22 މާޗް 2022 - 21:32

އެމްޓީސީސީގެ ފެރީގެ ހިދުމަތުގައި ބޭނުންކުރާ އެކްސްޕްރެސް ލޯންޗެއް މީގެ ނުވަ އަހަރު ކުރިން އެހެން ލޯންޗެއްގައި ޖެހި އެކްސިޑެންޓުވެ މީހަކު މަރުވި ހާދިސާގައި ދައުވާ ލިބުނު އެމްޓީސީސީ ލޯންޗުގެ ކައްޕިގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
އެކްސްޕްރެސް ލޯންޗް "ގާދޫނި" ދުއްވަން އިން އަބްދުލްވާހިދު އާދަމްގެ މައްޗަށް ދައުވާކުރީ އޭރުގެ ގާނޫނުލްއުގޫބާތުގެ ދަށުން އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ. އެ ދައުވާގައި ބުނެފައި ވަނީ ޑިސެމްބަރު 2، 2012 ވަނަ ދުވަހުގެ ރޭ 8:15 ހާއިރު ގާދޫނި ލޯންޗް "އޯކިޑް 31" ލޯންޗުގައި ޖެހި އޭގައި އިން ފިންލެންޑް މީހެއް ކަމަށްވާ ޖުހާ ޓަޕަނީ ޕަޓީލާ މަރުވީ ބަލަންވާ ވަރަށް ނުބަލައި ބާރަށް ދުއްވުމުން ކަމަށެވެ.
ޓޫރިސްޓުން ގޮވައިގެން ދަތުރުކުރި ލޯންޗުގައި އެމްޓީސީސީގެ ލޯންޗް ޖެހުނީ ހުޅުމާލެއިން މާލެއަށް ކުރި ދަތުރެއްގައި ދޫނިދޫ ކައިރިން ކަމަށާއި އެ ލޯންޗް ގޮސް ޖެހުނީ ޓޫރިސްޓުން ގޮވައިގެން ދަތުރުކުރި ލޯންޗްގައި ފަހަތުން ކަނާތްފަރާތުގައި ކަމަށް ދައުވާގައިވެ އެވެ.
އޭރު އަމަލުކުރި ގާނުނުލްއުގޫބާތުގައި އެންމެ އާންމުކޮށް ދައުވާކުރި އެއް މާއްދާ ކަމަށްވާ 88ގެ ހ. ގެ ދަށުން، އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް ސާބިތުވެއްޖެ ނަމަ ދެ ގޮތަކަށް އަދަބު ކަނޑައެޅެ އެވެ. އެއީ؛
● މީހެއްގެ ހަށިގަނޑަށް، މިލްކަކަށް ނުވަތަ ހިއްސަކަށް ގެއްލުމެއް އުނިކަމެއް ލިބިއްޖެ ނަމަ، ގިނަވެގެން އެއް އަހަރަށް ޖަލަށް ލުން ނުވަތަ އަރުވާލުން. ނުވަތަ ގިނަވެގެން 250ރ. އިން ޖޫރިމަނާކުރުން.
● މިފަދަ ކުށެއްގެ އަމަލެއްގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ އިސްލާމީ ޝަރީއަތުގައި އޮންނަ އަދަބެއް ދިނުން.
މި ދައުވާގައި ކުށް ސާބިތުވި ނަމަ ހުކުމް އަންނާނީ މަރުގެ މައްސަލައިގަ އެވެ.
ދައުވާ ލިބުނު އަބްދުލްވާހިދުގެ ފަރާތުން ޝަރީއަތުގައި ވަކީލް ވިދާޅުވެފައި ވަނީ ދައުވާ އަށް އިންކާރުކުރާ ކަމަށާއި ޝަރުއީ ގޮތުން ނުކިޔަމަންތެރިވީ ކޮން އަމުރަކަށް ކަން ސާފުކޮށްދޭން އެދޭ ކަމަށެވެ. ރައްދުގައި ދައުލަތުން ބުނެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރުމާއި ކަނޑުގައި ދަތުރުފަތުރު ކުރުމުގެ އުޅަނދުފަހަރާ ގަވައިދުގައި، ހުޅުލޭ އުތުރު ކަނުން ފެށިގެން ދޫނިދޫގެ އުތުރު ކަނުން ވިލިމާލޭގެ އުތުރު ކަނަށް، އަދި ވިލިމާލޭގެ ދެކުނު ކަނުން ފެށިގެން މާލޭގެ ދެކުނު ފަރާތަށް ގޮސް ހުޅުލޭ އިރު ދެކުނު ކަނާ ހަމަޔަށް އޮންނަ ސަރަހައްދުގައި ރޭގަނޑު 6:30 އިން ފަތިހު 5:30 އާ ދެމެދު ދުއްވަން ޖެހޭނީ 10 މޭލަށް ވުރެ މަޑުން ކަމަށް އޮންނަ ކަމަށެވެ. އެކަމަކު ލޯންޗް ދުއްވީ 15-16 ނޯޓިކަލް މޭލު ބާރުމިނުގައި ކަމަށް އަބްދުލްވާހިދު ތަހުގީގުގައި ބުނެފައިވާ ކަމަށް ދައުލަތުން ބުންޏެވެ. އެހެންވެ މިއީ އަމުރަށް ނުކިޔަމަންތެރިވުން ކަމަށް ދައުލަތުން ބުންޏެވެ.
ހުކުމުގައި ބުނެފައި ވަނީ އެކްސިޑެންޓުގައި ހިމެނުނު އޯކިޑް ލޯންޗު ވެސް، އެމްޓީސީސީގެ ލޯންޗުން ނައްޓާފައި ދާންވެގެން ބާރަށް ދުއްވިކަން އޯކިޑް ލޯންޗްގެ ކައްޕީގެ ހެކި ބަހުން އެނގޭ ކަމަށެވެ. އަދި އެމްޓީސީސީގެ ލޯންޗް ބަލަންވާ ވަރަށް ނުބަލައި ބާރު ސްޕީޑުގައި ދުއްވިކަން ސާބިތުކޮށްދޭން ދައުލަތުން ހުށަހެޅި ހެކިން އެކަން ސާބިތު ނުވާ ކަމަށް ބުނެފައިވެ އެވެ.
ޝަރީއަތުގައި، ދައުވާ ލިބުނު ފަރާތުންނާއި ދައުލަތުން ވެސް ގިނަ އަދަދެއްގެ މީހުންނާއި ކިތާބީ ހެކި ހުށަހެޅި ނަމަވެސް ގާޒީ އަލީ އާދަމް ކުރެއްވި ހުކުމުގައި ވަނީ މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުކުރުމަށް ގާނޫނުއަސާސީގައި ބުނާ މިންވަރަށް ޝަރީއަތަށް ދައުވާ ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އެހެންވެ އަބްދުލްވާހިދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅީ އެވެ.