24 ޑިސެމްބަރ 2016 - 08:42

"ބީ" ގެ ނަމުގައި ފާތުމަތު ނަހުލާ ފިލްމެއް ލޯންޗްކޮށްފައި ވަނިކޮށް ހަމަ އެ ނަމުގައި ފިލްމެއް ރަޖިސްޓްރީ ކުރި މީހާ އެންމެ ފަހުން ނަހުލާ އަށް އެ ނަން ދީފި އެވެ.
ނަހުލާ ބުނީ "ބީ"ގެ ނަން ރަޖިސްޓްރީކުރުވީ ފިލްމީ ދާއިރާގެ މަޝްހޫރު މީހަކު އަޑީގައި ހުރެގެން، އެހެން މީހަކަށް އޮޅުވާލައިގެން ކަމަށެވެ. އަދި އެ ކަންތައްގަނޑުގެ ތެރެއަށް އޭނާ އެންމެ ފަހުން އުފެއްދި ބިރުވެރި ފިލްމު "4426"ގައި މަސައްކަތްކުރި މީހަކު ވެސް ވަން ކަމަށް ބުންޏެވެ.
އެކަމަކު ނަހުލާ ބުނީ އެ ނަން ރަޖިސްޓްރީކުރި މީހާ އޭނާ އަށް "ބީ" ދީފި ކަމަށެވެ.
"މިކަން ވިޔަ ނުދޭން އުޅުނު މީހުން ކުޅުނު ކުޅިގަނޑު އެއްވެސް ހިސާބަކުން ކާމިޔާބެއް ނުވި. އެންމެ ފަހުން ބީގެ ރަޖިސްޓްރީ އޮތް ކުއްޖާ އަހަރެން ކައިރި އަށް އައިސް އަހަރެންގެ ނަމުގައި ފިލްމު ރަޖިސްޓްރީކޮށް ދޭން ބޭނުންވެގެން މިކަން މިވީ،" ނަހުލާ ބުންޏެވެ.
"މީގެ އަޑީގައި ހުރީ ފިލްމީ ދާއިރާގައި އެންމެ ދަންނަ މީހެއް. އަދި މި ކުޅިގަނޑުގެ ތެރެއަށް އަނެއްކާ ދެވަނަ މީހަކު ވެސް ވަދެ އުޅުނު ފިލްމެއް ހެދުމުގެ ނަމުގައި ރަޖިސްޓްރީ އޮތް ކުއްޖާގެ އަތުން ރަޖިސްޓްރީ ހޯދަން ވެސް. އަދި އަހަރެން ގަންނާނެ ކަމަށް ބަލައިފައި އެ ނަން އަހަންނަށް ވިއްކަން ރޭވިކަން ވެސް އެނގޭ."
އެކަމަކު އެއިން އެއްވެސް މީހެއްގެ ނަމެއް ނަހުލާ ހާމައެއް ނުކުރެ އެވެ.
ނަހުލާ ވަނީ އޭނާ އަށް "ލަނޑެއް ދޭން" ބަޔަކު ކުރި އެ މަސައްކަތުގެ އަޑީގައި ތިބި ބަޔަކު ބުނެދޭ ފަރާތަކަށް 100،000ރ ވެސް ހުށަހަޅާފަ އެވެ. އެކަމަކު އޭނާ ބުނީ "ބީ"ގެ ނަން ރަޖިސްޓްރީ މީހާ އޭނާ އަށް އެ ނަން ދިނީ ހިލޭ ކަމަށެވެ.
