ދަރާ އަހުމަދުގެ ހަޔާތުގައި ލޮނު ހެޔޮވަރުކޮށްދިން ރާޅު
ދަރާ އަހުމަދުގެ ހަޔާތުގައި ލޮނު ހެޔޮވަރުކޮށްދިން ރާޅު

މުޅި އިންޓަވިއުގައި އޭނާ އެންމެ ގިނައިން ފާހަގަކޮށް، ތަކުރާރުކޮށް ބުނެދިން ވާހަކަ އަކީ މިއެވެ. – ލައިފަކީ ބަމްޕީ ރޯޑެކެވެ. ނުވަތަ އަޑިގުޑަން ގިނަ ދަތުރެކެވެ. އޭގައި ރާޅު، ބާނި ގިނަ ދަތުރެކެވެ. އަދި އެ ބަމްޕީ ރޯޑަކީ އެއްވެސް މީހަކަށް ތައްޔާރުވެވޭނެ ދަތުރެއް ނޫނެވެ. އެ މީހެއްގެ އެންމެ ނޫކަށިފުރައިގައި ވެސް އެ ރާޅުތަކުގެ ތެރެއަށް ވެއްޓި ނޭވާހާސްކޮށްލަފާނެ އެވެ.

ދަރާ އަހުމަދުގެ ހަޔާތުގައި ލޮނު ހެޔޮވަރުކޮށްދިން ރާޅު
ދަރާ އަހުމަދުގެ ހަޔާތުގައި ލޮނު ހެޔޮވަރުކޮށްދިން ރާޅު

މިއީ ދަރާ އަހުމަދު ރަޝީދެވެ. އުމުރުން 54 އަހަރުގެ، ވޯޓާ ސްޕޯޓްސް އަދި ވަކިން ހާއްސަކޮށް ސާފް އިންޑަސްޓްރީގެ ތަޖުރިބާކާރެކެވެ. ކޮންމެ ދުވަހަކު ވެސް ރާޅާއި އޭގެ "އަޑިގުޑަން ދުނިޔެ" އަށް ނިދައި ހޭލައި، ނޭވާ ލަމުން އަންނަ އަދިވެސް ވަރަށް ޒުވާން ހިތެކެވެ.

ދަރާ އަހުމަދުގެ ހަޔާތުގައި ލޮނު ހެޔޮވަރުކޮށްދިން ރާޅު
ދަރާ އަހުމަދުގެ ހަޔާތުގައި ލޮނު ހެޔޮވަރުކޮށްދިން ރާޅު

އޭނާގެ ބަނޑުގެ ވާތްފަޅީގައި "ބަމްޕެއް" އިންކަމުގެ އިހުސާސް އޭނާ އަށް ކުރެވުނީ ރާޅުތަކުގެ "އަޑިގުޑަން އެ ދުނިޔެ އަށް" ނުކުމެ ސާފް ބޯޑުމަތީގައި ބަންޑުން އޮށޯވެ، ގުދުރަތުގެ އަރާމަށް ކިޔަމަންވެ އަމާންދީގެން އޮއްވަ އެވެ. އޭނާގެ ޕްރައިމް ލައިފުގަ އެވެ. މީގެ 10 އަހަރު ކުރިން، ރާއްޖޭގެ އެންމެ މަޝްހޫރު ސާފް ރިސޯޓް ސިނަމަން ދޮންވެލި މޯލްޑިވްސްގެ ހިތްގައިމު ރާޅާއި ބާނިތަކުގެ ތެރޭގައި އޮއްވަ އެވެ.

ދަރާ އަހުމަދުގެ ހަޔާތުގައި ލޮނު ހެޔޮވަރުކޮށްދިން ރާޅު
ދަރާ އަހުމަދުގެ ހަޔާތުގައި ލޮނު ހެޔޮވަރުކޮށްދިން ރާޅު

"ބޯޑުމަތީގައި އޮށޯވެ ޖައްސާލީމަ ހީވަނީ ބަނޑާ ބޯޑާ ދެމެދުގައި ކޮންމެވެސް ކަހަލަ އެއްޗެއް އުޅޭހެން. ދެން އަޅުގަނޑު ހީކުރީ، ސާފް ބޯޑުގަ ނަގާފައި ހުރި ބަމްޕެއް ކަމަށް އެންމެ ފުރަތަމަ، ބޯޑްގައި އިން ޑެމޭޖެއް ކަމަށް. އެކަމަކު ތެދުވެ ބަލައިލީމަ ބޯޑް ހަމަ ބަރާބަރު،" ސިނަމަން ދޮންވެލީގައި ސާފިންގެ ހިދުމަތް ދެމުން އަންނަ އެޓޯލް އެޑްވެންޗާގެ އޮޕަރޭޝަންސް ހެޑް އަދި ޑައިރެކްޓަރު، ރިސޯޓުގައި ހުރެ ފޯނުން ކިޔައިދިނެވެ.

