ވަގެއް އުޅޭ ޝޯއެއްގެ ސެޓުން ބަޔަކު ވައްކަން ކޮށްފި
ވަގެއް އުޅޭ ޝޯއެއްގެ ސެޓުން ބަޔަކު ވައްކަން ކޮށްފި

ނެޓްފްލިކްސްގެ މަޝްހޫރު ފްރެންޗް ސީރީޒް "ލޫޕިން"ގެ ސެޓެއްގެ ތެރެއަށް ވަދެ ބަޔަކު 330،000 ޑޮލަރަށް އަގުހުރި މުދާތަކެއް ވަގަށް ނަގައިފި އެވެ.

ލޫޕިންގައި ވައްކަން ކުރާ ސްޓައިލަށް ބަޔަކު ވައްކަން ކޮށްފައި ވަނީ ފިލްމުގެ ޝޫޓިން އަށް ބޭނުންކުރާ އަގުބޮޑު ސާމާނުތަކެވެ. އެ ހުރިހާ ކަމެއް ހިނގައިދިޔައީ ދުވާލުގެ ވަގުތެއްގައި ކަމަށް ނެޓްފްލިކްސް އިން ބުންޏެވެ.

ލޫޕިން އަކީ އާސީން ލޫޕިން ނަމަކަށް ކިޔާ ވަގަކު އުޅޭ ޝޯއެކެވެ. ތަފާތު އެކި ކަހަލަ ސިފަތަކަށް ބަދަލުވެގެން ވައްކަން ކުރާ ލޫޕިންގެ ވައްކަމުގެ ވާހަތަކަކީ އެ ޝޯގައި ވަރަށް މަޝްހޫރު ވާހަކަތެކެވެ.

ނެޓްފްލިކްސް އިން ބުނީ ލޫޕިންގެ ސެޓެއްގެ ތެރެއަށް މާސްކު އަޅައިގެން ގުރޫޕެއް ވަން ކަމަށެވެ. އަދި އެކި ކަހަލަ ފަޓާސްތައް ބޭނުންކޮށްގެން އެ ސަރަހައްދުގައި އަޑުގަދަކޮށް ކްރޫއިންނާ ދިމާލަށް އެ ފޮނުވުމަށް ފަހު އެ ގްރޫޕުން ވައްކަން ކުރަން އުޅުނު ކަމަށް ނެޓްފްލިކްސް އިން ބުންޏެވެ.

ކްރޫއިންނަށް ހަމަލާ ދިނުމަށް ފަހު އެތަނުން ވައްކަން ކުރި ނަމަވެސް، އެއްވެސް ކްރޫ މެމްބަރަކަށް އަނިޔާވެފައި ނުވެ އެވެ. އެކަމާ ގުޅިގެން ޝޯގެ ޝޫޓިން ވެސް މެދުކަނޑާލަން ޖެހުނެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް ހަތް މީހުން ހައްޔަރުކޮށްފައިވެ އެވެ. އޭގެތެރޭގައި 13 އަހަރާއި 21 އަހަރާ ދެމެދުގެ ކުދިންނާއި މީހުން ހިމެނެ އެވެ. އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ އިތުރު ކަންތައްތައް ބަލަމުން އަންނަ ކަމަށް ފްރެންޗް ފުލުހުން ބުންޏެވެ.