22 ޑިސެމްބަރ 2016 - 08:36

ދިވެހި ޑްރާމާ ސިލްސިލާތަކަށް ލޯބި ކުރާ މީހުންނަށް މިއީ އުފާވެރި ހަބަރަކަށް ވާނެ އެވެ.

ބައެއް ޑްރާމާތަކާއި ފިލްމުތަކުން ފެނިފައިވާ ދެމަފިރިން ކަމަށްވާ އަހުމަދު އަމަން އަލީ އާއި މަރިޔަމް ޝަހުޒާ (ޝަހޫ) ލީޑް ރޯލް ކުޅޭ ޑްރާމާ ސިލްސިލާއެއް ދެން މާ ގިނަ ދުވަސްތަކެއް ނުވެ ބެލުންތެރިންނާ ހަމައަށް އަންނާނެ އެވެ. މި ދެ ދެ ތަރިން އެންމެ ފަހުން އެކުގައި ފެނުނީ ފާތުމަތު ނަހުލާގެ ބިރުވެރި ފިލްމު "4426" އިންނެވެ.

ފަނަރަ އެޕިސޯޑްގެ ޑްރާމާ ސިލްސިލާ "ޝަކުވާއަކާ ނުލާ" ގެ މަންޒަރުތައް މިހާރު އަންނަނީ ފުވައްމުލަކުގައި ނަގަމުންނެވެ.

ބައެއް ފިލްމުތަކާއި ޑްރާމާތަކަށް ވާހަކަ ލިޔެފައިވާ މަރިޔަމް މޫސާގެ ވާހަކައަކަށް ހަދާ މި ޑްރާމާ ޑައިރެކްޓްކޮށް ކެމެރާ ކުރަނީ އަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ.
"ޝަކުވާއަކާ ނުލާ" ގައި ކިޔައި ދެނީ ކައިވެނިން ބޭރުން ގުޅުންތަކެއް ހިންގާ ޒުވާން ފިރިހެނެއްގެ ވާހަކަ އެވެ. ލޯބީގެ ހާދިސާތަކާ އެކު ޑްރާމާގައި އިޖުތިމާއީ ގިނަ މައްސަލަތަކެއް ވެސް ދައްކުވައި ދޭނެ އެވެ.
އަމަން ބުނީ ފުވައްމުލަކުގައި "ޝަކުވާއަކާ ނުލާ"ގެ ޝޫޓިން ފެށިތާ މިހާރު ހަ ދުވަސް ވެއްޖެ ކަމަށެވެ.
އޭނާ ބުނީ މިހާރު މަސައްކަތް ދާ ސްޕީޑަށް ބަލާ އިރު، 15 ވަރަކަށް ދުވަހުގެ ތެރޭގައި ޝޫޓިން ނިންމައި ލެވޭނެ ކަމަށެވެ. ޑްރާމާގެ އެންމެ މަންޒަރެއް ފިޔަވައި ހުރިހާ މަންޒަރެއް ނަގަނީ ފުވައްމުލަކުގެ ހިތްގައިމު ލޮކޭޝަންތަކުގަ އެވެ.
އަމަން އާއި ޝަހޫ ފިޔަވައި "ޝަކުވާއަކާ ނުލައި" ޑްރާމާގެ އެކި ރޯލްތަކުން ވެސް ފެންނާނީ ފުވައްމުލަކުގެ ފަންނާނުންނެވެ.
"ދެން އިންނާނީ ލަންކާގައި ނަގަން ޖެހޭ މަންޒަރެއް. ފުވައްމުލަކުގެ ޝޫޓިން ނިންމާލުމަށް ފަހު، ލަންކާ އަށް ފުރާނަން އެކޮޅުގެ މަންޒަރުތައް ނަގަން،" ނަހުލާގެ "އުމުރަށް ސަލާން" އާއި "ވަކިވުމުގެ ކުރިން" ފަދަ ޑްރާމާތައް ކުޅެފައިވާ އަމަން ބުންޏެވެ.
"ޑްރާމާ އިން މި ރަށުގެ ގާތްގަނޑަކަށް ފަންސާހަށް މީހުން އެކި ކަހަލަ ރޯލްތަކުން ފެންނާނެ. ވަރަށް ހިތްހަމަޖެހޭ މަސައްކަތް ދާ ގޮތާ ދޭތެރޭ. ރީތި އަދި ބެލުންތެރިން ބަލާ ހިތްވާ ކަހަލަ ޑްރާމާއަކަށް މީތި ވާނެ."
ފުވައްމުލަކަށް އުފަން އަމަން ބުނީ ފުވައްމުލަކުގައި ޑްރާމާ ޝޫޓް ކުރަން ނިންމި ސަބަބަކީ، ފުވައްމުލަކަކީ ގުދުރަތީ ރީތި މަންޒަރުތަކެއް ހިމެނޭ ރަށަކަށް ވާތީ ކަމަށެވެ.
"ގިނަ ފަހަރަށް މާލޭގައި މިކަހަލަ މަސައްކަތްތައް މި ކުރެވެނީ. އެހެންވެ ރަށެއްގެ ރީތިކަމާއި ހިތްގައިމުކަން ޑްރާމާއަކުން ދައްކާލުން އެންމެ ބޮޑު އެއް ބޭނުމަކީ. އަނެއްކާ މީގެ ވާހަކައަކީ ވެސް މުޖުތައުމުގެ މިހާރުގެ ހާލަތާ ވަރަށް ގުޅޭ އިޖުތިމާއީ ގިނަ މައްސަތަކެއް ކިޔައިދޭ ވާހަކައެއް،" އަމަން ބުންޏެވެ.
"ޝަކުވާއަކާ ނުލާ" ގައި ތީމް ލަވައެއް ވެސް ހިމެނޭނެ އެވެ. އެއީ ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އަލީ ރަމީޒާއި ފަޒީލާ އާމިރު (ފަޒީ) ކުރިން ކިޔައި، އަދި ރިލީޒް ނުވެ އޮތް ލަވައެކެވެ.
އަމަން ބުނީ މިއީ ސީޒަންތަކަކަށް ދެމިގެން ދާނެ ޑްރާމާއެއް ކަމަށެވެ.
"މީގެ ފުރަތަމަ ސީޒަނުގެ ފަނަރަ އެޕިސޯޑް ނިންމާލުމަށް ފަހު، މީގެ ދެވަނަ ސީޒަނެއް ވެސް އަންނާނެ. އެކަހަލަ ގޮތަކަށް މީތި ރާވާފައި އިނީ،" އޭނާ ބުންޏެވެ.
"ޝަކުވާއަކާ ނުލާ" ދައްކަން ހަމަޖެހިފައި ވަނީ ދިވެހި ފިލްމުތަކާއި ޑްރާމާތަކަށް ހާއްސަކޮށްގެން އަންނަ އަހަރު ލޯންޗް ކުރާ ޗެނަލަކުންނެވެ.