23 މާޗް 2022 - 14:35

މި އަހަރުގެ ނޮވެމްބަރުގައި ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕުގައި މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ނުފެނިދާނެ އެވެ.

ވޯލްޑް ކަޕް ފެށެން ކުޑަތަންވެފައިވީ ނަމަވެސް އަދިވެސް މުބާރާތުގެ ކޮލިފައިން ބުރުތައް ކުޅެ ނުނިމެ އެވެ. މިހާތަނަށް 15 ގައުމެއް ވޯލްޑް ކަޕަށް ކޮލިފައިވެފައިވާއިރު، ބާކީ 17 ޓީމުގެ ޖާގަ އެބައޮތެވެ.
ފީފާ އިންޓަނޭޝަނަލް ބްރޭކް މި މަހުގެ ނިޔަަށް ކުރިޔަށް ދާއިރު، މި ބްރޭކަށް ފަހު އިތުރު 14 ޓީމެއް ވޯލްޑް ކަޕުގެ ޖާގަތައް ޔަގީން ކުރާނެ އެވެ. ބާކީ ތިން ޖާގަ ކަށަވަރު ވާނީ އަންނަ ޖޫން މަހު ކުޅޭ ޕްލޭއޮފް މެޗުތަކަށް ފަހު އެވެ.
ޔޫރަޕުގެ ވަރުގަދަ ގައުމުތަކުގެ ތެރެއިން ޕޯޗުގަލް އާއި އިޓަލީ އަށް ވަނީ އެ ގައުމު ހިމެނުނު ކޮލިފައިން ގުރޫޕުގެ އެއްވަނަ ނުހޯދި، ޕްލޭއޮފް ކުޅެން ޖެހިފަ އެވެ. ޕްލޭއޮފްގައި ޕޯޗުގަލް އާއި އިޓަލީ ވެސް ހިމެނެނީ އެއް ބްރެކެޓެއްގަ އެވެ. ވޯލްޑް ކަޕުގައި ކުޅޭނީ ކޮންމެވެސް އެއް ގައުމެކެވެ. ދެ ގައުމު މުބާރާތުން ނުފެނިވެސް ދާނެ އެވެ.
ޕްލޭއޮފް ސެމީ ފައިނަލުގައި ޕޯޗުގަލް ވާދަކުރަން ހަމަޖެހިފައި ވަނީ ތުރުކީއާ އެވެ. މި މެޗުން މޮޅުވާ ޓީމަކާ ފައިނަލުގައި ޖެހޭނީ އިޓަލީ އާއި ނޯތު މެސެޑޯނިއާ ވާދަކޮށް މޮޅުވާ ޓީމަކާ އެވެ. ވޯލްޑް ކަޕުން ޖާގަ ލިބޭނީ ފައިނަލުގައި ވާދަކޮށް މޮޅުވާ ޓީމަކަށެވެ.
ޕޯޗުގަލް ވޯލްޑް ކަޕަށް ކޮލިފައި ނުވެއްޖެ ނަމަ ދުނިޔެ ދުށް އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ، 37، މި ޝަރަފްވެރި މުބާރާތުން ނުފެންނާނެ އެވެ. މި އަހަރުގެ ވޯލްޑް ކަޕަކީ އޭނާ ގައުމީ ޓީމަށް ކުޅެދޭ އެންމެ ފަހު ވޯލްޑް ކަޕަށް ވެސް ވުން އެކަށީގެން ވެއެވެ. އޭނާ ވަނީ މި އަހަރުގެ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ވިސްނާ ކަމަށް ވެސް ބުނެފަ އެވެ.
އިޓަލީ އަކީ އެންމެ ފަހުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަނެވެ. އިޓަލީ ވަނީ މީގެ ކުރިން ހަތަރު ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ. އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުން ވެސް އިޓަލީ އަށް ޖާގަ ގެއްލުނީ ޕްލޭއޮފްގައި ސްވިޑެން އަތުން ބަލިވެގެންނެވެ.
