22 މާޗް 2022 - 05:42

ހޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ މީލާ ކޫނިސް އާއި އެޝްޓަން ކުޗާ އެކީގައި މަސައްކަތްކޮށްގެން ޔޫކްރެއިން އަށް 30 މިލިއަން ޑޮލަރުގެ އެހީއެއް ހޯދައި ދީފި އެވެ.

ކޫނިސް އަކީ ޔޫކްރެއިން އަށް އުފަން ތަރިއެކެވެ. ރަޝިއާ އިން ޔޫކްރެއިން އަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ކޫނިސް ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް އެކަމަށް ފާޑުކިޔައިފަ އެވެ. އަދި ޔޫކްރެއިންގައި ދިރިއުޅެމުންދާ މީހުންނަށް އެހީވުމަށް ކޫނިސް ތަފާތު އެކި ކަންތައްތައް އަންނަނީ ކުރަމުންނެވެ.
ދާދިފަހުން ބޭއްވި ވީޑިއޯ ކޯލެއްގައި ކޫނިސް އާއި ކުޗާ ވަނީ ޔޫކްރެއިންގެ ރައީސް ވޮލްޑިމީއަރު ޒެލެންސްކީ އާ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި ވާހަކަދައްކަމުން ދެމަފިރިން ބުނެފައި ވަނީ ޔޫކްރެއިން އަށް އެހީވުމަށް އެކި ކަހަލަ ޗެރިޓީތަކާއި އިވެންޓުތައް ބާއްވައިގެން 30 މިލިއަން ޑޮލަރު މިހާތަނަށް ހޯދާފައިވާ ކަމަށެވެ.
އެ ފައިސާ އަކީ ޔޫކްރެއިންގައި ތިބި ރައްޔިތުންނަށް އެކި ގޮތްގޮތުން އެހީތެރިވެ އެމީހުންނަށް ބޭނުންވާނެ ތަކެތި ހޯދުމަށް ދޭ ފައިސާ ކަމަށް އެ ދެމަފިރިން ބުންޏެވެ. އަދި އެ ފައިސާ ހަވާލު ކުރާނީ ޔޫކްރެއިންގެ ރައީސަށް ކަމަށް ވެސް އެ ދެމަފިރިން ބުންޏެވެ.
ޒެލެންސްކީގެ ވާހަކަފުޅުގައި ވަނީ އެ ދެމީހުންނަކީ "ހަގީގީ ރޯލް މޮޑެލުން"ގެ ގޮތުގައި ސިފަ ކުރައްވާފައިވެ އެވެ. އަދި އެ ދެމީހުން ދިން އެހީއަށް މުޅި ގައުމު ޝުކުރުވެރިވާ ކަމަށް ވެސް ވިދާޅުވި އެވެ.