ދުވެ ވަރުބަލިވެގެން ވެސް ހުއްޓާލީ ވަގުކަލޭގެ އަތުލައިގެންފައި
ދުވެ ވަރުބަލިވެގެން ވެސް ހުއްޓާލީ ވަގުކަލޭގެ އަތުލައިގެންފައި

ކުށްކުރާ މީހުން ހޯދައި ހައްޔަރުކުރަން އެ މީހުންގެ ފަހަތުން ފުލުހުން ދުވުމަކީ އާ ކަމެއް ނޫނަސް އެ މަންޒަރު އެއްކޮށް މިހެން ފެނުމުން ތަފާތެވެ. މި ފެންނަނީ މާލޭގައި ވައްކަމުގެ ތުހުމަތުކުރެވުނު މީހެއްގެ ފަހަތުން ފުލުހަކު ދުވެ، އަތުލައިގަންނަނިކޮށެވެ. ވަރުބަލިވެ ކުރިއަށް ނުދެވޭ ވަރުވީ އިރު ވެސް ހުއްޓާނުލައި ނުދެ ގެއެއްގެ ސިޑިއަކުން ވެސް އަރައި އެ މީހާ އަތުލައިގަނެ އެވެ.

އެ ވީޑިއޯ އިން ފެންނަ ގޮތުގައި ފުލުސް އޮފިސަރަކު އެ ފިރިހެން މީހާގެ ފަހަތު މަގުމަތިން ދުވަން ފެށީ ވަރަށް ބާރަށެވެ. ވައްކަން ކުރި ކަމަށް ތުހުމަތުވާ މީހާ ހުރީ ވަރަށް ކުރީގަ އެވެ. އެކަމަކު ފުލުސް ވެސް ހަލުވިކޮށް ދުވެ އަރައި ހަމަކުރުމުގެ ކުރިން ގޮސް ގެއެއްގެ ތެރެއަށް ވަދެ ސިޑިއަކުން މައްޗަށް އަރަ އެވެ. ސިޑިން ވެސް ދުވެފައި އަރާއިރު ސިޑިމަތި ފެންނަ ގޮތަށް ކޮންމެ ފްލޯއެއްގައި ހުރި ކެމެރާއަށް ވެސް ހުރިހާ މަންޒަރެއް ދިޔައީ އަރަމުންނެވެ.

ވަކި ހިސާބަކުން އެ މީހާ އާއި ފުލުސް އޮފިސަރު ވެސް ވަރުބަލިވެ، ހިނގަމުން، ތަންތަނުގައި ހިފަހައްޓަމުން ކަހަލަ ގޮތަކަށް އަރާތީ ފެނެ އެވެ.

ފުލުސް އޮފިސަރު ގޮސް، ފިލަން އުޅުނު މީހާގެ ޓީޝާޓުގެ ގިރުވާނުގައި ހިފައި އަނެއްކާ ސިޑިން ތިރިއަށް ގެންދެ އެވެ. އޭރު ދެ މީހުން ވެސް ތިބީ ވަރުބަލިވެ "ހުސްވެފަ" އެވެ.

މި މަންޒަރު ފެނި މަޖާވެގެން އެތައް ބަަޔަކު ކޮމެންޓްކޮށްފައި ހުއްޓެވެ.

"ފުލުސް އޮފިސަރުގެ މަސައްކަތް ވަރަށް ފުރިހަމަ. އެކަމަކު އޭނާ އެބަޖެހޭ ބުންވަރު ހެޔޮވަރުކޮށްލަން. ހާދަ އަވަހަކަށޭ އެ ވަރުބަލިވީ،" އެ ވީޑިއޯ އަށް ކޮމެންޓްކުރި މީހަކު ބުންޏެވެ.

އަނެއް ބަޔަކު ބުނީ މި ފެންނަނީ ކޮންމެ ހާލަކުން ވިޔަސް ފުލުހުން އެ މީހުންގެ ޒިންމާ އަދާކުރަން ކުރާ މަސައްކަތް ކަމަށާއި އެކަމަށް ސާބަސް ދޭންޖެހޭ ކަމަށެވެ.

ވީޑިއޯގެ މަންޒަރު މަޖާވެގެންނާއި ފުލުހުންގެ މަސައްކަތާ ގުޅޭ ގޮތުން މީހުން އެކި ގޮތްގޮތަށް ކޮމެންޓްތައް ކޮށްފައި ހުއްޓެވެ.

އެ ވީޑިއޯގައި ފެންނަ މަންޒަރާ ގުޅޭ ގޮތުން ފުލުހުން "މިހާރު" އަށް ބުނީ އެއީ އިއްޔެ މެންދުރު ޗާންދަނީމަގުގައި ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފޮށިގަނޑެއް ހިފައިގެން އުޅުނު ދިވެހި ފިރިހެނަކު ފެނިގެން އޭނާ ގާތު މަޑުކުރަން ބުނުމުން، އެކަމަށް ދެކޮޅު ހަދައި ދުވެ ފިލަން އުޅުމުން ހިފެހެއްޓި މަންޒަރު ކަމަށެވެ.

ފުލުހުން ބުނީ އެ މީހާ ހައްޔަރުކޮށްފައިވާ ކަމަށާއި މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ.