20 މާޗް 2022 - 12:21

ޔޫކްރޭންގެ ސިފައިންގެ މަރުކަޒަށް، މިދިޔަ ހުކުރު ދުވަހު ރަޝިޔާ ސިފައިން ވައިގެ މަގުން ދިން ހަމަލާގައި ގިނަ އަދަދެއްގެ ސިފައިން މަރުވެފައިވާ ކަމަށް، ޔޫކްރޭނުން ބުނެފި އެވެ.
ޔޫކްރޭންގެ ހުޅަނގު ދެކުނުން ކަޅު ކަނޑުގެ އައްސޭރީގައި އޮންނަ މީކޮލައިވްގައި ހުންނަ، ޔޫކްރޭން ސިފައިން ދިރިއުޅޭ މަރުކަޒަށް، މިދިޔަ ހުކުރު ދުވަހު ފަތިހުގެ ވަގުތުގައި ރަޝިޔާ ސިފައިން މިސައިލް ހަމަލާތައް ދިން އިރު، އެ މަރުކަޒުގައި 200 ވަރަކަށް ސިފައިން ތިބީ ނިދައިފަ އެވެ. އެ ހަމަލާގައި މަރުވި މީހުންގެ ސާފު އަދަދެއް މިހާތަނަށް ޔަގީން ނުވާއިރު، ޒަހަމްވެގެން ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާ ދެމުން އަންނަ މީހުންގެ އަދަދަކީ 57 ކަމަށް ޔޫކްރޭންގެ އަސްކަރިއްޔާ އިން ބުންޏެވެ.
ޔޫކްރޭންގެ ދިފާއީ ވުޒާރާ އިން ބުނި ގޮތުގައި، އެ މަރުކަޒަށް ހަމަލާ ދިންތާ 30 ގަޑިއިރު ފަހުން، ވެއްޓިފައިވާ އިމާރާތުގެ ގާކުނޑިތަކުގެ ދަށުން ދިރިހުރި މީހަކު ވަނީ ފެނިފަ އެވެ. ދިރިހުރި އިތުރު މީހަކު މިހާތަނަށް ނުފެންނަ އިރު، ޒަހަމްވެގެން ފަރުވާ ދެމުން އަންނަ މީހުން ފިޔަވައި، އެ މަރުކަޒުގައި އެ ވަގުތު ތިބި އެންމެން މަރުވެފައިވާ ކަމަށް ބެލެވެ އެވެ.
މީކޮލައިވް ސަރަހައްދުގައި މިހާރު ވެސް ފިނިހޫނުމިން ހުރީ މައިނަސް 6 ޑިގްރީ ސެލްސިއަސްގައި ކަމަށްވާ އިރު، އެ މަރުކަޒަށް ހަމަލާދީ ގޮއްވައިލިތާ ދެ ދުވަސް ފާއިތުވެގެން ދިޔުމުން، އެ އިމާރާތުގެ ދަށުގައި ދިރިހުރި މީހަކު ހުރުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް ޔޫކްރޭންގެ ދިފާއީ ވުޒާރާ އިން ބުންޏެވެ.
އެ ސަރަހައްދުގެ ސަރުކާރު އޮފީހުން ބުނި ގޮތުގައި ސިފައިންގެ ބަޔަކު ނިދާފައި ތިބި ތަނަކަށް ބޮން އަޅައި އެތައް ބަޔަކު މަރައިލުމަކީ، ރަޝިޔާގެ ކިބައިގައި އިންސާނިއްޔަތުކަމުގެ ކުޑަވެސް މިންވަރެއް ނެތްކަން ދޭހަކޮށްދޭ ފިނޑި އަމަލެކެވެ. އެ މަރުކަޒަށް ހަމަލާ ދީ ގޮއްވައިލުމަށް ފަހު، އެ ތަނުން މީހުން ސަލާމަތްކުރުމުގެ ފުރުސަތެއް ވެސް ނުދީ، ރަޝިޔާ ސިފައިންގެ ހަމަލާތައް އެމަރުކަޒާ ކައިރީގައި ހުރި އެހެން ތަންތަނަށް އަމާޒުކުރަމުން ދިޔުމުން، މީހުން ސަލާމަތްކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ލަސްވެގެން ދިޔަ އެވެ.
އެ މަރުކަޒުގެ ކައިރީގައި ހުރި އެހެން ތަންތަނަށް ދިން ހަމަލާތަކުގެ ސަބަބުން، އެ ސަރަހައްދުގެ ފިހާރައެއްގެ ބޭރުގައި ކިޔޫ ޖެހިގެން ތިބި އާންމުންގެ ތެރެއިން ނުވަ މީހަކު މަރުވި އެވެ.
މީކޮލައިވް އަށް ރަޝިޔާ ސިފައިންގެ ހަމަލާތައް އަމާޒުކޮށްފައިވަނީ، ކަޅު ކަނޑުގެ އައްސޭރިން ޔޫކްރޭނަށް ވަންނަން މަސައްކަތް ކުރި ރަޝިޔާގެ އެއްގަމު ސިފައިންނަށް، މީކޮލައިވްގެ ތެރެއިން ޔޫކްރޭން ސިފައިން ވަރުގަދަ ރައްދު ހަމަލާތަކެއް ދީ، ރަޝިޔާ ސިފައިންގެ ކުރިއެރުން ހުއްޓުވުމުންނެވެ.