އޭސީ މިލާނުގެ މިޑްފީލްޑަރު ކެސިއޭ ބާސެލޯނާއަށް ބަދަލުވަނީ
އޭސީ މިލާނުގެ މިޑްފީލްޑަރު ކެސިއޭ ބާސެލޯނާއަށް ބަދަލުވަނީ

ބާސެލޯނާ (މާޗް 23) - އޭސީ މިލާނަށް ކުޅެމުން އަންނަ އައިވަރީ ކޯސްޓުގެ މިޑްފީލްޑަރު ފްރޭންކް ކެސިއޭ މި ސީޒަނަަށް ފަހު ބާސެލޯނާ އަށް ބަދަލުވާން އެއްބަސް ވެއްޖެ އެވެ.

އޭސީ މިލާނާ އެކު ކެސިއޭގެ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާ އިރު އޭނާ ބާސެލޯނާ އަށް ބަދަލުވަނީ ހިލޭ ޓްރާންސްފާއެއްގައި ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. ކެސިއޭ، 25، ބާސެލޯނާ އާ އެކު މެޑިކަލް ވެސް ފުރިހަމަކޮށްފައި ވާއިރު، މުސާރައިގެ ގޮތުގައި 2026 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް އަހަރަކު ހަތް މިލިއަން ޔޫރޯ އޭނާއަށް ލިބޭނެ އެވެ.

އެޓަލާންޓާ އިން 2017 ވަނަ އަހަރު ލޯނު އުސޫލުން އޭސީ މިލާނަށް ކުޅެން ފެށި ކެސިއޭ މިހާރު ވަނީ އެ ކުލަބަށް 200 އަށް ވުރެ ގިނަ މެޗު ކުޅެދީފަ އެވެ. މި ވަގުތު ސެރީ އާ ތާވަލުގެ އެއްވަނައިގައި އޮތް އޭސީ މިލާނަށް ކެސިއޭ ވަނީ، ލީގުގައި ކުޅުނު 23 މެޗުން ފަސް ގޯލު ޖަހައިދީފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކެސިއޭ ގެންދަން އާސެނަލް އާއި މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް އަދި ޓޮޓެންހަމް ހޮޓްސްޕާގެ އިތުރުން ޕީއެސްޖީ އިން ވެސް ޝައުގުވެރިވެ އެވެ. އަދި އޭސީ މިލާނުން ވެސް ވަނީ އޭނާ ކުލަބުގައި މަޑުކުރުވަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ކެސިއޭ ޑިމާންޑް ކުރާ ވަރަށް އަހަރަކު އަށް މިލިއަން ޔޫރޯ މުސާރައިގެ ގޮތުގައި ދޭން އޭސީ މިލާނުން އެއްބަހެއް ނުވެ އެވެ.

އޭސީ މިލާން މި ވަގުތީ އޮތީ ލީގަށް ވާދަކުރާ ތިން ޓީމުގެ ރޭހުގަ އެވެ. އެއްވަނައިގައި އޭސީ މިލާން އޮތީ 30 މެޗު ކުޅެގެން 66 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ނަޕޯލީ އަށް 30 މެޗުން ލިބެނީ 63 ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތީ 29 މެޗު ކުޅެގެން 60 ޕޮއިންޓް ހޯދާފައިވާ ވާދަވެރި އިންޓަ މިލާނެވެ.

ބާސެލޯނާ ވަނީ ހިލޭ ޓްރާންސްފާގެ ދަށުން، ޗެލްސީ އަށް ކުޅެމުން އަންނަ ޑެންމާކު ޑިފެންޑަރު އަންޑްރެސް ކްރިސްޓެންސެން ވެސް މިސީޒަން ނިމުމުން ގެންނަން އެއްބަސްވެފަ އެވެ. މީގެ އިތުރުން ޗެލްސީގެ ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާގެ ކޮންޓްރެކްޓު ވެސް މި ސީޒަން ނިމުމުން ހަމަވާއިރު އޭނާ ހޯދަން ވެސް ބާސެލޯނާ ވަނީ މަސައްކަތް ފަށައިފަ އެވެ.

މީގެ އިތުރުން ވެސް އަންނަ ސީޒަނަށް، ލީޑްސް ޔުނައިޓެޑަށް ކުޅޭ ބްރެޒިލްގެ ވިންގާ ރަފީނިއާ ގެންނަން ބާސެލޯނާއިން ޝައުގުވެރިކަން ފާޅުކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ކުލަބުން ލީޑްސް ޔުނައިޓެޑާ އެކު ރަސްމީ ސިފައެއްގައި މަޝްވަރާތައް ފަށާފައި ނުވާއިރު، ރަފީނިއާގެ އެޖެންޓް، ކުރީގެ ބާސެލޯނާގެ މިޑްފީލްޑަރު ޑެކޯއާ އެކު މަޝްވަރާތައް ވަނީ ކުރިޔަށް ގެންގޮސްފަ އެވެ.

ރަފީނިއާއާ އެކު ވެސް އަނގަބަހުން އެއްބަސްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނާއިރު، ބާސެލޯނާއިން އޭނާ ގަންނަން ލީޑްސް އަށް 35 މިލިއަން ޔޫރޯ ހުށަހަޅާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ފްރާންސްގެ ރެންސް އަށް ކުޅުމަށް ފަހު 2020 ވަނަ އަހަރު ލީޑްސް އަށް ބަދަލުވި ފަހުން ރަފީނިއާ ވަނީ މިހާތަނަށް ޕްރިމިއާ ލީގުގައި ކުޅުނު ދެ ސީޒަނުގައި 57 މެޗު ކުޅެ 15 ލަނޑު ޖަހައިފަ އެވެ.