22 މާޗް 2022 - 14:40

ރާއްޖޭގެ ފުރަތަމަ އަންހެން ސާޖަންޓް މޭޖަ މަގާމާ އެކު ސަމްހާ ޔޫސުފް އެމްއެންޑީއެފްގެ ތާރީހް ބަދަލުކޮށްލައިފި އެވެ.

މިއީ އެމްއެންޑީއެފްގެ 100 އަހަރަށް ވުރެން ދިގު މުއްދަތުގައި މިހާ އިސް މަގާމެއް އަންހެނަކު ފުރުއްވާ ފުރަތަމަ ފަހަރެވެ. ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އާއި މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް މިކަން ސިފަކުރެއްވީ އަންހެން ސިފައިންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރަކާއި ކުރިއެރުމެއްގެ ގޮތުގަ އެވެ.

ސްކޫލް ނިންމި ގޮތަށް އެމްއެންޑީއެފަށް ސަމްހާ 46 ވެންނެވީ ދެ އަހަރުގެ ބޮންޑެއްގަ އެވެ. އެ ބޮންޑަށް ފަހު އެހެން ދާއިރާއަކަށް ވިސްނުން ގެންގުޅުއްވިޔަސް ހަތަރު މަހުގެ އަސާސީ ތަމްރީނާ ހަމައިން އޭނާގެ ހިޔާލު ބަދަލުވީ އެވެ.

ގައުމީ ހިދުމަތުގައި ދެމި ހުންނެވުމުގެ މުހިއްމުކަން ފިޔަވައި އިތުރު އަޒުމެއް ވޭތުވެދިޔަ 23 އަހަރުގައި ނެތެވެ. ރޭންކަކަށް ފަހު ރޭންކަކަށް އަރައި ކުރި ހޯއްދަވަމުން އޭނާގެ ކެރިއަރުގައި މިހާރު ހުންނެވީ ހިތްހަމަޖެހިވަޑައިގަންނަވާ ހިސާބުގަ އެވެ.

ސަމްހާއަށް އެ ހިސާބަށް އާދެވުނީ ބުރަ މަސައްކަތާއި ހިތްވަރުންނެވެ. ކޮންމެ ރޭންކެއް ނިންމައި އަނެއް ރޭންކަށް ދެވޭނީ ވަރަށް ގިނަ މަސައްކަތާއި އަހުލާގީ މިންގަނޑުތަކެއްގައި ހިފަހައްޓައިގެންނެވެ.

"މި ހިސާބަށް އާދެވުނީމަ ގަބޫލުކުރެވޭ އަޅުގަނޑަށް ސިފައިންގެއަށާއި ގައުމަށް ރަނގަޅު މަސައްކަތްތަކެއް ކޮށްދެވިއްޖެ ކަމަށް. އެއީ ވަރަށް ބޮޑު އުފަލެއް, ހިތްހަމަޖެހުމެއް," ސަމްހާ ވިދާޅުވި އެވެ.

