22 މާޗް 2022 - 15:46

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވާ ޓުވީޓެއް އޭނާގެ އެކައުންޓުން ކުރީ އެމްޑީޕީގެ އިންތިހާބުގައި އޭނާގެ ދައުރެއް އޮތް ކަން ދެއްކުމަށް ކަމަށާއި އެއީ އެކައުންޓް ހެކްކޮށްގެން ހިންގާފައިވާ ކަމެއް ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
މި ޓުވީޓާ އެކު އަލީ ޒާހިރަށް އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ގެންދަވަނީ ވަަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެ ޕާޓީގެ އިންތިހާބުގައި އޭނާގެ ދައުރެއް ނޯންނާނެ ކަމަށް ވިދާޅުވެ ފަހަތަށް ޖެހިވަޑައިގަތުމަށް ވެސް ބައެއް މެމްބަރުން ޓުވިޓާގައި ގޮވާލެއްވި އެވެ.
އަދާލަތު ޕާޓީގެ ކުރީގެ ނައިބު ރައީސް އަލީ ޒާހިރުގެ އެކައުންޓުން ރިޕްލައިކުރީ އެމްޑީޕީގެ ޗެއާޕާސަން ކަަމަށް ވާދަކުރައްވާ އިމްތިޔާޒް ފަހުމީ (އިންތި)ގެ ކެމްޕޭންގެ ސޯޝަލް މީޑިއާ ހަރަކާތުގައި އިސްކޮށް އުޅުއްވާ، ހެރިޓޭޖް މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަރު އަދި ޝައްމޫން ޖަލީލް (ލޫކަސް)ގެ ޓުވީޓަކަށެވެ.
ލޫކަސްގެ ޓުވީޓުގައި ފާޑުކިޔާފައި އޮތީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ކެމްޕޭން ޓީމުގެ ވާހަކަތަކަށް ކަމަށް ބެލެވެ އެވެ. އެމްޑީޕީ "ހިންގާލަން" ނަމުގައި ކެމްޕޭން ކުރިއަށް ގެންދަވަނީ ކޮން ކަމެއް ނުވެގެންތޯ އެ ޓުވީޓުގައި ސުވާލު އުފައްދާފައިވެ އެވެ.
"ކޮން ކަމެއް ނުވެގެންބާ އެ އުޅެނީ. ވަޒީރުކަމުގައި ވެސް ހުރީ އެމްޑީޕީ ލީޑަޝިޕުން މަސައްކަތްތަކެއްކޮށް އިންތިހާބުތަކެއް ކާމިޔާބުކުރީމަ ނޫންތޯ؟ 16 އަހަރު ޕާޓީ ނުހިނގައޭ ބުނާއިރު އެމްޑީޕީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށްވެ ގިނަ އިންތިހާބުތަކެއް ނެގީ، ނަގަމުން ދަނީ ނުހިނގާތީ؟" ލޫކަސްގެ ޓުވީޓުގައިވެ އެވެ.
މި ވާހަކައަށް އަލީ ޒާހިރުގެ އެކައުންޓުން ރައްދު ދީފައި އޭނާ ހުންނެވި މަގާމުގެ ހައިސިއްޔަަތަށް ބަލާއިރު، ވަރަށް ހުތުރުކޮށެވެ.
"ތިޔަ ބުނާ ވަޒީރު ވެސް އެކަމުގައި އުޅެ ގޭނުނޭ. ކަލޯ ހިތުން ޔޫކޭގައި ގޮނޑި ދުއްވަން އިން މީހަކު ކުރި މަސައްކަތް އެކަނި ކަމަށްތަ އެމްޑީޕީ މިއަދު މި ހިސާބަށް އައީ. ރައީސް އިބޫ ވާ ކެތްގަދަ. މި ކަހަލަ .... ވެސް ލައިގެން ވިއްޔާ އަދިވެސް އެ އިންނަވަނީ،"
މި ޓުވީޓާ އެކު އިންތިގެ ކެމްޕޭން ޓީމުގައި އިސްކޮށް އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގެންދަވަނީ އަލީ ޒާހިރަށް ރައްދު ދެއްވަމުންނެވެ.
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ އެމްޑީޕީގެ އިންތިހާބާ އަލީ ޒާހިރާ ކުޑަ ވެސް ގުޅުމެއް ނެތް ކަމަށެވެ. އޭނާ އެދިވަޑައިގަތީ އެމްޑީޕީގެ ކަންކަމާ އަލީ ޒާހިރު ބެހިވަޑައިނުގަތުމަށެވެ.
"އެމްޑީޕީގެ މެމްބަރުންގެ ބުރަ މަސައްކަތުން ގެނައި ސަރުކާރުގެ ތިޔަވަރު މަގާމެއްގައި އިންނެވުނެއްކަމަކު، މި ޕާޓީ ހަރާބުކުރާކަށް މި ޕާޓީ މެމްބަރުން ފުރުސަތެއް ނުދޭނެ. ފަހަތަށް ޖެހިވަޑައިން މިޕާޓީ އަށް މިކަން ދޫކޮށްލައްވާ،" އީވާ ވިދާޅުވި އެވެ.
މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ މި އިންތިހާބަށް އަމާޒުކޮށް ރައީސް އޮފީހުގެ އެކި އެކައުންޓްތަކުން ޓުވީޓްކުރެވެނީ އޮޅިގެން ކަމަށެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި އޮޅިގެން މުޅި ދައުލަތް ބޭނުން އެބަ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ މުއައްސަސާތައް ބޭނުންކުރަނީ ކުރާ ނުރަނގަޅު ކަންކަން ފޮރުވަން ކަމަށެވެ. އެގޮތަށް ކަންކުރުމުން މުޅި ދައުލަތާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭ ކަމަށް ވިދާޅުވި އެވެ.
މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ތުހުމަތު ކުރެއްވި ގޮތުގައި ވެރިފައިޑް އެކައުންޓެއް އެހާ ފަސޭހައިން ހެކްކޮށްގެން ޓުވީޓް ކުރުމުގެ ފުރުސަތެއް ނެތެވެ.
އެކަމަކު އަލީ ޒާހިރު ވަނީ އޭނާގެ އެކައުންޓް ހެކްކުރި މައްސަލަ ޕޮލިހަށް ވެސް ހުށަހަޅައިފަ އެވެ.
އެމްޑީޕީގެ ދެ ފެކްޝަނުން ކެމްޕޭންކުރަމުން އަންނަ އިންތިހާބާ ގުޅޭ ގޮތުން އަލީ ޒާހިރަށް ފާޑުކިއުން ބޮޑުވެފައިވާ އިރު، އަދާލަތު ޕާޓީގެ ސްލޮޓެއްގައި، ރައީސް އިބްރާހިމް މުުހައްމަދު ސޯލިހާ އެހާ އަރިސް މަގާމެއްގައި އަލީ ޒާހިރު ހުންނެވުމާ މެދު ނުރުހުން ފާޅުކޮށް ވެސް ބަހުގެ ހަމަލާތައް މީގެ ކުރިން އަމާޒުވި އެވެ.