ދަރާ އަހުމަދުގެ ހަޔާތުގައި ލޮނު ހެޔޮވަރުކޮށްދިން ރާޅު
ދަރާ އަހުމަދުގެ ހަޔާތުގައި ލޮނު ހެޔޮވަރުކޮށްދިން ރާޅު

"ދެން އަނެއްކާވެސް އޮށޯވެ ބޯޑު މަތީގައި އޮވެ ފަތާލީމަ މި ބަމްޕެއް އިހުސާސް ވަނީ. ދެން ބޯޑުމަތީގައި އިށީނދެ، ބަނޑުގެ ދެ ފަރާތުގައި އިނގިލިތައް ޖައްސައި ފިތާލީ. ފިތާލިއިރު ވަރަށް ހަރުކޮށް ހުރީ. އިނގިލީގެ ބާރަށް މަސްގަނޑު އެތެރެއަކަށް ނުވަދޭ."

އެހިސާބުން ފެށިގެން ހާސްވެ، ބޭނުންވާ ފަރުވާ ރާއްޖެއިން ނުލިބި ލަސްވާން ފެށުމުން ފުރައިގެން ދިޔައީ ބެންކޮކަށެވެ. ބެންކޮކް ހޮސްޕިޓަލްގައި ކުރި ސާޖަރީއަކަށް ފަހު އޭނާގެ ބަނޑުން ނެގީ 1.3 ކިލޯގެ ޓިއުމަރެކެވެ. އެއީ އެޑްރިނޯކޯޝިއަލް ކާސިނޯމާ އެވެ. ކޮންމެ މިލިއަނަކުން އެކަކަށް ނުވަތަ ތިން މީހަކަށް ޖެހޭ ވަރަށް މަދުން ފެންނަ ކެންސަރުގެ ވައްތަރެކެވެ.

އޭގެ ހަ މަސް ފަހުން އެނބުރި އަނެއްކާވެސް ރާޅުތަކުގެ ތެރެއަށް ނުކުމެ، ޑެއިލީ ރޫޓިން އަށް ތަރުތީބުވެ މިލިއަން ޑޮލަރުގެ ރާޅު އިންޑަސްޓްރީގެ ތަނބެއްގެ ގޮތުގައި އަލުން އަނެއްކާ ވެސް ހެލިފެލިވެ ބިޒީވެފައިވާއިރު މި އަހަރު އޭނާ ފާހަގަކުރީ ކެންސަ ފްރީ 10 ވަނަ އަހަރެވެ.

މި އުފަލުގައި ބައިވެރިވަމުން، އަހުމަދު ރަޝީދުގެ 28 އަހަރުވީ "ސާފިން ކެރިއަރަށް" ބޯޑާއެކުގައި ގޮސް ފުންމާލަމާ ހިނގާށެވެ. ކޮންމެ ދިމާލަކަށް ފުންމިޔަސް ޝައުގުން ފުރިފަ އެވެ.

"އަޅުގަނޑަކީ ވަރަށް އާދައިގެ ފެމިލީއަކުން އައިސް ހުރި މީހެއް. އަޅުގަނޑު އުޅެ ބޮޑުވީ މަންމައެއް ބައްޕައެއް ކައިރީގައި ނެތި. ކާފަ އާއި ދޮން މާމައެއް ކައިރީގައި. ކާފަ ނިޔާވެއްޖެ އުމުރުން 23 އަހަރުގައި. ދެން އަމިއްލަ އަށް ހުރިހާ ކަމެއް ކުރީ ދިރިއުޅުމުގެ. ވަރަށް މަސައްކަތްކޮށްގެން މިހިސާބަށް އާދެވުނީ އަޅުގަނޑަށް،" ދަރާ އަހުމަދު ކިޔައިދިނެވެ.

