21 މާޗް 2022 - 09:57

ކޮލަމްބޯ (މާޗް 21) - ލަންކާގައި ތެޔޮ ގަންނަން ކިޔޫގައި ގިނައިރުވުމުގެ ސަބަބުން އުމުރުން ދުވަސްވީ ދެ މީހަކު މަރުވެފައިވާ ކަމަށް އޮފިޝަލުން އިއްޔެ ބުނެފި އެވެ.

ފުލުހުން ބުނީ އުމުރުން 72 އަހަރުގެ މީހަކު އިއްޔެ މަރުވީ ކޮލަމްބޯގެ ބޭރުން އޮންނަ ސަރަހައްދެއްގައި، އަވީގައި ގިނައިރު ކިޔޫގައި ހުންނަން ޖެހުމުގެ ސަބަބުން ކަމަށެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި ހަކުރު ބަލި އަދި ހިތުގެ ބަލި ހުންނަ އެ މީހާ ވެއްޓުނީ ކިޔޫގައި ހުންނަތާ ހަތަރު ގަޑިއިރަށް ވުރެ ގިނައިރުވީ ފަހުންނެވެ.

ކަރާސީނު ގަންނަން ކެންޑީގައި ވެސް ކިޔޫގައި ހުރި އުމުރުން ދުވަސްވީ މީހަކު ހޮނިހިރު ދުވަހު ވެއްޓި މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އުމުރުން 70 އަހަރުގެ އެ މީހާ މަރުވީ ހީޓް ސްޓްރޯކެއް ޖެހިގެން ކެންޑީގެ ނޭޝަނަލް ހޮސްޕިޓަލުގައި އެޑްމިޓްކުރި ފަހުންނެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގަދަ ހޫނުގައި ކިޔޫގައި ގިނައިރު ތިބެން ޖެހުމުގެ ސަބަބުން އެތައް އަންހެނަކު ވަނީ ހޭނެތިގެން ވެއްޓިފަ އެވެ.

ލަންކާ މިހާރު ތަޖްރިބާކުރަމުން ދަނީ އެ ގައުމު މިނިވަންވީ ފަހުން، އިގްތިސާދީ ގޮތުން އެންމެ ދަތި ދުވަސްތަކެވެ. ޑޮލަރު ނުލިބުމުގެ ސަބަބުން އެންމެ އަސާސީ ތަކެތި ގަންނާނެ ބޭރު ފައިސާއެއް ވެސް އެ ގައުމަކު ނެތެވެ.

ސައިކަލް އާއި އޮޓޯ ދުއްވާ މީހުން ތެޔޮ ހޯދަން ކޮންމެ ދުވަހަކު ވެސް އެތައް ގަޑިއިރަކު ކިޔޫގައި ތިބެން ޖެހެ އެވެ.

ތެލާއި ގޭހުގެ ޝިޕްމަންޓްތައް އެތެރެ ނުކުރެވި ގައުމު ހާލުގައި ޖެހުނީ ތެޔޮ އެތެރެކުރާނެ ބޭރު ފައިސާ ނެތުމުންނެވެ. ބޭރު ފައިސާގެ ދަތިކަން ކުރިމަތިވީ ކޮވިޑް-19 އާ ގުޅިގެން ލަންކާގެ ޓޫރިޒަމް ހުއްޓުމަކަށް އައުމުންނެވެ.
ލަންކާގެ ބޭރުގެ ދަރަނި 51 ބިލިއަން ޑޮލަރަށް އަރާފައިވާ އިރު ދަރަނި އަދާކުރަން މި އަހަރު އެކަނިވެސް 6.9 ބިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. އެކަމަކު ފެބްރުއަރީ މަސް ނިމުނުއިރު ބޭރު ފައިސާގެ ރިޒާވްގައި ހުރީ 2.3 ބިލިއަން ޑޮލަރެވެ.
ލަންކާގައި ތަކެތީގެ އަގު މިދިޔަ މަހު ވަނީ 15.1 ޕަސެންޓް ބޮޑުވެފަ އެވެ. އަދި ކާބޯތަކެތީގެ އަގު ވަނީ 25.7 ޕަސެންޓް ބޮޑުވެފައި ކަމަށް ސަރުކާރުގެ ހިސާބުތަކުން ދައްކަ އެވެ. އެކްސްޗޭންޖް ރޭޓަށް ސެންޓްރަލް ބޭންކުން ގެނައި ބަދަލާ ގުޅިގެން ޑޮލަރެއް ގަންނަން މިހާރު ލިބެނީ 275 ރުޕީސްގެ ރޭޓުންނެވެ.