ތަންކޮޅެއް ލަހުންނެވެ. އަހަރެންގެ އޮފީހަށް އެންމެ ފުރަތަމަ އަންނަނީ މިފަންނެވެ. އޭގެ ސަބަބުން އަހަރެންގެ ޑިޕާޓުމަންޓުގެ ހުރިހައި މުވައްޒަފުން ގަޑިއަށް ވަރަށް ފަރުވާތެރިވެއެވެ. އެކަކު ވެސް އެ ކަމާ ރުޅިއެއްނާދެއެވެ. އަހަންނަށް ވިސްނުނު ގޮތުގައި އެ ޑިޕާޓުމަންޓަށް އަހަރެން ވައްދަން ބައްޕަ ނިންމީ އެތައް ކަމެއް އަހަންނަށް ދަސްކޮށްދިނުމަށް ޓަކައެވެ. ޝަކުވާއެއް ނެތެވެ. އެކަމަކު ބައްޕައަކަށް މިފަންނެއް ނޭނގެއެވެ. ނުވަތަ ކޮންމެވެސް ސަބަބަކާ ހުރެ، މިފަންނުގެ އަނދިރި ފަރާތް ބައްޕައަށް ފަރުދާވެފައި އޮތީއެވެ. އެ ފަރުދާ ކަހައިލަން އަހަރެން އަޒުމުކަނޑައެޅީމެވެ.

މިފަންނަކީ އަހަރެން ހީކުރި ވަރަށް ވުރެ ކުޅަދާނަ މީހެކެވެ. ޑިޕާޓުމަންޓުގެ އެހެން މުވައްޒަފުންނާއި އަހަރެން ތަފާތުކަން، ދާދި އަވަހަށް މިފަންނު ދަނެގެންފިއެވެ. އޭނަ ފެނުމުން، އެހެން ކުދިން ބަލާހެން އަހަރެން ނުބަލާތީއެވެ. މަތިންބައިން ޖެހިގެން މިފަންނުގެ ކޮޓަރިއަށް އަހަރެން ނުވަންނާތީއެވެ. އެހެން މުވައްޒަފުން ގާތުގައި މިފަންނާ ބެހޭ ގޮތުން އަހަރެން ދައްކާ ވާހަކަ މިފަންނާ ހަމައަށް ގެންދާހެން ވެސް އަހަންނަށް ހީވެއެވެ. އަހަރެންގެ ބޭނުމަކީ ވެސް އެއީއެވެ. އޭނައަށް ވުރެ އަހަރެން މާ ކުޅަދާނަކަން އޭނައަށް އެނގެން ޖެހޭނެއެވެ. އަހަރެން އޮފީހަށް އަންނަނީ އޮފީސް މަސައްކަތްކުރާށެވެ. މިފަންނު ފަހަތުން ހިނގާކަށް ނޫނެވެ. ވީހާ ވެސް ގިނަ ބަޔަކަށް އެ ކަން އެނގިފައި އޮންނަން އަހަރެން ބޭނުމެވެ. ހިސާހިތަކު އެއީ ޑިޕާޓުމަންޓުގެ ބޮޑުސިއްރަށް ވެ ނިމިއްޖެއެވެ. ނުދައްކާ އެންމެ މަޝްހޫރު ވާހަކައަށް ވެސް ވެއްޖެއެވެ.

