21 މާޗް 2022 - 14:36

ސަތޭކަ ތިރީސް ދެ މީހުންނާ އެކު ދަތުރުކުރި ޗައިނާ އީސްޓަން އެއާލައިންސްގެ މަތިންދާބޯޓެއް ގުއާންގްޒީ ޕްރޮވިންސަށް މިއަދު ވެއްޓިއްޖެ އެވެ.
ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން އޮފް ޗައިނާ (ސީއޭއޭ) އިން ބުނީ ވެއްޓުނު ބޯޓުގައި ތިބީ 123 ފަސިންޖަރުންނާއި ނުވަ ފަޅުވެރިން ކަމަށެވެ. ބޯޓު ވެއްޓުނު ހާދިސާގައި މަރުވީ ކިތައް މީހުން ކަމެއް އަދި ނޭނގެ އެވެ. އަދި ބޯޓު ވެއްޓެން ދިމާވި ސަބަބެއް ވެސް ސީއޭއޭ އިން ހާމަކޮށްފައެއް ނުވެ އެވެ.
ބޯއިން 737-800 ގެ ޖެޓް ވެއްޓިފައި ވަނީ ވޫޒޫގެ ފަރުބަދަ މަތީގެ ސަރަހައްދަކަށެވެ. ޗައިނާގެ ރަސްމީ މީޑިއާ އިން ބުނީ ޖަންގަލީގެ ތެރެއަށް ބޯޓު ވެއްޓުމާ އެކު ރޯވެފައިވާ ކަމަށެވެ.
ބޯޓު ވެއްޓުނު ތަނަށް މިހާރު ވަނީ މީހުން ސަލާމަތްކުރާ ޓީމުތައް ފޮނުވައިފަ އެވެ. ސީއޭއޭ އިން ވެސް ބުނެފައި ވަނީ ޚާއްސަ ޓީމެއް އެ ސަރަހައްދަށް ފޮނުވާފައިވާ ކަމަށެވެ.
ފްލައިޓް އެމްޔޫ735 ކުންމިން އިން ފުރީ ޗައިނާ ގަޑިން މެންދުރު 13:11 ގަ އެވެ. އެ ބޯޓު ގުއާންޒޫގައި ޖެއްސުމަށް ޝެޑިއުލްކޮށްފައި ވަނީ 15:05 ގަ އެވެ.
ފްލައިޓް ޓްރެކިން ސައިޓްތަކުން ބުނެފައިވާ ގޮތުގައި އެ ބޯޓު ރާޑަރުން ގެއްލުމުގެ ކުރިން އެއްގަޑިއިރު ވަންދެން ދަތުރުކުރި އެވެ. އަދި އޭރު ވަނީ ބޯޓުގެ މަންޒިލާ ވަރަށް ކައިރީގައި ކަމަށް ވެސް ބުނެފައިވެ އެވެ.
ވެއްޓުނު ބޯޓާ ބެހޭ ޑޭޓާ، ފްލައިޓްރާޑާ24 އިން އެންމެ ފަހުން ލިބިފައި ވަނީ ޗައިނާ ގަޑިން 14:22 ގަ އެވެ. އޭރު ބޯޓު ދަތުރުކުރަމުން ދިޔައީ 3،225 ފޫޓު މަތިންނެވެ.