21 މާޗް 2022 - 12:19

ޔޫކްރޭންގެ އިރު ދެކުނުން އަޒޯވް ކަނޑުގެ އައްސޭރީގައި އޮންނަ ބަނދަރު ސަހަރެއް ކަމަށްވާ މަރިއުޕޯލްގެ ދިފާއުގައި ހަނގުރާމަ ކުރަމުން އަންނަ ޔޫކްރޭންގެ ސިފައިން ހަތިޔާރު ބަހައްޓައި އަމާން ދިނުމަށް، ރަޝިޔާ އިން އެންގި އެންގުމަށް، ޔޫކްރޭނުން ދެކޮޅު ހަދައިފި އެވެ.
ރަޝިޔާގެ އަސްކަރިއްޔާ އިން ޔޫކްރޭނަށް އިއްޔެ އެންގީ، މަރިއުޕޯލް މިހާރު އޮތީ ރަޝިޔާ ސިފައިންގެ ހިސޯރުގައި ކަމަށްވާތީ، އެ ސަހަރުގައި ތިބި ޔޫކްރޭންގެ ސިފައިން ރައްކާތެރިކަމާ އެކު އެ ސަހަރުން ފައިބަން ބޭނުން ނަމަ، ހަތިޔާރު ބަހައްޓައި އަމާން ދިނުމަށެވެ. ނަމަވެސް، އެއީ އިތުރަށް ސުވާލެއް ވެސް އުފެދޭ ކަމެއް ނޫން ކަމަށް ބުނެ، ޔޫކްރޭން ސަރުކާރުން ވަނީ ރަޝިޔާގެ އެ ހުށަހެޅުމަށް ވަގުތުން ދެކޮޅު ހަދައިފަ އެވެ.
ރަޝިޔާ ސިފައިންގެ ތަރުޖަމާނެއް ކަމަށްވާ ކާނަލް ޖެނެރަލް މިޚައިލް މިޒިންޓްސޭވް އިއްޔެ ވިދާޅުވީ، މަރިއުޕޯލްގައި ތިބި މީހުން އެ ސަހަރު ދޫކޮށް ނުކުންނަން ބޭނުން ނަމަ، އެކަމަށްޓަކައި ދެ މަގު އަމާންކޮށްދޭނެ ކަމަށެވެ. އެއީ އެ ސަހަރުގެ އިރުމަތިން ރަޝިޔާގެ ތެރެއަށް ދެވޭނެ މަގަކާއި، އެ ސަހަރުގެ ހުޅަނގު ކޮޅުން ޔޫކްރޭންގެ އެހެން ސަރަހައްދުތަކަށް ދެވޭނެ މަގެކެވެ.
މަރިއުޕޯލްގައި ތިބި ރަޝިޔާ ސިފައިން ހަތިޔާރު ބަހައްޓައި އަމާން ދިނުމަށް، ރަޝިޔާ އިން ދިން މުހުލަތު، ޔޫކްރޭން ގަޑިން މިއަދު ފަތިހު 5 ޖެހިއިރު ވަނީ ހަމަވެފަ އެވެ. ރަޝިޔާގެ އަސްކަރިއްޔާ އިން ބުނީ މަރިއުޕޯލްގައި ރަޝިޔާ ސިފައިންނާއި ޔޫކްރޭން ސިފައިންނާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތަކުގެ ސަބަބުން، އެ ސަހަރުގެ އެތައް ބަޔަކު ރައްކާތެރި ސަރަހައްދުތަކަށް ނުދެވި އަދި ކާބޯތަކެއްޗާއި ބޯފެން ލިބޭނެ ގޮތެއް ނެތި، އެ ސަހަރުގައި ބަންދުވެފައި ތިބި ކަމަށެވެ.
އެހެންކަމުން، އެ މީހުން ރައްކާތެރިކަމާ އެކު އެ ސަހަރުން ނުކުމެގެން ދިއުމަށް އަމާން މަގެއް ހުޅުވައިދިނުމަށްޓަކައި، ޔޫކްރޭން ސިފައިން ހަތިޔާރު ބަހައްޓައި އަމާން ދޭންޖެހޭނެ ކަމަށް ރަޝިޔާގެ އަސްކަރިއްޔާ އިން ބުންޏެވެ. އަދި ހަތިޔާރު ބަހައްޓައި އަމާންދޭ، ސިފައިންގެ ކޮންމެ މީހަކު ރައްކާތެރިކަމާ އެކު މަރިއުޕޯލް އިން ނުކުމެވޭނެ ގޮތް ހަދައިދޭނެ ކަމަށް ވެސް ރަޝިޔާ އިން ބުނެ އެވެ.
ނަމަވެސް، ރަޝިޔާގެ އެ އެންގުމާ އެއްގޮތަށް އަމާން ނުދީފި ނަމަ، ރަޝިޔާ އިން އަޅާނެ ފިޔަވަޅެއް ނުބުނެ އެވެ. ޔޫކްރޭންގެ ބޮޑުވަޒީރުގެ ނައިބު އިރީނާ ވެރެޝްޗުކް ވިދާޅުވީ ޔޫކްރޭން ސިފައިން ހަތިޔާރު ބަހައްޓައި އަމާން ދޭން އެންގި އެންގުން ގަބޫލުނުކުރާނެ ކަން މިހާރު ވާނީ ރަޝިޔާ އަށް އަންގައިފަ އެވެ.
ޓެލެގްރާމް މެދުވެރިކޮށް އިރީނާ ވިދާޅުވީ އަށް ސޮފުހާގެ ސިޓީއެއް ލިޔަން ވަގުތު ބޭކާރު ނުކޮށް، އެ ސަހަރުގައި ތިބި އާންމުން ނުކުމެގެން ދިއުމަށް އަމާން މަގެއް ހުޅުވައިދިނުމަށް ރަޝިޔާ ސަރުކާރަށް އަންގާފައިވާނެ ކަމަށެވެ.
މަރިއުޕޯލްގައި ތިބި އާންމުން އެ ސަހަރުން ނުނިކުމެވި ތާށިވެފައި ތިބި އިރު، ރަޝިޔާ ސިފައިން އިއްޔެ ވެސް ވަނީ ވައިގެ މަގުން ވަރަށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. އާންމުން ދިރިއުޅޭ ކޮންމެ އިމާރާތަކީ ރަޝިޔާ ސިފައިންގެ އަމާޒަކަށް މިހާރު ހަދާފައިވާ ކަމަށް، ޔޫކްރޭނުން ބުނެ އެވެ.
އާބާދީގައި 400،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ އެ ސަހަރަށް ރަޝިޔާ ސިފައިން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 2،300 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ. އޭގެ ތެރެއިން ގިނަ މީހުން ވަޅުލާފައިވަނީ، ޖަނާޒާ ބޭއްވޭނެ ގޮތެއް ނެތިގެން، މަގުތަކާއި މައިދާންތަކުގައި ބޮޑެތި ވަޅުގަނޑުތައް ކޮނެ، ގިނަ ބަޔަކު އެއް ވަޅުގަނޑަކަށް އަޅައިގެންނެވެ.