މިފަންނަކީ އަޖައިބެއް ކަހަލަ މީހެކެވެ. އަހަރެން ދައްކާ ފުސްމޫނު ފެންނަކަމަކަށް އޭނަ ނެހެދުނެވެ. އަހަރެން މުށުތެރެއަށް ލާކަށް ވެސް އޭނަ ނޫޅެއެވެ. އޮފީސް މަސައްކަތް ބަރާބަރަށް ކުރީމައި އޭނައަށް ނިމުނީއެވެ. އެހެން މުވައްޒަފުންނާ އަހަންނާ ތަފާތެއް ނުކުރެއެވެ. އެއީ އަހަރެން ދަންނަ އުސޫލެއް ނޫނެވެ. ބާރު ގަދަ މީހާ އަބަދުވެސް ނިކަމެތި މީހާ ދަށްކޮށްލައެވެ. މޮޅު ގޮތްގޮތަށް ފަލީހަތްކޮށްލައެވެ. ތިމާގެ ބާރު ކިހާ ގަދަކަން ދައްކައިލައެވެ. އަހަންނަށް ސަބަބު ވިސްނުނީ މާ ފަހުންނެވެ. ބައްޕަ ދެކެ މިފަންނު ބިރުގަންނަނީއެވެ. އެއީ އަހަންނަށް ލިބުނު ހިތްވަރެެކެވެ.

ބައްދަލުވުންތަކުގައި މިފަންނު ބުނާ ކޮންމެ އެއްޗަކަށް ތާއީދުކުރުމަކީ ޑިޕާޓުމަންޓުގެ ސަގާފަތެކެވެ. ބޮސް ބުނާނީ ރަނގަޅެވެ. އެންމެން ދެކެނީ އެހެންނެވެ. މިފަންނުގެ ނިންމުންތަކާ ދެކޮޅަށް ސުވާލު އުފައްދަން ފެށީ އަހަރެންނެވެ. މާ ބޮޑު އެއްޗެއް އެނގޭތީއެއް ނޫނެވެ. އަހަރެން ބޭނުންވަނީ އޮފީހުގެ ޒަމާންވީ ސަގާފަތް ބަދަލުކުރާށެވެ. އެންމެ ފަހުން އޮފީހަށް ވަން، އެންމެ ހަގު ކުއްޖާ ބަސްބުނަން ފެށުމުން އެހެން މުވައްޒަފުންނަށް ހިތްވަރުލިބޭނެއެވެ. ނޫނެކެވެ. އެހެނެއް ނުވިއެވެ. އެންމެން ވެސް މިފަންނު ދެކެ ބިރުގަނެއެވެ. އޭނަގެ އަޑު ބަރުވެފައި، ބިރުވެރިވެފައި، ގަދައީ ވެސް މެއެވެ. އެއީ އިހުތިރާމެއް ނޫނެވެ. ހުދުމުހުތާރުކަމެވެ. އަހަރެންގެ ރުޅި ހައްތަހާ ގަދަވިއެވެ.

އެއްދުވަހަކު އަހަރެން އޮފީހަށް އައި އިރު މިފަންނެއް ނެތެވެ. އޭނަ ރާއްޖެއިން ބޭރަށް ދަންޏާ، މާ ކުރިން އެ ވާހަކަ ދެކެވެއެވެ. އަންހެންކުދިން މިލާމޯޅިވެއެވެ. އެ ކަހަލަ އެއްވެސް ކަމެއް ނުވެ މިފަންނު އޮފީހުން ނުފެންނާނީ އެންމެ ސަބަބަކާ ހެދިއެވެ. އޭނަ ބަލިވީއެވެ. އާނއެކެވެ. ވީ އެހެންނެވެ. އަހަންނަށް އެ ކަން އެނގޭކަށް މާ ގިނަ އިރެއް ނުނެގިއެވެ. މިފަންނަށް ހެޔޮއެދުމުގެ ކާޑެއް ތައްޔާރުކުރުމުގެ މަސައްކަތް ހިނގައިގަތީމައެވެ. ކާޑުގައި ޑިޕާޓުމަންޓުގެ އެންމެންގެ ނަން ޖަހައި، ސޮއި އޮންނަން ޖެހެއެވެ.

"ރީމާ ބޭނުންތަ ނަން ޖަހަން؟" ކާޑު ހިފައިގެން އަހަރެން ގާތަށް އައި ޝިފާ އެހިއެވެ.

ނުނިމޭ