22 މާޗް 2022 - 10:39

މާލޭގެ ފިހާރަޔަކުން ވިޔަފާރިކުރުމަށް ފަހު ފައިސާ ދެއްކުމުގެ ގޮތުން ފޮނުވި ފޭކް ޓްރާންސްފާ ސްލިޕެއްގެ މައްސަލާގައި މީހަކު ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
މިދިޔަ އާދީއްތަ ދުވަހު ގާޒީ ސަފްއަތު ހަބީބު ކުރެއްވި ހުކުމުގައިވާ ގޮތުން މި މައްސަލާގައި ކޮށްފައިވަނީ ސައްހަ ނޫން ލިޔުމެއް ތެދުކަމަށް ދެއްކުމުގެ ދައުވާ އެވެ.
ދައުވާ ލިބުނު، ހއ. ދިއްދޫ މީހެއް ކަމަށްވާ އިބްރާހިމް ޚަލީލް ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި، މާލޭގެ ފިހާރަޔަކުން ދެ ފޮށި ސިގިރޭޓާއި ދެ ދަޅު ރެޑްބުލް އާއި ސްނިކާސް ޗޮކްލެޓަކާއި މާސް ޗޮކްލެޓެއް ގަނެ އޭގެ އަގަށްވާ 304ރ. ދެއްކުމުގެ ގޮތުން އޭނާގެ ފޯނުން ޓްރާންސްފާ ސްލިޕެއް ފިހާރައިގެ ނަންބަރަކަށް ފޮނުވައިފަ އެވެ.
މިކަން ކުރި ކަމަށް އެއްބަސްވުމުން ޝަރީއަތް ހިންގާފައިވަނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގަ އެވެ.
ކުރި ދައުވާގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުން ކަމަށް ވިޔަސް ކުށަށް އިއުތިރާފްވުމުން ކުށުގެ އެއް ދަރަޖަ ދަށްކުރަން ޖެހޭތީ އަސްލު އަދަބަކީ ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމެވެ.
ދައުވާ އަށް އިއުތިރާފްވެ ވީހާވެސް ލުއި އަދަބެއް ދިނުމަށާއި ޖަލަށް ލުމުގެ ބަދަލުގައި ގޭގައި ބަންދުކުރުމުގެ އަދަބެއް ކަނޑައަޅައިދޭން އިބްރާހިމް ޚަލީލް އެދިފައިވެ އެވެ.
އިބްރާހިމް ޚަލީލްގެ އަދަބު، ގާޒީއަށް ލިބިދޭ އިހްތިޔާރުގެ ދަށުން އިތުރަށް ކުޑަކޮށްދެއްވީ ފައިސާގެ އަދަދުގެ މަދުކަމުން އެކަމަށް ރިއާޔަތްކުރައްވަ އެވެ.