ރައީސްގެ ދަތުރުގައި އައްޑޫގެ ޕޮލިސް އެކެޑަމީ ހުޅުވަނީ
ރައީސްގެ ދަތުރުގައި އައްޑޫގެ ޕޮލިސް އެކެޑަމީ ހުޅުވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންނަ ހަފުތާގައި އައްޑު އާއި ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އައްޑޫގެ ޕޮލިސް އެކެޑަމީ ނުވަތަ "އިންސްޓިޓިއުޓް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް" ހުޅުވަން ނިންމައި ތައްޔާރީތައް ކުރިއަށް އެބަގެންދެ އެވެ.

ހޯމް މިނިސްޓްރީން މިއަދު ބުނީ ޕޮލިސް އެކަޑަމީ ރަސްމީކޮށް އަންނަ އާދީއްތަ ދުވަހު ހުޅުވާނެ ކަމަށެވެ. މަސައްކަތް ލަސްވެފައިވާ އެތަން ނިންމާނެ ކަމަށް އެންމެ ފަހުން ޝެޑިއުލްކޮށްފައި އޮތީ ވެސް މި މަހަށެވެ.

މިއީ އިންޑިއާ ސަރުކާރުން 18 މިލިއަން ޑޮލަރު ހޭދަކޮށްގެން ހަދާ ތަނެކެވެ. މިތަނުގައި ފުލުހުންގެ ޓްރޭނިން އެކެޑަމީއެއްގައި ހުންނާނެ ހުރިހާ ވަސީލަތްތަކެއް ހިމެނޭ ގޮތަށް، މި ސަރަހައްދުގައި ވެސް ގާއިމުކުރާ އެންމެ ފެންވަރު ރަނގަޅު ޕޮލިސް އެކެޑެމީއަށް ވާނެ ކަމަށް ދިވެހި ފުލުހުން ބުނެފައިވެ އެވެ.

އެކެޑަމީގައި ހުންނާނެ ވަސީލްތަކުގެ ތެރޭގައި ފެންވަރު ރަނގަޅު އެކޮމަޑޭޝަން ބްލޮކްތަކާއި މެޑިކަލް ހިދުމަތް ދޭނެ ކްލިނިކާއި ޕީޓީ ގްރައުންޑާއި ހެލިޕޭޑާއި ޓްރެއިނިން ސެންޓަރާއި 800 މީހުންގެ ޖާގައިގެ ޖިމަކާއި ފުޓްބޯޅަ ދަނޑަކާއި ބާސްކެޓް ކޯޓަކާއި ޓެނިސް ކޯޓާއި 400 މީޓަރުގެ ޓްރެކާއި 340 މީހުންގެ އޮޑިޓޯރިއަމަކާއި 40 މީހުންގެ ޖާގަ ހިމެނޭ ގޮތަށް 320 މީހުންނަށް ކިޔަވައިދެވޭ ގޮތަށް ކްލާސްރޫމާއި ފަދަ ވަސީލަތްތައް ހިމެނެ އެވެ.

ޕޮލިސް އެކެޑަމީގެ ކޮންޓްރެކްޓަރަކީ އިންޑިއާގެ ސްރީ އަވަންތިކާ ކޮންޓްރެކްޓާސް ލިމިޓެޑެވެ. އެ ކުންފުނިން އެތަނުގެ މަސައްކަތް ފެށީ 2017 ގަ އެވެ.

މިއީ އިންޑިއާގެ އަސްކަރިއްޔާގެ ބާރު ދިވެހި ގައުމުގައި ގަދަކުރަން އިމާރާތްކުރާ އަދި އެ މީހުންގެ ނުފޫޒު އޮންނާނެ ތަނެއް ކަމުގެ ތުހުމަތު ކުރެ އެވެ. އެކަމަކު ފުލުހުންނާއި ހޯމް މިނިސްޓްރީން ވެސް އެކަން ދޮގުކުރެ އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވާ ގޮތުގައި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ޕޮލިސް އެކެޑަމީ ހެދި ނަމަވެސް އެތަން ހިންގުމުގެ ހުރިހާ ބާރަކާއި އެތަނާ ގުޅުން ހުރި ހުރިހާ ކަމެއް ހިނގާނީ ސީދާ ދިވެހި ފުލުހުންގެ ބެލުމުގެ ދަށުން ކަމަށެވެ. އެހެންވެ އެއީ އިންޑިއާގެ އަސްކަރަކީ މަރުކަޒެއްގެ ގޮތުގައި ސިފަކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވިދާޅުވެފައިވާ ގޮތުގައި އެކެޑަމީގެ އެއްބަސްވުމުގައި ދެ ގައުމުން އެއްބަސްވެފައިވާ ގޮތަށް ބަލާ އިރު އެކަން އޮތީ އިންޑިއާގެ ނުފޫޒު އޮންނާނެ ގޮތަކަށް ނޫނެވެ. އެހެންވެ އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"މިތަނަށް ބަލާލީމަ ވެސް އެނގޭނެ މިލިޓަރީ ތަނެއް ނޫންކަން މިއީ. މިތަން ވާނީ ދިވެހި ފުލުހުން އޯންކުރާ ފެސިލިޓީއަކަށް. މިތަނުގެ ބެލެނިވެރިކަން ސަރުކާރުން އޮތީ ދިވެހި ފުލުހުންނާ ހަވާލުކޮށްފައި. މިތަން ބޭނުންކުރެވިގެން ދާނީ ފުލުހުންނާއި ރާއްޖޭގެ އެހެން އެންފޯސްމަންޓް އިދާރާތަކުގެ ޓްރޭނިންތަކަށް ބޭނުން ހިފާނެ ތަނަކަށް،" ހަމީދު ވިދާޅުވެފައިވެ އެވެ.