ސްވިޑެން ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައިވާ ޒްލަޓާން އިބްރަހިމޮވިޗް ވަނީ އުމުރުން 40 އަހަރުގައި އަލުން ގައުމީ ސްކޮޑުގައި ހިމަނައިފަ އެވެ. ސްވިޑެން އިން ޕްލޭއޮފް ސެމީ ފައިނަލުގައި ވާދަކުރާނީ ޗެކް ރިޕަބްލިކާ ދެކޮޅަށެވެ.
ރަޝިއާ އިން ޔޫކްރޭނަށް އަރައި ކުރަމުން ގެންދާ ހަނގުރާމަައިގެ ދަށުން ދުނިޔޭގެ ކުޅިވަރުން ރަޝިއާ ސަސްޕެންޑް ކޮށްފައި ވުމުން، ރަޝިއާ މެޗު ނުކުޅެ، ޕޮލެންޑަށް ވަނީ ޕްލޭއޮފް ފައިނަލުން އޮޓަމެޓިކް ޖާގައެއް ލިބިފަ އެވެ. ވޯލްޑް ކަޕުން ޖާގައެއް ހޯދަން ޕޮލެންޑާ ދެކޮޅަށް ފައިނަލުގައި ވާދަކުރާނީ ސްވިޑެން އާއި ޗެކް ރިޕަބްލިކް ކުޅޭ މެޗުން މޮޅުވާ ޓީމެކެވެ. ޕޮލެންޑުގެ ކެޕްޓަނަކީ މި ވަގުތު ދުނިޔޭގެ އެންމެ މޮޅު ފޯވާޑް ކަމަށް ގިނަ ބަޔަަކު ގަބޫލުކުރާ ރޮބާޓް ލެވަންޑޯސްކީ އެވެ.
އެފްރިކާ ބައްރުގެ ކޮލިފައިންގެ އެންމެ ފަހު ބުރުގެ ވާދަވެރިކަން ބޮޑެވެ. ކޮލިފައިންގެ އެންމެ ފަހު ބުރުގެ ފަސް މެޗުތައް މި އިންޓަނޭޝަނަލް ބްރޭކުގައި ކުޅޭއިރު، މީގެ ތެރެއިން އެއް މެޗަކީ މި އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލުގައި ވާދަކުރި މިސްރާއި ޗެމްޕިއަން ސެނެގާލްގެ މެޗެވެ.
މިސްރުގެ ފޯވާޑް މުހައްމަދު ސަލާހަކީ ވޯލްޑް ކަޕުގައި އެ ކުޅުންތެރިއެއްގެ ޖާދޫ ދެކެން އެންމެ ބޭނުން ވާނެ އެއް ކުޅުންތެރިޔާ އެވެ. ކްލަބް ލެވެލްގައި ސަލާހާ އެއް ޓީމަކަށް ކުޅޭ ސަޑިއޯ މާނޭ އާއި، ދުނިޔޭގެ އެންމެ މޮޅު ގޯލްކީޕަރު އެޑުއާޑް މެންޑީ އަކީ ސެނެގާލް ކުޅުންތެރިންނެވެ.
މި ދެ ޓީމުގެ އިތުރުން ވޯލްޑް ކަޕުގެ ޖާގައަކަށް ކެމަރޫން ނުކުންނާނީ އަލްޖީރިއާއާ ދެކޮޅަށެވެ. އަދި ގާނާ ނުކުންނާނީ ނައިޖީރިއާއާ ދެކޮޅަށެވެ. މި ގައުމު ތަކުގައި ޔޫރަޕުގެ މަޝްހޫރު ކުލަބުތަކަށް ކުޅޭ ގިނަ ކުޅުންތެރިން ހިމެނެ އެވެ.
ދެކުނު އެމެރިކާގެ ގައުމުތަކުގެ ތެރެއިން ބްރެޒިލް އާއި އާޖެންޓީނާ ވޯލްޑް ކަޕަށް ކޮލިފައިވެފައި ވާއިރު، އުރުގުއޭ އާއި ޗިލީ އަށް އުންމީދެއް އޮތީ ކޮލިފައިންގައި ބާކީ އޮތް ދެ މެޗު ވެސް ކާމިޔާބު ކޮށްގެންނެވެ. މި ވޯލްޑް ކަޕަށް ފަހު އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް، 35، އާއި އެޑިންސަން ކަވާނީ، 35، ވެސް ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމަށް ބެލެވެ އެވެ.