22 މާޗް 2022 - 10:52

ރާއްޖޭގެ އެންމެ ބޮޑު ސްޓްރީމިން ސާވިސް "ބައިސްކޯފް"ގެ ޓީވީ އެޕްލިކޭޝަން ފުރަތަމަ ފަހަރަށް އިއްޔެ ދައްކާލައިފި އެވެ.

ބައިސްކޯފު ހެޑް އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ ސާވިސްގެ ޓީވީ އެޕްލިކޭޝަން ވަނީ މީޑިއާތަކާއި މިކަމުގައި އެކި ގޮތްގޮތުން އެހީތެރިވެފައިވާ މީހުންނަށް ދައްކާލައިފަ އެވެ. އެ ރަސްމިއްޔާތުގައި ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާގެ އިސް ބޭފުޅުން ވެސް ބައިވެރިވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބައިސްކޯފުގެ އާޓް ޑިރެކްޓަރު ނޫރާ ރަޝީދު ވިދާޅުވީ އަލަށް ލޯންޗުކުރި އެޕްލިކޭޝަނުގައި ވެސް، މޯބައިލް އެޕްލިކޭޝަނުން ލިބޭ ހުރިހާ ފީޗާއެއް ހުންނާނެ ކަމަށެވެ.
ޓީވީ އެޕާ އެކު ކޮންމެ އެކައުންޓަކުން ދެން ދެ ޑިވައިސް އަށް ސަޕޯޓް ކުރާނެ އެވެ. އަދި އެ އެޕް މެދުވެރިކޮށް ފިލްމާއި ސީރީޒް އަދި މިއުޒިކުގެ އިތުރުން އޯޑިއޯ ފޮތްތަކާއި ލައިވް ޓީވީ ޗެނަލްތައް ވެސް ބެލޭނެ އެވެ.
ބައިސްކޯފުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު މިރުޝާނު ވިދާޅުވީ އެ އެޕަކީ ވަރަށް ގިނަ ދުވަހުގެ އިންތިޒާރެއްގެ ނިމުން ކަމަށެވެ. އަދި އެ އެޕަކީ ގިނަ ބަޔަކު އެދެމުން އައި ކަމެއްގެ ނިންމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބައިސްކޯފަށް އަލަށް އަންނަން ހުރި ކޮންޓެންޓުތައް ވެސް ވަނީ އިއްޔެގެ ރަސްމިއްޔާތުގައި ދައްކާލައިފަ އެވެ. ބައިސްކޯފުން ބުނީ ތަފާތު އެކި ކަހަލަ ކޮންޓެންޓް ހެދުމަށް ބައިސްކޯފުން އަޒުމު ކަނޑައަޅާފައި ކަމަށާއި މިއީ ބޮޑު ހޭދައެއް ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އޮރިޖިނަލް ކޮންޓެންޓް އުފައްދާ ބައިސްކޯފް އެންމެ ފުރަތަމަ ރިލީޒްކޮށްފައިވަނީ 2018 ވަނަ އަހަރު އެވެ. އެއަށް ފަހު މިހާތަނަށް ބައިސްކޯފަށް 150،000 އަށްވުރެ ގިނަ ކަސްޓަމަރުން ވަނީ ލިބިފަ އެވެ.
އެ އެޕް ވަރަށް އަވަހަށް ޑައުންލޯޑްކުރެވޭނެ ކަމަށް ބައިސްކޯފުން ބުންޏެވެ.