ރަޝިޔާއާ ގުޅުން ހުރި ޕާޓީތައް ޔޫކްރޭންގައި މަނާ
ރަޝިޔާއާ ގުޅުން ހުރި ޕާޓީތައް ޔޫކްރޭންގައި މަނާ

ރަޝިޔާއާ އެކު ގާތް ގުޅުމެއް ބާއްވަމުން އަންނަ، ޔޫކްރޭންގެ ސިޔާސީ ޕާޓީތައް ހިންގުން އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އިއްޔެ އިން ފެށިގެން މަނާ ކުރައްވައިފި އެވެ.

ރައީސް ޒެލެންސްކީ އިއްޔެ ނެރުއްވި ގަރާރެއްގައި ވިދާޅުވެފައިވަނީ، ރަޝިޔާގެ ސިޔާސަތަށާއި ރަޝިޔާ އިން ޔޫކްރޭންގައި މިހާރު ކުރަމުން އަންނަ ހަނގުރާމަ އަށް ތާއީދުކުރާ 11 ސިޔާސީ ޕާޓީއެއްގެ އެންމެހައި ހަރަކާތްތައް އިއްޔެ އިން ފެށިގެން މަނާކުރައްވައިފަ އެވެ. އޭގެ ތެރޭގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ 450 ގޮނޑީގެ ތެރެއިން 44 ގޮނޑި ތަމްސީލުކުރާ އިދިކޮޅު ބައެއް ޕާޓީތައް ވެސް ހިމެނެ އެވެ.

އޭގެ ތެރެއިން އެންމެ ބޮޑު ޕާޓީއަކީ ވިކްޓޯރް މެޑްވެޑްޗުކްގެ ރިއާސަތުން ހިންގާ އޮޕޮސިޝަން ޕްލެޓްފޯމް ފޯ ލައިފް އެވެ. ވިކްޓޯރް އަކީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއާ އެކު ވަރަށް ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.

އެގާރަ ޕާޓީގެ ސިޔާސީ ހަރަކާތްތައް މަނާކުރެއްވުމަށް ފަހު، ރައީސް ޒެލެންސްކީ ނެރުއްވި ގަރާރުގައި ވިދާޅުވެފައިވަނީ، ރަޝިޔާ އިން ކުރަމުންދާ ހަނގުރާމަޔާ ގުޅިގެން މިހާރު ހިންގާފައިވާ އަސްކަރީ ގާނޫނަށް އަމަލުކުރަމުންދާހާ ހިނދަކު އެ 11 ޕާޓީގެ އެއްވެސް ހަރަކާތެއް ހިންގުން މަނާވާނެ ކަމަށެވެ. އޭގެ އިތުރުން ރައީސް ޒެލެންސްކީ ވިދާޅުވީ، ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް ސިޔާސީ ފަރާތްތަކުން ރާވަމުންދާ ރޭވުންތައް ދުވަހަކު ވެސް ކާމިޔާބު ނުވާނެ ކަމަށެވެ.

ރަޝިޔާ ސިފައިން ޔޫކްރޭނަށް ދެމުންދާ ވަރުގަދަ ހަމަލާތަކުން ސަލާމަތްވުމުގެ ގޮތުން، އެ ގައުމުގެ 3.3 މިލިއަނަށް ވުރެ ގިނަ މީހުން މިހާރު ޔޫކްރޭން ދޫކޮށް، ރެފިއުޖީންގެ ގޮތުގައި އަވައްޓެރި ގައުމުތަކަށް ހިނގައްޖެ އެވެ. އޭގެ ތެރެއިން ދެ މިލިއަނަށް ވުރެ ގިނަ ރެފިއުޖީން ދިޔައީ ޔޫކްރޭންގެ ހުޅަނގުން އޮންނަ ޕޮލޭންޑަށެވެ.

ދެން އެންމެ ގިނަ ބަޔަކު ރެފިއުޖީންގެ ގޮތުގައި ދިޔައީ ޔޫކްރޭންގެ ދެކުނުން އޮތް ރޮމޭނިއާ އަށެވެ. އެ ގައުމަށް 518 ހާސް ރެފިއުޖީން މިހާރު އެތެރެ ވެފައިވާ އިރު، މޮލްޑޯވާ އަށް 359،056 ރެފިއުޖީން، ހަންގޭރީ އަށް 299 ހާސް ރެފިއުޖީން، ސްލޮވާކިއާ އަށް 240 ހާސް ރެފިއުޖީން، ރަޝިޔާ އަށް 184 ހާސް ރެފިއުޖީންނާއި ބެލަރޫސް އަށް 2،548 ރެފިއުޖީން މިހާރު އެތެރެ ވެއްޖެ އެވެ.