20 މާޗް 2022 - 22:50

ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންނަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު، އެމްޑީޕީގެ ޗެއާޕާސަން އިންތިހާބާ ދިމާކޮށް ވަޒީފާގެ ބިރު ދައްކާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތުކުރެއްވުމުން ދެ ބޭފުޅުން މެދުގައި ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފި އެވެ.

އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ފެކްޝަންގެ ކޯޅުމުގައި އެ ޕާޓީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދުކުރައްވާ ބޭފުޅުން މި އިންތިހާބުގައި ތާއީދުކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށެވެ. އެކަމަކު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުންގެ ތާއީދު އޮތީ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އަށެވެ.
ނަޝީދު، ސައީދަށް އަމާޒުކުރައްވައި މެސެޖުތަކެއް ފޮނުއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެފް ގްރޫޕްގަ އެވެ.
ނަޝީދު ވިދާޅުވީ ފެނަކައިގެ މުވައްޒަފުންނަށް ގުޅުވައްވައި ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށާއި ފެނަކައަކީ ސައީދުގެ އަމިއްލަ ތަނެއް ނޫން ކަމަށެވެ. އަދި ނަޝީދު އެމްޑީޕީން ވަކިކުރަން ސައީދު މަސައްކަތްކުރައްވާ ކަމަށައި އެކަމަކު އެއީ ފެނަކައިގެ މުވައްޒަފުން ވެސް ރުހޭނެ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝިދު ވިދާޅުވީ ދެން އިތުރު މުވައްޒަފަކަށް ގުޅުއްވައި ވަޒީފާގެ ބިރު ދައްކައިފި ނަމަ އެ މަނިކުފާނު ވެސް ނުކުންނަވާނެ ކަމަށެވެ. އެކަމަކު ނަޝީދު އެ ވިދާޅުވީ އިންތިގެ ކެމްޕެއިނަށް ނުކުންނަވާ ވާހަކަ ކަމެއް ނުވަތަ ސައީދުއާ ދެކޮޅަށް ނުކުންނަވާނެ ވާހަކަ ކަމެއް ނޭނގެ އެވެ.
ނަޝީދުގެ މެސެޖުތަކުގައި ކުރެއްވި ތުހުމަތުތަކަށް ދޮގުކުރައްވައި ސައީދު ވަނީ އެ ގްރޫޕްގައި މެސެޖު ކުރައްވައިފަ އެވެ.
އެމްޑީޕީގެ ގައްދޫ ދާއިރާގެ ރައީސްކަން ވެސް ކުރައްވާ ސައީދު ފައްޔާޒްގެ ކެމްޕެއިންގައި އުޅުއްވަމުން "މިހާރު" އަށް ވިދާޅުވީ އޭނާއަކީ މީހުންނަށް ބިރު ދައްކާނެ މީހެއް ނޫން ކަމަށް ނަޝީދު ވެސް ގަބޫލުފުޅު ކުރައްވާނެ ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ.
"ކޮންމެވެސް ބަޔަކު ނަޝީދަށް ދޮގު މައުލޫމާތު ދެއްވައިގެން ކަންނޭނގެ އެ އުޅެނީ. އެމީހުން ބޭނުންވާ ކޮންމެ ކެންޑިޑޭޓަކަށް ފެނަކައިގައި ތާއީދުކުރެވޭނެ. ކޮންމެވެސް ބަޔަކު ފިތުނައަކަށް ވާހަކަ އޮޅުވާލައިގެން ދެއްކީ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި ފެނަކައިގެ ތެރޭގައި ކޮންމެ ކެންޑިޑޭޓަކަށް ވެސް ތާއީދުކުރެވޭނެ އެވެ. އަދި އެމީހަކު ތާއީދުކުރާ ކެންޑިޑޭޓަކަށް ސޯޝަލް މީޑިއާގައި ވެސް ކެމްޕެއިން ކުރެވެ އެވެ. އެއްވެސް ފިޔަަވަޅެއް އަޅައި ބިރު ދައްކާފައި ނުވާނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވަޒީފާގެ ބިރެއް ނުދައްކާނަން. އެއީ ރައީސް ނަޝީދު ދަސްކޮށްދެއްވި ގޮތަކީ،"
ފައްޔާޒާއި އިންތި ގެންދަވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވަޑައިގެން ފޯރީގައި ކެމްޕެއިން ކުރައްވަމުންނެވެ. އިންތިގެ ކެމްޕޭނުން ވަނީ ފައްޔާޒަށް ތާއީދު ހޯދަން ސަރުކާރުގެ ތެރެއިން އެކި މީހުންނަށް ނުފޫޒު ފޯރުވައި ބިރު ދައްކައި ކަމަށް މީގެ ކުރިން ވެސް ތުހުމަތުކޮށްފަ އެވެ.
ޗެއާޕާސަންގެ އިންތިހާބާ ގުޅިގެން މީގެ ކުރިން ވެސް ނަޝީދު ވަނީ ބަހުގެ ހަމަލާތައް އެ ޕާޓީގެ ބައެއް މެމްބަރުންނަށް ދެއްވައިފަ އެވެ. ޗެއާޕާސަންގެ އިންތިހާބު ފަސްކުރުމާ މެދު ގޮތެއް ނިންމަން ބޭއްވި ޖަލްސާގައި ދެ ފެކްޝަނުގެ ކޯޅުން ބޮޑުވެ، ދެ ފަޅިން ވެސް ވަރަަށް ހުތުރުކޮށް އަދި އަހުލާގީ ގޮތުން ވަރަށް ދަށް ފެންވަރަކަށް ވެއްޓުނު ޖަލްސާ އަށް ފަހު، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންގެ ވަޓްސްއެޕް ގުރޫޕަށް ނަޝީދު ފޮނުއްވި ފުރަތަމަ މެސެޖުގައި ވިދާޅުވީ ފައްޔާޒާއި ރޮޒައިނާއަކީ ދެ ކެންޑިޑޭޓުން ކަމަށާއި "އެހާ ބޮޑަށް އަތް އުކައި ކަރުބުޑުން އަޑު ނެރުމުން ޕާޓީއަށް ވަރަށް ހުތުރު" ކަމަށެވެ.
ފައްޔާޒާއި ރޮޒައިނާއަށް ގައުމީ މަޖިލީހުގެ ޖަލްސާ އަށް ފަހު ނަޝީދު ފާޑުވިދާޅުވިއިރު، އެ ދެ ބޭފުޅުންނާ މެދު ހިތްހަމަޖެހިވަޑައިނުގެން ދޭތެރެދޭތެރެއިން އެ މަނިކުފާނު އެކި ޕްލެޓްފޯމުތަކުގައި ވާހަކަފުޅު ދައްކަވަ އެވެ. އަދި ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ވެސް ރައްޔިތުންގެ މަޖިލީހުގައި ނެގުމަށް އެއް އިރެއްގައި ނަޝީދު މަސައްކަތްކުރެއްވި އެވެ.