އެކި މައްސަލަތަކުގައި ހިމެނޭ 45 ބިދޭސީއަކު ހޯދަނީ
އެކި މައްސަލަތަކުގައި ހިމެނޭ 45 ބިދޭސީއަކު ހޯދަނީ

ރާއްޖޭގައި އުޅޭ 45 ބިދޭސީއަކު ހޯދަން މޯލްޑިވްސް އިމިގްރޭޝަނުން އެ މީހުންގެ ފޮޓޯއާއެކު އިއްޔެ އާންމުކޮށްފި އެވެ.

އިމިގްރޭޝަނުން ކުރި އިއުލާނެއްގައި ބުނީ، އެއީ އެކި މައްސަލަތަކާ ގުޅިގެން ހޯދަމުން އަންނަ މީހުން ކަމަށެވެ. ފޮޓޯ އާންމުކޮށް، އިމިގްރޭޝަނުން އެ މީހުންނަށް އެންގީ "އެކްސްޕެޓްރިއޭޓް މޮނިޓަރިން އެންޑް ރެޕަޓްރިއޭޝަން ޑިވިޝަން" އަށް ހާޒިރުވުމަށެެވެ.

ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި އެ ޑިވިޝަނަށް ހާޒިރުވާން އެ ބިދޭސީންނަށް އެންގިއިރު، އޭގެ ތެރޭގައި ހިމެނެނީ 8 އަންހެނަކާއި 37 ފިރިހެނެކެވެ. އެެއީ ބަންގްލަދޭޝްގެ 34 މީހަކާއި އިންޑިއާގެ ތިން މީހެއް އަދި ނައިޖީރިއާ ދެ މީހަކާއި ތައިލޭންޑާއި އިޓަލީ، ބްރިޓިޝް، ސްރީ ލަންކާ އާއި ފިލިޕިންސާއި އިތިއޯޕިއާގެ މީހެކެވެ.

އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް، "މިހާރު" އަށް އިއްޔެ ވިދާޅުވީ އެ 45 މީހުންނަކީ ތަފާތު 45 މައްސަލައާ ގުޅިގެން ހޯދަމުން އަންނަ ބައެއް ކަމަށެވެ.

"އެ ފަރާތްތަކަކީ މި އިދާރާގެ އެކި ސެކްޝަންތަކުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން ހޯދާ މީހުން،" އޭނާ ވިދާޅުވި އެވެ.

ރާއްޖެ އެތެރެވުމަށް ފަހު، ބިދޭސީން ކުރާ އެކި ކުށްތަކާ ގުޅިގެން މި ގޮތަށް މީހުން ހޯދުމަށް ކުރިން ވެސް އިމިގްރޭޝަނުން އިއުލާންކުރެ އެވެ. އެކަމަކު، މިއީ އެއްފަހަރާ މިހާ ގިނަ ބަޔަކު ހޯދަން ފަހަކަށް އައިސް އިއުލާންކުރި ފުރަތަމަ ފަހަރެވެ.