"ތޯ"ގެ ޝޫޓިން އަދިވެސް ނުނިިމޭ
"ތޯ"ގެ ޝޫޓިން އަދިވެސް ނުނިިމޭ

މާވެލް އިން މި އަހަރު ނެރުމަށް ތައްޔާރުވަމުން އަންނަ ސުޕަހީރޯ ފިލްމު "ތޯ"ގެ ހަތަރު ވަނަ ބައި "ލަވް އެން ތަންޑާ"ގެ ޝޫޓިން އަދިވެސް ނިމިފައި ނުވާ ކަމަށް ފިލްމުގެ ކްރޫ މެމްބަރުންތަކެއް ބުނެފި އެވެ.

މިއަހަރުގެ ޖުލައި މަހުގައި ނެރުމަށް ތައްޔާރުވެފައިވާ ލަވް އެންޑް ތަންޑާ ފިލްމަކީ މިހާތަނަށް ނެރޭ ތޯގެ ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ފިލްމެވެ. ނަމަވެސް ފިލްމު ރިލީޒްކުރަން ކައިރިވެފައިވާއިރު އެ ފިލްމާ ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައި ނުވާތީ ފޭނުން ތިބީ ވަރަށް ކަންބޮޑުވެފަ އެވެ.

ފިލްމުގެ ކްރޫއިންގެ ތެރެއިން ބަޔަކު ޑެއިލީ މެއިލް އަށް ދާދި ފަހުން މައުލޫމާތު ދިން ގޮތުގައި ފިލްމުގެ ޝޫޓިން ނިމިފައި އޮއްވައި އޭގެ ރީޝޫޓްތަކެއްގެ މަސައްކަތް އަލުން ކުރަން ވަނީ ފަށައިފަ އެވެ.

ރީޝޫޓްތަކުގެ މަސައްކަތް ކުރަނީ އެކްޓަރު ކްރިސްޓިއަން ބޭލްއާ އެކުގަ އެވެ. އޭނާ އަކީ އާ ފިލްމުގެ ވިލަން، "ގޯރު"ގެ ރޯލުން ފެންނާނެ އެކްޓަރެވެ.

ކްރޫއިން ބުނަނީ ފިލްމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް ނުނިމި ބައެއް މަސައްކަތް ހުރުމުން އެކަމާ ކަންބޮޑުވާ ކަމަށް ވެސް ކްރޫއިން ބުންޏެވެ.

އާންމުކޮށް މާވެލްގެ ފިލްމެއް އެޅުވުމުގެ އެތައް މަހެއް ކުރިން ޓީޒާތަކާއި ޓްރެއިލާތައް ރިލީޒްކުރަން ފަށާނެ އެވެ. ނަމަވެސް، އެ ފިލްމުގެ ހުރިހާ މައުލޫމާތެއް ވެސް ވަނީ މިހާތަނަށް ފޮރުވިފަ އެވެ. އެކަމަކު ކްރޫއިންގެ ތެރޭގައި ވާހަކަ ދެކެވޭ ގޮތުގައި ފިލްމުގެ ފުރަތަމަ ޓީޒާއެއް އަންނަ ހަފުތާ ބަންދުގައި ފެންނާނެ އެވެ.