ތިން ފަހަރަށް ސާހިބުމީހާ ސަލާމަތްކޮށްދިން ކުއްތާ
ތިން ފަހަރަށް ސާހިބުމީހާ ސަލާމަތްކޮށްދިން ކުއްތާ

ބަައެއް ފަހަރަށް ކުއްތާގެ ފަރާތުން ހީވެސް ނުކުރާ ކަހަލަ އެހީތެރިކަން އިންސާނުންނަށް ލިބެ އެވެ.

އެމެރިކާގެ ފިލަޑެލްފިއާގައި ދިރިއުޅޭ 60 އަހަރުގެ ލޯފަން އަންހެނަކު ގެންގުޅޭ ކުއްތާއެއް ދާދި ފަހުން ވަނީ، އެފަދަ ގޮތަކަށް، ސާހިބުމީހާގެ ފުރާނަ ސަލާމަތް ކޮށްދީފަ އެވެ.

ޔޯލަންޑާގެ ނަން ދީފައިވާ މި ކުއްތާ މިފަހަރު އޭތީގެ ސާހިބުމީހާ ސަލާމަތްކޮށްދިނީ ގޭގައި ރޯވި އަލިފާނުންނެވެ. އަންހެންމީހާ ގެއިން ނެރެން އެހީތެރިވުމުގެ ކުރިން، އެއަށް ދަސްކޮށްދީފައިވާ ގޮތަށް، ފުރަތަމަ ގުޅީ 911 އަށެވެ. އެހާ ހިސާބުން އެ ގެ އަށް އެމަޖެންސީއެއް ކުރިމަތިވެއްޖެ ކަން، ކަމާ ބެހޭ ފަރާތްތަކަށް އެނގުނެވެ.

މީގެ ކުރިން ވެސް ޔޯލަންޑާ ވަނީ އެ އަންހެންމީހާ ސަލާމަތްކޮށްދީފަ އެވެ. އެއީ 2013 ގައި އެގެއަށް ވައްކަން ކުރަން ވަން ބަޔަކު ފައްސާލައިގެންނާއި 2015 ގައި ކައްސާލައިގެން ވެއްޓި އަންހެންމީހާ ހޭނެތުމުންނެވެ. އެ ފަހަރު ވެސް 911 އަށް ގުޅީ އެ ކުއްތާ އެވެ.

މިފަހަރު ގޭގައި ރޯވި ހާދިސާގައި ޔޯލަންޑާގެ ވެރިމީހާއަށް ދުމުގެ އަސަރުކޮށްގެން ފަރުވާ ދޭން ޖެހުނަސް އޭނާ އަށް ގެއްލުމެއް ނުލިބެ އެވެ.

އިނާމެއްގެ ގޮތުން ޔޯލަންޑާ އަށް ލިބުނީ ކާއެއްޗިއްސާއި ކުޅޭ އެއްޗިއްސެވެ.