21 މާޗް 2022 - 10:11

ލަންޑަން (މާޗް 21) - އިނގިރޭސި ޕްރިމިއާ ލީގުން ޔޫރަޕް ފުޓުބޯޅައިގެ ޖާގައަކަށް ވާދަކުރާ ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް، ޓޮޓެންހަމް ހޮޓްސްޕާއިން ލީގުގެ ފަސްވަނައިގައި ހަމަޖެހިލައިފި އެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު ޓޮޓެންހަމް ކާމިޔާބުކުރީ 3-1 އިންނެވެ. މި ނަތީޖާއާ އެކު ޓޮޓެންހަމަށް ފަސްވަނަ ލިބެނީ 29 މެޗުން 51 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރުވަނައިގައި އޮތް އާސެނަލް ވަނީ އެއް މެޗު މަދުން ކުޅެގެން 54 ޕޮއިންޓް ހޯދައިފަ އެވެ. ޓޮޓެންހަމް ފަހަތުގައި ވިއްދާފައި އޮތީ 29 މެޗު ކުޅެގެން 50 ޕޮއިންޓް ހަމަކުރި މެންޗެސްޓާ ޔުނައިޓެޑެވެ.
ޓޮޓެންހަމަށް މެޗުގައި ލީޑު ލިބުނީ ވެސްޓް ހޭމްގެ ޑިފެންޑަރު ކާޓް ޒޫމާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި ލަނޑު ވަނީ ހެރީ ކޭން ނަގައިދިން ބޯޅައެއް ސޮން ހެއުން މިން އަށް ލިބުމުގެ ކުރިން ޒޫމާ ދިފާއުކުރަން އުޅުމުގެ ތެރޭގަ އެވެ. ސޮން ވަނީ ލީޑު ލިބުނުތާ 15 މިނިޓް ފަހުން އިތުރު ލަނޑެއް ޖަހައި ޓޮޓެންހަމަށް ލީޑު ފުޅާ ކޮށްދީފަ އެވެ. ފުރަތަމަ ހާފުގައި ވެސްޓް ހޭމްގެ ހަމައެކަނި ލަނޑު ޖަހައިދިނީ ސައީދު ބެންރަހްމާ އެވެ.
ފަހު ހާފު ނިމެން ދެ މިނިޓަށްވެފައި ވަނިކޮށް ޓޮޓެންހަމްގެ ދެވަނަ ލަނޑު ވެސް ޖަހައިދިނީ ސޮން އެވެ. ސޮން މެޗުގައި ޖެހި ދެ ލަނޑު ވެސް ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނީ ކޭން އެވެ.
މެޗަށް ފަހު ޓޮޓެންހަމްގެ ކޯޗު ކޮންޓޭ ބުނީ، ޓީމުގެ އަމާޒެއް އެބަ އޮތް ކަމާއި، އެ އަމާޒަކީ ލީގު ގަދަ ހަތަރަކުން ޖާގަ ހޯދުން ކަމަށެވެ. މިދިޔަ ނޮވެމްބަރު މަހު ކޮންޓޭ ޓޮޓެންހަމްގެ ކޯޗުކަމާ ހަވާލުވިއިރު، ޓީމުގެ ފޯމު ދަށްވެފައި ވުމުން އެއީ އުނދަގޫ ކަމެއް ގޮތުގައި ދެކުނު ނަމަވެސް ކޮންޓޭ ބުނީ މިފަހުން ޓީމުގެ ކުޅުންތެރިންގެ ރޫހު ރަނގަޅުވެ، އަމާޒަށް ވާސިލް ވުމުގެ އުންމީދު އަލުން ލިިބިއްޖެ ކަމަށެވެ.
"އަހަރެމެން ބޭނުން (ހަދަ ހަތަރެއްގެ) ރޭހުގައި އެންމެ ފަހު މެޗާ ހަމައަށް ވެސް ދެމިތިބެން. އެއީ ވަރަށް އުނދަގޫ ކަމެއް. އެކަމަކު އަހަރެން ބޭނުންވާ ގޮތަށް ޓީމަށް ކުރިއެރުން އެބަ އާދޭ. ކުޅުންތެރިންގެ މެންޓާލިޓީ ވެސް ރަނގާލުވެ، ގޭމް ކޮންޓްރޯލް ކުރަން ކުޅުންތެރިން އެބަ ދަސްކުރޭ،" ކޮންޓޭ ބުންޏެވެ.
"އަހަރެން ދެކޭ ގޮތުގައި ޕްރިމިއާ ލީގުގައި ހުރިހާ ޓީމަކަށް ވުރެ ކުރީގައި އެބަ އުޅޭ ހަތަރު ޓީމެއް. މި ދައްކަނީ މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ އާއި ލިވަޕޫލްގެ ވާހަކަ. މިއިން އެއްވެސް ކުލަބެއް ގަދަ ހަތަރެއްގައި ނުހިމެނިއްޖެ ނަމަ، ޓޮޓެންހަމްގެ އިތުރުން އާސެނަލް އާއި ވެސްޓް ހޭމް އެމަގާމަށް ވާދަ ކުރާނެ."
އެންމެ ފަހުން ލީގުގައި ކުޅުނު ފަސް މެޗުން ޓޮޓެންހަމް ބަލިވީ ރަށުން ބޭރުގައި މެންޗެސްޓާ ޔުނައިޓެޑާ ކުޅުނު މެޗުންނެވެ. ވެސްޓް ހޭމް ވަނީ މި މެޗުން ބަލިވުމާ އެކު 30 މެޗުން ހޯދި 48 ޕޮއިންޓާ އެކު ޓޭބަލްގެ ހަތްވަނައަށް ވެއްޓިފަ އެވެ.
މިދިޔަ ސީޒަނުގައި ލީގު ހަވަނައިގައި ނިންމައިގެން ވެސްޓް ހޭމް ވަނީ މި ސީޒަނުގެ ޔޫރޮޕާ ލީގަށް ކޮލިފައިވެފަ އެވެ. ޔޫރޮޕާ ލީގުގެ ގުރޫޕް ސްޓޭޖުގެ އެއްވަނައާ އެކު ވެސްޓް ހޭމް ވަނީ ނޮކައުޓް ބުރުގައި، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، ސްޕެއިންގެ ސެވިއްޔާ ބަލިކޮށް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ. ކުއާޓާ ފައިނަލުގައި ވެސްޓް ހޭމް ވާދަކުރާނީ ފްރާންސްގެ ލިޔޯންއާ ދެކޮޅަށެވެ.
ޓޮޓެންހަމް މިދިޔަ ސީޒަން ނިންމީ ވެސްޓް ހޭމް ފަހަތުން ލީގު ހަތްވަނައިގަ އެވެ. ހަތް ވަނައިގައި ނިންމުމުން އެޓީމު ވަނީ ޕްލޭއޮފް ކާމިޔާބު ކޮށް، މި ސީޒަނުގައި އަލަށް ފެށި ޔޫރަޕުގެ ތިންވަނަ ފަންތީގެ ފުޓުބޯޅަ މުބާރާތް ކަމަށްވާ ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގު ގުރޫޕް ސްޓޭޖުން ޖާގަ ހޯދައިފަ އެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން އެޓީމަށް ގުރޫޕް ސްޓޭޖުގެ މެޗުތައް ފުރިހަމަ ނުކުރެވި، ޖެހުނީ މުބާރާތް ނިންމާލާށެވެ.