ފިލްމު ރަޖިސްޓްރީ ނުކޮށް، ލޯންޗް ކުރުމުން ބައެއް މީހުންގެ ފާޑުކިޔުންތައް ނަހުލާ އަށް ވެސް އަމާޒުވި އެވެ. ބައެއް މީހުން ބުނާ ގޮތުގައި އެއީ "ބީ" އަށް ޕަބްލިސިޓީ ހޯދަން ނަހުލާ ޖެއްސި ސްޓަންޓެކެވެ. އެކަމަކު އޭނާ ބުނީ ސްޓަންޓެއް ޖައްސަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
"އެކަހަލަ އެއްވެސް ވިސްނުމެއް ނެތް. ބަޔަކު އަހަންނާ ޖައްސާލައިގެން ލަނޑެއް ދޭން ވެގެން ޖެއްސުމަކަށް ކުރި ކަމަކުން ބީ މިހާރު މިއޮތީ ޝޫޓިން ވެސް ނުފަށަނީސް މާ ބޮޑަށް ވެސް މަޝްހޫރުވެފައި،" ދެން ހަދާ ލޯބީގެ ފިލްމާ ބެހޭ ގޮތުން ނަހުލާ ބުންޏެވެ.
"ބަޔަކު އަހަންނަށް ދޭން އުޅުނު މި ލަނޑުގެ ސަބަބުން އޭގެ ހުރިހާ ފައިދާއެއް އަސްލު މިހާރު މިއޮތީ އަހަރެންގެ ކޮޅަށް ބުރަވެފައި."
ސްކްރިޕްޓިން މަރުހަލާގައި އޮތް ފިލްމުގެ ލީޑް ކާސްޓާ އެކު ފިލްމުގެ ފުރަތަމަ ޕޯސްޓަރު މީގެ ދެ މަހެއްހާ ދުވަސް ކުރިން ވަނީ ދައްކާލައިފަ އެވެ. އަދި ފިލްމުގެ ލަވަތައް ވެސް ހުރީ ހަދައިފަ އެވެ.
މި މައްސަލަގަނޑުގައި ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ވެސް ބޮޑު ދައުރެއް އޮތް ކަމަށް އޭނާ އަދިވެސް ތުހުމަތު ކުރެ އެވެ.
އެކަމަކު އެންސީއޭ އިން ބުނީ "ބީ" ގެ ނަމުގައި ފިލްމެއް ރަޖިސްޓްރީކޮށް ދިނީ ނަހުލާ އަށް ވުރެ ކުރިން އެހެން ބަޔަކު ފޯމް ލުމުން ކަމަށެވެ. އަދި އެކަން ހިނގާފައި އޮންނާނީ އުސޫލުގެ ތެރެއިން ކަމަށް ވެސް އެންސީއޭ އިން ބުންޏެވެ.
"ބީގެ ނަމުގައި ރަޖިސްޓްރީ ނުކޮށް ދިނީމަ ދެން އަހަރެން އެދުނީ ނަހުލާގެ ބީގެ ނަމުގައި ރަޖިސްޓްރީކޮށް ދޭން. އެކަމަކު ދެ ނަން އެއްގޮތްވާ ކަމަށް ބުނެ އެކަން ވެސް އެންސީއޭ އިން ނުކޮށް ދިން،" ނަހުލާ ބުންޏެވެ.
އެކަމަކު އެއް ކަހަލަ ނަންތަކެއް މީގެ ކުރިން ވެސް ރަޖިސްޓްރީކޮށް ދީފައި ހުރިކަން އޭނާ ފާހަގަކުރި އެވެ. މިސާލަކަށް ނަހުލާ ދެއްކީ "ބައްޕަ" އާއި "އެ ބައްޕަ"، ފަތިސްހަނދުވަރު" އާއި "ފަތިސް ހަނދުވަރުގެ ފެށުން" އަދި "ބީ" އާއި "ޕްލޭން ބީ" އެވެ.
"ދެން އަހަންނަށް މައްސަލައެއް ނެތް. އަހަރެން ބޭނުންވި ނަން އަހަންނަށް ލިބިއްޖެ. އަހަރެން މި ހިސާބަށް އައިސްފައި މި ހުރީ ވެސް ވަރަށް ގިނަ ހުރަސްތަކާއި ގޮންޖެހުންތަކާ އެކު."