އޭނާ އަށް ރާޅުގަނޑަށް ދެވުނީ މާލޭގެ ވަރުނުލާރާޅުގަނޑު "ވަކަރުގޭ ކުދިންނަށް" ހާއްސަވެފައި އޮތް ދުވަސްވަރު އެވެ. އޭރު މަޅު ފިލާގަނޑުތައް ހިފައިގެން މާލޭގެ ޒުވާން ފުރައިގެ ކުދިން ރާޅުގަނޑަށް އެރި ސަކަރާތްޖެހިޔަސް ސާފިންގެ އަސްލެއް ދިވެހިންގެ ލައިފްސްޓައިލަކަށް އޭރަކު އަދި ތައާރަފެއް ނުވެ އެވެ. އަނެއްކޮޅުން އޭރު އެގޮތަށް ރާޅަށް ގޮސް އުޅުނީ އެންމެ "ވިޔާނުދާ، ނުލަފާ ކުދިން" ނެވެ.

އެގޮތަށް އޮތް މާހައުލެއް ދިއްލި، ސާފިންގެ ދުނިޔެ އަށް ދިވެހިންގެ ލޯ ހުޅުވިގެން ދިޔައީ، ރާއްޖޭގެ ރަށަކަށް އުރުނު ބޯޓަކުން އައި، އެންމެފަހުން ހިތާއި ރާޅުން ދިވެއްސަކަށް ބަދަލުވި އޮސްޓްރޭލިއާގެ ރައްޔިތެއް ކަމުގައިވީ ޓޯނީ ހުސެއިން މާލޭގެ ވަރުނުލާރާޅުގަނޑުން ފެންނަން ފެށި ހިސާބުންނެވެ. ދަރާ އަހުމަދު ކިޔައިދިން ގޮތުން ނަމަ ވަކި މިސްރާބެއް ނެތި އެނބުރެމުން ދިޔަ އޭނާގެ ދިރިއުޅުން ވެސް ސަމުގާއަކަށް ސެޓުކޮށްދިން މީހަކީ ރާޅުގަނޑުން ފެންނަން ފެށި އެ "ދޮން މީހާ" އެވެ.

"އޭރަކީ އެގޮތަށް ދޮންމީހުން އެހާ ގިނައިން މާލެއިން އަދި ވަކިން ހާއްސަކޮށް ރާޅުގަނޑުން ފެންނަ ދުވަސްވަރެއް ނޫން. ދެން މިގޮތަށް ޓޯނީ ވަރަށް ގިނައިން ފެނި ފަރިތަ މޫނަކަށް ވެފައި ވަނިކޮށް އޭނާއާ ބައްދަލުވަނީ މި ރިސޯޓުން. އޭރު މިއީ ތަރި ވިލެޖު،" ދަރާ އަހުމަދު ކިޔައިދެމުންދިޔައެވެ.

"ދެން ޓޯނީ އަޅުގަނޑު ގާތު އެދުނީ ސާފް ގައިޑެއް ހޯދައިދޭން. އޭރު އަޅުގަނޑު ކޮންމެވެސް ވަރަކަށް ސާފްކުރަން. ދެން ސާފް ގައިޑެއް ފަސޭހައިން ލިބޭ ގޮތް ނުވީމަ އަޅުގަނޑު ބުނެފިން އަޅުގަނޑު އުޅެދީފާނަމޭ ސާފްގައިޑަކަށް."

ޓޯނީއާ އެކު ފެށި އެ ދަތުރުގައި، ޓޯނީގެ "އެޓޯލް އެޑްވެންޗާ" އިން ރާއްޖެ ދުނިޔޭގައި އޮތް އެންމެ ވަރުގަދަ އަދި އެންމެ މަގްބޫލު އެއް ސާފިން ޑެސްޓިނޭޝަނަށް ބަދަލުކޮށްލިއިރު ދަރާ އަހުމަދަކީ އޭނާގެ އެ ލެގަސީ އާއި ޓޯނީ ނަގައިދިން ފިލާވަޅުގައި ދެމިހުރި އެންމެ މުހިންމު އެކަކެވެ. މީގެ ގާތްގަނޑަކަށް 15 އަހަރު ކުރިން ޓޯނީ ހުސެއިން މަރުވީ ރާޅާއަޅަން އުޅެނިކޮށް ހިތްހުއްޓިގެން، އުމުރުން 55 އަހަރުގަ އެވެ.

