ޔުކްރޭންގެ އާންމުން މަޖުބޫރުން ރަޝިޔާ އަށް
ޔުކްރޭންގެ އާންމުން މަޖުބޫރުން ރަޝިޔާ އަށް

ރަޝިޔާ ސިފައިން މިހާރު ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައިގައި މިދިޔަ 10 ވަރަކަށް ދުވަހު އެންމެ ގިނަ އަދި އެންމެ ވަރުގަދަ ހަމަލާތަކެއް އަމާޒުކުރި ސަރަހައްދު ކަމަށްވާ މަރުއިޕޯލްގެ އާންމުންގެ ގިނަ ބަޔަކަށް މަޖުބޫރުކޮށް ރަޝިޔާގެ ތެރެއަށް ފޮނުވަމުންދާ ކަމަށް އެ ސަހަރުގެ ސިޓީ ކައުންސިލުން ބުނެފި އެވެ.

އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މަރިއުޕޯލްގެ އެތައް ހާސް ބަޔަކު ވަނީ، އެމީހުންގެ ރުހުމާ ދެކޮޅަށް، ރަޝިޔާގެ އެއްގަމު އުޅަނދުތަކަށް އަރުވައިގެން ރަޝިޔާ އަށް ގެންގޮސްފަ އެވެ. ހަނގުރާމަ ހިނގާ ސަރަހައްދުތައް ދޫކޮށް ދާން ބޭނުންވާ މީހުން މަރިއުޕޯލް އިން ނެރެދޭނެ ކަމަށް ބުނެ، ރަޝިޔާ އިން ވަނީ، މީގެ 10 ވަރަކަށް ދުވަސް ކުރިން އެ ސަރަހައްދަށް ބަސްތަކެއް ފޮނުވައިފަ އެވެ.

ކައުންސިލްގެ ބަޔާނުގައި ބުނެފައިވާ ގޮތުން، ރަޝިޔާގެ އުޅަނދުތަކަށް ގަދަކަމުން އަރުވައިގެން ގެންދަނީ، ރަޝިޔާ ސިފައިންގެ ހަމަލާތަކުން ސަލާމަތްވުމަށް، އިމާރާތްތަކުގެ ބިންގަރާސްތަކަށް ވެސް ރައްކާތެރިކަން ހޯދައިގެން ތިބި މީހުންނެވެ. މަރިއުޕޯލްގައި ހުރި އެފަދަ އިމާރާތްތަކަށް ރަޝިޔާ ސިފައިން ހަތިޔާރާއެކު ވަދެ، އާންމުންގެ ނުރުހުމުގައި އެމީހުން ނެރެގެން ގެންގޮސް ރަޝިޔާގެ ބަސްތަކަށް އަރުވައިގެން ރަޝިޔާ އަށް ގެންދަނީ އެވެ.

ރަޝިޔާގެ އުޅަނދުތަކަށް އަރުވައިގެން ގެންދާ މީހުން ފުރަތަމަ ބާލަނީ، ޔޫކްރޭންގެ ތެރޭގައި ރަޝިޔާ ސިފައިން ތިބޭ އަސްކަރީ ފޭލިގެ ސަރަހައްދަކަށެވެ. އެ ތަނަށް ބޭލުމަށް ފަހު، އެމީހުންގެ އަތުގައި ހުންނަ ލިޔުންތަކާއި ފޯނުތައް ބަލައި ފާސްކުރުމަށް ފަހު، ރަޝިޔާގެ އެކި ސަރަހައްދުތަކަށް އެމީހުން ގެންދަނީ އެވެ.

މަރިއުޕޯލް މިހާރު ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގައި އޮތް އިރު، އެ ސަހަރުގެ ވަރަށް ގިނަ އިމާރާތްތައް ހުރީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. އެ ސަހަރު ދޫކޮށް ދާން ބޭނުންވާ އެތައް ހާސް ބަޔަކު އަދިވެސް އެ ސަހަރުން ނުނިކުމެވިފައި ތިބި އިރު، ރަޝިޔާ ސިފައިން މިހާރު ވެސް ދަނީ މެދުކެނޑުމެއް ނެތި، ވައިގެ މަގުން އެ ސަހަރަށް ހަމަލާ ދެމުންނެވެ.

އެ ސަހަރުގައި ތިބި ބޭރުގެ ނޫސްވެރިން ބުނާ ގޮތުގައި ރަޝިޔާ ސިފައިންގެ ހަމަލާތަކުގައި މަރިއުޕޯލްގެ ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާ އިރު، މަރުވި ގިނަ މީހުންގެ ހަށިގަނޑުތައް އަދިވެސް ހުރީ މަގުތައް މަތީގަ އެވެ. ވަޅުލާން ނުގެންދެވި ގިނަ ދުވަސްވެފައިވާ ބައެއް ހަށިގަނޑުތައް މިހާރު ކުނިވާން ފަށާފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.

އަލްޖަޒީރާ ޓީވީން ބުނި ގޮތުގައި މަގުތަކުން ކުނިވަސް ދުވާތީ، ބައެއް މީހުން މަގުތަކަށް ނުކުމެ، މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ނަގައި، މަގުގެ އެއް ފަރާތުގައި ބޮޑެތި ވަޅުގަނޑުތައް ކޮނެ، އެ ވަޅުގަނޑުތަކުގައި އަންނަނީ ވަޅުލަމުންނެވެ. ރަޝިޔާ ސިފައިންގެ ހަމަލާތައް މެދުނުކެނޑި ކުރިއަށް ދާތީ، މަރުވެފައިވާ މީހުންގެ ޖަނާޒާގެ ކަންތައް ވެސް ނުކުރެވޭ ކަމަށާއި، މީހުން ވަޅުލާ ގަބުރުސްތާނުތަކަށް ވެސް ހަށިގަނޑުތައް ނުގެންދެވޭ ކަމަށް ބޭރުގެ މީޑިއާތަކުން ބުނެ އެވެ.