ގިރާވަރު ފަޅު ހިއްކުން އޮތީ ފައިސާ ހޯދުމުގެ މަރުހަލާގައި: ހައުސިން މިނިސްޓްރީ
ގިރާވަރު ފަޅު ހިއްކުން އޮތީ ފައިސާ ހޯދުމުގެ މަރުހަލާގައި: ހައުސިން މިނިސްޓްރީ

މާލެ ކައިރީގައި އޮންނަ ގިރާވަރު ފަޅު ހިއްކައި އެތަނުން މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރެއްވި މަޝްރޫއު އަދި އޮތީ ފައިސާ ހޯދުމުގެ މަރުހަލާގައި ކަމަށް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން މިހެން ބުނީ މި އަހަރުގެ ރިޔާސީ ބަޔާނުގައި މާލެ ސަރަހައްދަށް ރައީސް އިއުލާން ކުރެއްވި މަޝްރޫއުތަކުގެ ތަފްސީލް ހޯދުމަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ކުރެއްވި ސުވާލަށް ލިޔުމުން ފޮނުވި ޖަވާބެއްގަ އެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި ގިރާވަރު މަޝްރޫއު މިހާރު އޮތް ހިސާބަކީ ބިން ހިއްކުމަށް ކުރަން ޖެހޭ ޕްލޭންތައް ކުރުމާއި ފައިނޭންސް ހޯދުމުގެ މަސައްކަތެވެ.

ސަރުކާރުން ނިންމާފައި އޮތީ ގިރާވަރު ފަޅު ހިއްކުމަށް ފަހު އެތަނުން 2000 ގޯތި މާލެ ރައްޔިތުންނަށް ހިލޭ ދޫކުރުމެވެ.

ހުޅުމާލެ އިން 1000 ގޯތި ދިނުމަށް ސަރަހައްދު ކަނޑައަޅާ ޗާޓު ތައްޔާރު ކޮށްފައިވާ ކަމަށާއި އެ ސަރަހައްދުގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ދިނުމަށް ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ގޯތި ދިނުމުގެ އުސޫލު އެކުލަވައިލުމަށް ފަހު އެޕްލިކޭޝަނަށް ހުޅުވާލާނެ ކަމަށާއި އެ މަސައްކަތް އަންނަ ޖޫން މަސް ތެރޭގައި ނިމޭނެ ކަމަށެވެ. ގުޅިފަޅުން ގޯތި ދިނުމަށް ލޭންޑް ޔޫޒް ޕްލޭން ހަދައި ބިން ހިއްކުމުގެ ތައްޔާރީތައް ކުރިޔަށްދާ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.

ގޯތި ދިނުމުގެ ޝަރުތުތަކާ ގުޅޭ ގޮތުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މީގެ ކުރިން ވިދާޅުވެފައި ވަނީ އެކަމަށް އެދި ހުށަހެޅުމަށް މިހާތަނަށް ކަނޑައަޅާފައި ވަނީ ހަތަރު ޝަރުތެއް ކަމަށެވެ.

● މާލެ އަށް އުފަން މާލެ ރައްޔިތަކަށް ވުން

● އެ މީހެއްގެ ނަންމަތީގައި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް އަދި ވާރުތަކުރަން ވެސް އެ ވަރުގެ ބިމެއް ނެތުން. އެ ވަރުގެ ބިމެއް ލިބިއްޖެ ނަމަ ދައުލަތަށް ދޫކޮށްލުން ނުވަތަ ވާރުތަވާން އޮތް ތަނެއް ވެސް ދޫކޮށްލުން.

● ދަފްތަރަށް އުފަން މީހުންނަށް ވެސް ކުރިމަތިލެވޭނެ.

● މާލޭގައި ދިރިއުޅޭނެ އެއްވެސް ތަނެއް ނެތް މާލޭގެ މީހުންނަށް ވެސް ގޯއްޗަށް ކުރިމަތިލެވޭނެ

އެ ފަރާތްތަކަށް މާކްސް ދިނުމުގައި އެކި އުމުރުފުރައިގެ މީހުންނަށް ދޭ މާކްސްތައް ތަފާތުވާނެ ކަމަށާއި ނަމަވެސް މީހަކާ އިނދެގެން އުޅޭތީ އިތުރު މާކްސްއެއް ނުދޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. ނަމަވެސް ދެމަފިރިން ގުޅިގެން އެއް ގޯއްޗަކަށް ކުރިމަތިލާ ނަމަ މާކްސް އިތުރުކުރަން ވިސްނާ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

"ދެން ބަލާނީ ބަލަދުއަރާ ދަރިން ނުވަތަ ބަލަންޖެހޭ މީހުން ތިބުން. އޭގެ ވެސް މާ ބައިވަރު ކެޓަގަރީއެއް ނޫން. ދެ ކުދިން ނޫނީ އެ އަށް ވުރެ މަދުވެއްޖެ ނަމަ ލިބޭ ވަކި މާކްސްއެއް، އެ އަށް ވުރެ މަތިން ކިތަންމެ ބައިވަރު ވިޔަސް ލިބޭނީ ވަކި މާކްސްއެއް،" އަސްލަމް ވިދާޅުވި އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ހުންނަ މީހުންނަށް ވެސް ހާއްސަ ސަމާލުކަމެއް ދީ އިތުރު މާކްސް ދޭން ނިންމާފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.