އެ އުމުރާ ބައްދަލުކުރަން ދަރާ އަހުމަދު ރާޅާއަޅަމުންދާއިރު އޭނާގެ ހިތުގައި ޓޯނީ ހުސެން އަށް ޝުކުރާއި ސަނާ ނޫން ހަމަ އެއްވެސް އެއްޗެއް ނުވެ އެވެ. އަދި އެ ލެގަސީ ކުރިއަށް ގެންގޮސް ރާއްޖޭގެ ސާފިން އިންޑަސްޓްރީ މިއަށް ވުރެ ކުރިއަށް ގެންގޮސްދިނުމަކީ އޭނާގެ އެންމެ ބޮޑު އެއް ހުވަފެނެވެ.

"ސާފިން އިންޑަސްޓްރީ އަކީ ރާއްޖޭގައި މިހާރު މިއޮތް ވަރަށް ވުރެ ވެސް ބޮޑުކޮށް، ވަރަށް ފުޅާކޮށް އަދިވެސް ކުރެވިދާނެ ކަމެއް، އެ ފުރުސަތު އެބައޮތް. މިއީ ގުދުރަތީގޮތުން ހެދިފައި ހުރި ސާފިން ސްޓޭޑިއަމްތަކެއް. ނަމަވެސް ރެގިއުލޭޓްކުރުމާއި ބެލެހެއްޓުމުގައި ފަރުވާކުޑަކޮށްލެވިފައި އޮތީމާ މިހާރު ބޭނުން ބަޔަކު ބޭނުން ގޮތަކަށް ބޭނުންކުރާތަން މި ފެންނަނީ ސާފް އިންޑަސްޓްރީ،" އެޓޯލްސް އެޑްވެންޗާގެ އޮޕަރޭޝަންސް މެނޭޖަރެއްގެ ގޮތުގައި ކޮންމެ ދުވަހަކުވެސް ލޯކަލް ސާފިން އަށް އަދި ރާއްޖޭގެ ސާފިން ޓޫރިޒަމް އާ އުސްމިނަކަށް ގެންގޮސް ދިނުމަށް މަސައްކަތްކުރަމުން އަންނަ ދަރާ އަހުމަދު ބުންޏެވެ.

"އެކަމަކު ސަސްޓެއިނަބްލްކޮށް މި ދާއިރާ ކުރިއަށް އޮތް ޖީލުތަކާ ހަމަ އަށް ގެންގޮސްދޭ ނަމަ އެބަ ޖެހޭ މިހާރަށް ވުރެ ހަރުދަނާ ގޮތެއްގެ މަތިން އިންޑަސްޓްރީ އަދި ސާފް ޕޮއިންޓްތައް ރެގިއުލޭޓްކޮށް ބަލަހައްޓަން ކަމާ ބެހޭ ފަރާތްތަކުން ވެސް."

ދަރާ އަހުމަދަކީ އެޓޯލް އެޑްވެންޗާގެ އެއް ޕާޓްނަރުގެ އިތުރުން އިންޓަނޭޝަނަލް ސާފިން އެސޯސިއޭޝަނުން ރާއްޖެ އަށް ކަނޑައަޅާފައިވާ އެ މީހުންގެ ހާއްސަ ރެޕްރެޒެންޓެޓިވްއެއް ވެސްމެ އެވެ. އޭނާ އަކީ ކޯސް ޑައިރެކްޓަރެކެވެ. އޭނާގެ ލީޑަޝިޕްކަމުގެ ދަށުގައި އެޓޯލް އެޑްވެންޗާއާ އެކު ސިނަމަން އަށް މިހާތަނަށް މަޓާޓޯގެ ތިން އެވޯޑެއް ލިބިފައިވާއިރު ސައުތު އީސްޓް އޭޝިއާގެ ސާފް ޓްރެވަލް އެވޯޑްސްގައި ބެސްޓް ސާފް ރިސޯޓްގެ ޝަރަފްވެރި ވަނަ ހަތަރު ފަހަރެއްގެ މަތިން މިހާތަނަށް ލިބިފައިވެ އެވެ.

ނަމަވެސް އޭނާ ފާހަގަކުރާ އެންމެ ބޮޑު ކާމިޔާބީ އަކީ ލޯކަލް ސާފް ކޮމިއުނިޓީ އަށް ކޮށްދީފައިވާ ކަންކަމެވެ.

"ރާއްޖޭގައި އަލަށް ސާފް މެގަޒިންއެއް ނެރެން ވެސް ސްޕޮންސާކުރީ އަޅުގަނޑުމެން. އޮލިމްޕިކްސް އަށް ދިވެހި ސާފަރުން ގެންދަން އެންމެ ބޮޑު ސްޕޮންސާއެއް ދިނީ ވެސް އަޅުގަނޑުމެން. މި ވޭތުވެދިޔަ 20 އަހަރު ތެރޭގައި ރާއްޖޭގެ ސާފިން ކޮމިއުނިޓީ ތެރޭގައި އަޅުގަނޑުމެން ސްޕޮންސާނުކުރާ ދެ މުބާރާތެއް ފަހަރެއްގައި އޮވެދާނެ،" ދަރާ އަހުމަދު ކިޔައިދިނެވެ.