އޭނާ ވޭތުވެދިޔަ 23 އަހަރުގެ ތެރޭގައި ގިނަ ތަމްރީންތަކެއް ފުރިހަމަ ކުރައްވައިފި އެވެ. އެއީ، ބުރަ މަސައްކަތާ އެކު ފަހަތަށް ނުޖެހި ކޮންމެ ދުވަހެއްގެ ޓާސްކް ފުރިހަމަ ކުރުމުގެ ނަތީޖާ އެވެ.
ސަމްހާ މިހާރު ހުންނެވީ, ސިފައިންގެ ހުރިހާ ތަމްރީންތަކެއް ކުރިއަށް ގެންދާ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ އިންސްޓްރަކްޓަރެއްގެ ގޮތުގަ އެވެ. ވެޕަން އިންސްޓްރަކްޓަރެއްގެ ގޮތުގައި އޭނާ ގެންދަވަނީ އެމްއެންޑީއެފްގެ އަންހެން އޮފިސަރުން ތަމްރީންކުރެއްވުމުގައި ވެސް އިސްކޮށް އުޅުއްވަމުންނެވެ.
ސްކޫލް ދައުރުގައި ވަރަށް ހަރަކާތްތެރި ދަރިވަރަކަށް އުޅުމުން އޭނާއަށް ތަމްރީންތަކުގައި މާބޮޑު އުނދަގޫތަކެއް ކުރިމައްޗެއް ނުވެ އެވެ. އެއާއެކު ފަޅު ރަށްތަކާއި އެހެން ފެސިލިޓީތަކުގައި ފިރިހެން އޮފިސަރުންނާ އެކު ތަމްރީންތައް ހެއްދެވުމާއި އެހެން މީހުންނަށް ތަމްރީން ދެއްވުމުގައި އުޅުއްވި އިރު ލިބިވަޑައިގަތް އެހީތެރިކަމަކީ ކުރިއަށް ދިއުމުގައި ވަރަށް ބޮޑު ހިތްވަރެއްގެ ގޮތުގައި ސަމްހާ ފާހަގަކުރެއްވި އެވެ.
"ފިރިހެން އޮފިސަރުންނާ އެއް ލެވެލްއެއްގައި އެކީގައި މަސައްކަތް ކުރަން އަޅުގަނޑަށް ފުރުސަތު ފަހިވި," އޭނާ ވިދާޅުވި އެވެ.
އެމްއެންޑީއެފްގައި ދެން ތިބި އަންހެން ސިފައިންނަށް ވެސް ކުރިއެރުން އޮތް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. ކުރިއަށް ނެރެ, ހިތްވަރު އާކުރަންވީ ދެވެން އޮތް އެންމެ މައްޗަކަށް ދިއުމުގެ އަޒުމް ކަމަށް ވިދާޅުވި އެވެ.
އޭނާގެ ކުރިއެރުމަށް އެމްއެންޑީއެފްގެ ލީޑަޝިޕުން ބާރު އަޅައި ހިތްވަރާއި ދެއްވި ފުރުސަތު ސަމްހާ ފާހަގަކުރެއްވި އެވެ.
"ދިފާއީ ވަޒީރަކަށް އަންހެން ބޭފުޅަކު ހުންނެވުމުން އެމްއެންޑީއެފްގައި ލިބޭ ފުރުސަތުތައް ކުރިއާ އަޅާބަލާއިރު އިތުރުކަން ފާހަގަކުރެވޭ," އޭނާ ވިދާޅުވި އެވެ.
"ކޮންމެ މީހަކު ވެސް ކަނޑައަޅަން ވީ އަޒުމެއް. ކޮންމެ ދާއިރާއެއްގައި ވެސް ލިބޭ ފުރުސަތު ދޫނުކޮށް, ރަނގަޅު ގޮތުގައި ހިފައިފި ނަމަ ކުރިއަށް ދެވޭނެ. އެ ހުނަރާއި ހިތްވަރު އަންހެނުންގެ އެބަހުރި."
މިނިސްޓަރު މާރިޔާ "މިހާރު"އަށް ވިދާޅުވީ ސަމްހާއަކީ ނަމޫނާއެއް ކަމަށެވެ. އެމްއެންޑީއެފްގެ ދެން ތިބި އެހެން އަންހެން ސިފައިންނަށް ވެސް އެ ހިސާބަށް ދެވޭނެ ކަމުގެ ޔަގީންކަން މިނިސްޓަރަށް އެބައޮތެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސާޖަންޓު މޭޖަ ސަމްހާ އަކީ ނަމޫނާ ސޯލްޖަރެއް. އުމުރުން 23 އަހަރުގައި ސިފައިންގެއާ ގުޅިވަޑައިގެންނެވި ފަހުން 23އަހަރު ވެގެން ދިޔައިރު ސަމްހާ ކުރަމުން އައި ބުރަ މަސައްކަތާއި އަޒުމާއި ހިތްވަރަށް ގުޑުމެއް ނާދޭ," މިނިސްޓަރު ވިދާޅުވި އެވެ.
އެކަން ސާބިތުވަނީ, މިނިސްޓަރު ވިދާޅުވި ގޮތުގައި، ސަމްހާ ހޯއްދެވި ގިނަ ކާމިޔާބީތަކުންނެވެ.
"ފިރިހެނުން ގިނަ މާހައުލެއްގައި އަންހެނަކަށް ވީތީ ތިމަންނާޔަށް މިވެނި ކަމެއް ނުވާނެއޭ ބުނުމުގެ ބަދަލުގައި ހަވާލުކުރާ ކޮންމެ ޓާސްކެއް ޗެލެންޖެއް ކަމަށް ބަލައިގެން ކުރިއަށް ގެންދިއުމުގެ މުހިއްމު ކަމުގެ ވާހަކަ އަޅުގަނޑުމެން އަބަދުމެ ދައްކާއިރު ސަމްހާ ފަދަ ނަމޫނާ ކަނބަލުންގެ މިސާލުން އަދުގެ ޖީލާއި އަންނަން ހުރި ޖީލުތަކުގެ ކުދިން ހިތްވަރު ލިބިގަތުމަކީ ވަރަށް މުހިއްމު ކަމެއް."