22 ޑިސެމްބަރ 2016 - 06:05

ތިން މަހުގެ ތުއްތު ކުއްޖެއް ގޭގައި އެކަނި ބާއްވާފައި މަންމަ ޕާޓީއަކަށް ރާ ބޯން ދިއުމުން މީދާތަކެއް ވަދެ އެ ކުއްޖާ ކާލައިފި އެވެ.

ސައުތު އެފްރިކާގެ ޖޮހަނެސްބާގްގެ 26 އަހަރުގެ މި އަންހެންމީހާ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.
ރޭގަނޑު ހަތަރުދަމު ޕާޓީކުރަން ބޭރުގައި އުޅެފައި މަންމަ ގެއަށް ދިޔައީ އިރު އަރަން ކައިރިވެފައި ހުއްޓަ އެވެ. އޭރު ސައުތު އެފްރިކާގައި އުޅޭ އާދަޔާޚިލާފަށް ބޮޑު މީދާތަކުގެ ތެރެއިން ތިން މީދާ ވަދެ ކުއްޖާގެ ބޮޑު ބައެއް އޮތީ ކައި ހުސްކޮށްފަ އެވެ. އެނދު އޮތީ ލެއިން ތަތްތެޅިފަ އެވެ.
ސައުތު އެފްރިކާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މީދާތައް ކާލީ އަންހެންމީހާއަށް ލިބުނު އެއްމާބަނޑު ދެބެންގެ ތެރެއިން އެއް ކުއްޖެވެ. މަންމަ ޕާޓީއަށް ދަމުން ދިޔައީ އޭގެ ތެރެއިން ލަކީ ނަމަކަށް ކިޔާ ކުއްޖާ ގޮވައިގެންނެވެ. އަނެއް ކުއްޖާ ގޭގައި ބޭއްވީ އެވެ.
އެކަމަކު އަންހެންމީހާގެ އަތުން އަތުލާފައި މިހާރު ލަކީ ވަނީ އެ ކުއްޖާގެ ބައްޕައާ ހަވާލުކޮށްފަ އެވެ.
އަންހެންމީހާގެ އަވަށްޓެރިންނަށް ހޭލެވުނީ އޭނާ ހަޅޭއްލަވާ އަޑުފައްގަނޑަށް ކަމަށް އެމީހުން ބުނެ އެވެ. ބައެއް މީހުން ދުވެފައި އެގެއަށް ދިޔައިރު ފެނުނީ ލެއިން ތަތްތެޅިފައިވާ އެނދެވެ.
އަވަށްޓެރިއަކު ބުނީ އެ ތުއްތުކުއްޖާއަށް ލިބިފައިވަނީ ވަރަށް ވޭން ހުރި މަރެކެވެ. އެ ކުއްޖާ ދިރި އޮއްވާ ނޮޅާލައިގެން ކާލިއިރު ވާނެ ތަދު އެހެން އިންސާނަކަށް އިހުސާސްކޮށްލަން ވެސް ނޭނގޭނެ ކަމަށް އޭނާ ބުންޏެވެ.
މީދާތަކަށް ނުކެވި ހުރި ބައިތައް ވެސް ހުރީ ނޮޅާ ހަލާކުކޮށްފަ އެވެ.
"އެ އަންހެންމީހާ ޖަލުގައި ބާއްވާ ކުނިކުރަން ޖެހޭނެ. އެއީ މަންމައެކޭ ކިޔަން ހައްގުވާ މީހެއް ނޫން،" އަވަށްޓެރިއަކު ވަރަށް ރުޅިގަދަވެފައި ބުންޏެވެ.
އަންހެންމީހާ ފުލުސް ސްޓޭޝަނަށް ގެންދިއުމުން އެހިސާބުގަނޑުގެ އެންމެން އެތަނަށް ޖަމާވެ އޭނާއާ ދެކޮޅަށް އަޑު އުފުލި އެވެ.
އެމީހުން ބުނީ ތުއްތު ކުއްޖާ މީދާތައް ކާލިއިރު އަންހެންމީހާ އިނީ ބާއެއްގައި ރާ ބޯން ކަމަށެވެ. އަދި އެ ކުއްޖާގެ މަންމަ އުޅެނީ އަބަދުވެސް ޕާޓީ ކުރަން ކަމަށާއި ދަރިންނަށް އަޅާނުލާ ކަމަށް ވެސް އަވަށްޓެރިން ބުނެ އެވެ.
މީގެ ކުރިން ވެސް ސައުތު އެފްރިކާގައި މިކަހަލަ ހާދިސާތައް ހިނގާފައިވެ އެވެ. އެގޮތުން 2011 ގައި ހިނގި ހާދިސާއެއްގައި ވެސް މީދާތަކެއް ވަނީ ތުއްތު ކުއްޖަކު ކާލައިފަ އެވެ. އެފަހަރު ވެސް އެކަން ދިމާވީ ކުއްޖާ އެކަނި ބާއްވާފައި މަންމަ ބޭރަށް ދިއުމުންނެވެ.
މުސްކުޅިއަކު ނިދާފައި އޮއްވާ އޭނާގެ މޫނު ކާލުމުން މަރުވި ހާދިސާއެއް ވެސް މީގެ އަހަރުތަކެއް ކުރިން ހިނގާފައިވެ އެވެ.