21 މާޗް 2022 - 20:54

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އަންނަ ހުކުރު ދުވަހު ކުރިއަށްގެންދާ ބޮޑު ހަރަކާތް އޮންނާނެ ކަމަށާއި އެކަމަށް ބޭނުންވާ ހުއްދަ ސިޓީ ކައުންސިލުން ދީފައިވާ ކަމަށް، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބުނެފި އެވެ.
އެ ކޯލިޝަނުން ބޭއްވި ނިއުސް ބްރީފިންގައި ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ނޭވާ "ހޮޅިއަށް" ގެ ނަމުގައި ބާއްވާ ހަރަކާތާ ގުޅިގެން ހޯމް މިނިސްޓްރީ އަދި ސަރުކާރުގެ ކަމާބެހޭ އެއްވެސް ފަރާތަކުން ޕީޕީއެމް/ޕީއެންސީގެ އެއްވެސް މެމްބަރަކާ ބައްދަލުކޮށްފައިނުވާ ކަމަށެވެ.
މަޖިލީހުގައި މިއަދު މެމްބަރަކު ކުރެއްވި ސުވާލަކާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އަންނަ ހުކުރު ދުވަހު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު އެއްވުން ހުއްޓުވާނެ ކަމަށެވެ.
ހީނާ ވިދާޅުވީ ޕީޕީއެމްގެ ހަރަކާތްތައް ބޭއްވުމަށް އަބަދު ވެސް ހުއްދައަށް އެދޭ ކަމަށެވެ. އަންނަ ހުކުރު ދުވަހުގެ ހަރަކާތަށް ސިޓީ ކައުންސިލުން ހުއްދަތަކެއް ދީފައިވާ ކަމަށް ހީނާ ވިދާޅުވި އެވެ.
ބެނާތައް ދެމުމަށާއި އެ އެއްވުމަށް ބައެއް ސަރަހައްދުތައް ބޭނުންކުރުމުގެ ހުއްދަ ސިޓީ ކައުންސިލުން ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފަންސަވީސް ވަނަ ދުވަހު "ނޭވާ ހޮޅިއަށް" މި ނަމުގައި ޕީޕީއެމުން ރާވާފައިވާ ހަރަކާތް ހަމަ ކުރިއަށްދާނެ. އަޅުގަނޑުމެންގެ އެއްވެސް ހަރަކާތަކީ އެއްވެސް ވަރަކަށް ގާނޫނާ ހިލާފަށް ނުވަތަ ހަމަނުޖެހުން އުފެދޭގޮތަށް ކުރިއަށްގެންދާ ހަރަކާތެއް ނޫން،" ހީނާ ވިދާޅުވި އެވެ.
އިންޑިއާ ސިފައިންނާ ދެކޮޅު ހަރަކާތްތައް މީގެ ކުރިން ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އެއްވުންތައް ބޭއްވިއަސް ގާނޫނާ ހިލާފު އަދި ހަމަޖެހުން އުފެދޭ ގޮތަށް އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ. އެހެންވެ، އެ އެއްވުން ބޭއްވުމުގެ ފުރުސަތު ދިނުމަށް އިދިކޮޅު ކޯލިޝަނުން އެދިވަޑައިގަތެވެ.
އެ އެއްވުމަކީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވެވަޑައިގަތް ފަހުން މާލޭގައި ބޮޑު އެއްވުމެއް ބާއްވާ ފުރަތަމަ ފަހަރެވެ.
އިދިކޮޅު ފަރާތްތަކުން މީގެ ކުރިން ވެސް މާލޭގައި ސިލްސިލާ ގޮތެއްގައި ކޮންމެ ހުކުރު ދުވަހު މުޒާހަރާ އަށް ނުކުމެ އެވެ. އެ އެއްވުންތަކަށް ވެސް ފުލުހުން ހުރަސް އަޅައި ހުއްޓުވަ އެވެ. އަދި ކޮންމެ ދުވަހަކު މީހުން ހައްޔަރުކުރުމަށް ފަހު 24 ގަޑިއިރުތެރޭ ދޫކޮށްލަ އެވެ. ނަމަވެސް ޖަލުން ޔާމީން މިނިވަންވުމާއެކު އިންޑިއާއާ ދެކޮޅު ހަރަކާތްތައް އިތުރަށް ފުޅާކޮށްފައިވެ އެވެ.