"އެކަމަކު ގާތްގަނޑަކަށް ހުރިހާ މުބާރާތްތަކާއި އިވެންޓްތަކަށް އަބަދުވެސް އަޅުގަނޑުމެންގެ ސްޕޮންސާޝިޕާއި އެހީ ފޯރުކޮށްދެން ސީދާ ކޮމްޕެނީން."

ދަރާ އަހުމަދު ބުނަނީ އޭނާގެ މި ކެރިއަރު ރިޓަޔާމަންޓުގެ ފިނި ހިޔަލުގައި މަޑުކުރަން ޖެހޭ ދުވަހު ވެސް އޭނާގެ ހުވަފެނަކީ ރާޅުތަކުގެ ތެރެއަށް ގޮސް ފުންމާލުމެވެ.

"އަޅުގަނޑުގެ ގޯލަކީ ރިޓަޔާކޮށްފަ ކެޓަމަރާނެއްގައި ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކޮށް ސާފިން ޕޮއިންޓްތައް ޑިސްކަވާކުރުން. ވަރަށް ގިނަ މީހުންނަށް ނޭނގޭ އެކަމަކު އަޅުގަނޑަށް އެނގޭ ވަރަށް ސަޅި ސާފިން ޕޮއިންޓްތައް އަދިވެސް އެބަހުރި ރާއްޖޭގައި،" އޭނާ ބުންޏެވެ.

"އަދި އަޅުގަނޑަށް ނޭނގޭ ޕޮއިންޓްތައް ވެސް އެބަހުރި. އެ ތަންތަން ހޯދަން ދަތުރުކުރުން އަޅުގަނޑުގެ ހުވަފެނަކީ."

"އަޅުގަނޑު ވެސް މި ހިސާބަށް އައީ ވަރަށް ވަރަށް ބައިވަރު ސެކްރިފައިސްކޮށްގެން. ކުރިން އުޅުނު އުޅުން ދޫކޮށް، ކުރި ކަންކަން ދޫކޮށް، ރައްޓެހިން ދޫކޮށްލާފައި"

"އާ އުސްމިނަކަށް ދާން ބޭނުންވާ ނަމަ ޖެހޭނެ ވަރަށް ގިނަ ކަންކަން ދޫކޮށްލައި ވަކި ކަމަކަށް ފޯކަސްކުރަން. ވަގުތީ ހެޑްލައިން ނިއުސްއަކަށް މަސައްކަތްކުރުމަކީ ގޯސް ވިސްނުމެއް."

އެހެންވެ، މިއަދު ލައިފުގައި ކިތަންމެ ސަޅި ހިސާބަކަށް އާދެވިފައިވިޔަސް އޭނާއަކީ އަދިވެސް އެންމެ އާދައިގެ މުވައްޒަފެއް ފަދައިން ކޮންމެ ދުވަހަކުވެސް ޓީމާއެކު މަސައްކަތަށް ނުކުންނަ މީހެކެވެ.

"އަޅުގަނޑަށް ހީވަނީ ކާމިޔާބީގެ ސިއްރަކީ ވޯކް ހާޑް، ޕްލޭ ހާޑް ހެން،" އޭނާ ބުނެލި އެވެ.

"މިހާރު ވެސް ކޮންމެ ދުވަހަކީ މޫދަށް އެރި ރާޅާ އަޅާ ދުވަހެއް. އާންމުކޮށް މިހާރު ވެސް ދުވާލަކު ދެ ފަހަރު ރާޅާއަޅަން. ތިން ގަޑިއިރަށް މޫދުގައި އުޅޭނީ. އަޅުގަނޑަށް ބުނަން ކެރޭނެ މިހާރު ވެސް އަޅުގަނޑަށް ވުރެ ވަކި ގިނައިން ރާޅާ އަޅާ މީހަކު ނުހުންނާނެއޭ ރާއްޖޭގައި މިހާރު ވެސް."

އެއީ ތެދެކެވެ. އޭނާގެ ބައި ގަރުނުވީ ހަޔާތުގައި ހުސް ސަޅި ރާޅެވެ.