ސަނީއާ އެކު ފިރިމީހާ މަސައްކަތްކުރާތީ ނުރުހޭ ތަރިން އުޅޭ
ސަނީއާ އެކު ފިރިމީހާ މަސައްކަތްކުރާތީ ނުރުހޭ ތަރިން އުޅޭ

ބޮލީވުޑްގެ ތަރި ސަނީ ލިއޯންއާ އެކު ބޮލީވުޑްގެ ބައެއް ފިރިހެން ތަރިން މަސައްކަތް ކުރަން އެމީހުންގެ އަނބިން ނުރުހޭ މައްސަލައިގައި ސަނީ ވަރުގަދަ ރައްދެއް ދީފަ އެވެ.

ސަނީ އަކީ ކުރިން ބަދުއަހުލާގީ ފިލްމުތަކުގައި މަސައްކަތް ކުރި މީހެކެވެ. އޭނާ އިންޑިއާގެ ފިލްމީ ދާއިރާ އަށް ނިކުތީ ރިއަލިޓީ ޝޯ، "ބިގްބޮސް" އިން 2011 ވަނަ އަހަރު އެވެ. އޭގެ ފަހުން ބޮލީވުޑްގައި މަސައްކަތްކުރަމުން އަންނައިރު ކުރިން ކުޅެވުނު ބަދުއަހުލާގީ ފިލްމުތަކާ މެދު ވަރަށް ދެރަވާ ކަމަށް އޭނާ ބުންޏެވެ.

ސަނީ ކުރިން ދިން އިންޓަވިއުއެއްގައި ބުނީ ބޮލީވުޑްގައި ނަން ހިނގާ މީހަކަށް ވުމަށް ކުރި މަސައްކަތަކީ އެހާ ފަސޭހަ މަސައްކަތެއް ނޫން ކަމަށެވެ. އެ ވާހަކައިގެ ތެރެއިން އޭނާ ހިއްސާކުރީ ވަރަށް ތަފާތު ވާހަކައެކެވެ. އެއީ ބޮލީވުޑްގެ "އޭ ލިސްޓުގެ އަންހެން ތަރިން" އެމީހުންގެ ފިރިން އޭނާއާ އެކު މަސައްކަތް ކުރަން ދެކޮޅު ހަދާ ވާހަކަ އެވެ.

އެކަމުގެ ސަބަބުން އޭނާ އަށް ކޮލިޓީ ރަނގަޅު ފިލްމެއް ކުޅެން ލިބުމަށް ދަތިވާ ކަމަށް ބުންޏެވެ.

"އަހަރެން ގިނައިން މަސައްކަތްކުރީ މީހުންނާ އިނދެގެން އުޅޭ ތަރިންނާ އެކު. އެމީހުންގެ އަނބިންނާ ބައްދަލުކުރީމަ އަސްލު ބޮޑަށް އެކުވެރިކަން އޮންނަނީ ވެސް އަންހެން މީހާއާ އެކު. އެކަމަކު އެނގޭ އެމީހުން އިންސެކުއާވާކަން. ވަރަށް ބުނަން ބޭނުންވޭ އެމީހުންގެ ފިރިމީހާ ބޭނުމެއް ނުވެޔޭ. އަހަރެންގެ ވަރަށް އެމޭޒިން ފިރިއަކު އެބަ ހުއްޓޭ،" އޭކް ޕެހެލީ ލީލާ ކަހަލަ ފިލްމުތަކުގައި މަސައްކަތް ކުރި ސަނީ މީގެ އަހަރުތަކެއް ކުރިން ދިން އިންޓަވިއުއެއްގައި ބުންޏެެވެ.

އެކަމާ ގުޅިގެން އޭރު ވަރަށް ގިނަ އިންޓަވިއުތަކުގައި ސަނީ ވާހަކަ ދައްކާފައިވެ އެވެ. އޭނާ ބުނީ އޭނާގެ ފިރިމީހާ އަކީ "ހޮޓް" މީހެއް ކަމަށާއި އެހެން މީހެއްގެ ފިރިއަކު ބޭނުންނުވާ ކަމަށެވެ. އަދި ބޭނުންވަނީ ހަމައެކަނި މަސައްކަތްކުރަން ކަމަށާއި އެހެން މީހެއްގެ ފިރިއަކު ގެއަށް ގެންދަން ވެސް ބޭނުންނުވާ ކަމަށެވެ.

އުމުރުން 40 އަހަރުގެ ސަނީ ލިއޯން މީގެ ކުރިން އާންމުންގެ ތެރޭގައި ވާހަކަ ދައްކަމުން ވެސް އޭނާ ބޮލީވުޑަށް ނިކުތުމުގެ ކުރިން ކޮށްއުޅުނު މަސައްކަތާ ގުޅިގެން ވާހަކަ ދެއްކި އެވެ. އަދި މިއަދު ވެސް ގިނަ ބަޔަކަށް އޭނާ ކުރިން ކޮށްއުޅުނު މަސައްކަތްތަކުން އެނގުނު ނަމަވެސް އެޔަށް ވުރެ ބޮޑަށް ހަޔާތުގައި ރިގްރެޓްކޮށް ލަދުގަންނަ ކަަމެއް ނެތް ކަމަށް އޭނާ ބުނެފައިވެ އެވެ.