ގަމުގެ ހުރިހާ މަސްވެރިންނަށް ރޯދަ އިނާޔަތް ދެނީ
ގަމުގެ ހުރިހާ މަސްވެރިންނަށް ރޯދަ އިނާޔަތް ދެނީ

ލ. ގަމުގައި މަސްވެރިކަމުގައި އުޅޭ 172 މީހުންނަށް ރޯދަ އިނާޔަތުގެ ގޮތުގައި ކޮންމެ މީހަކަށް 3،000ރ. ދޭން "ގަމު އެކުވެރި މަސްވެރިންގެ ޖަމިއްޔާ" އިން ނިންމައިފި އެވެ.

ގަމުގެ ހުރިހާ މަސްވެރިންނަށް ރޯދަ އިނާޔަތް ދެނީ
ގަމުގެ ހުރިހާ މަސްވެރިންނަށް ރޯދަ އިނާޔަތް ދެނީ

މިގޮތަށް ނިންމީ މީގެ އަހަރެއްހާ ދުވަސް ކުރިން އުފެއްދި، އެ ޖަމިއްޔާގެ އާންމު ޖަލްސާއިންނެވެ. މި އިނާޔަތް ރޯދަ މަސް ފެށުމުުގެ ކުރިން ދޭން ވަނީ ނިންމައިފަ އެވެ.

އެ ޖަމިއްޔާގެ ރައީސް، ހުސެއިން ހަނީފް، "މިހާރު" އަށް ބުނީ މަސްވެރިންނަށް އިނާޔަތް ދޭން ނިންމީ މި ދުވަސްވަރަކީ މަސްވެރިކަން ވަރަށް ދަށް ދުވަސްވަރަކަށްވާތީ ކަމަށެވެ.

"މިހާރު މަސްވެރިކަން ވަރަށް ބޮޑަށް ދަށްވެފައިވާތީ އަޅުގަނޑުމެންގެ ފަރާތުން ވެސް މަސްވެރިންނަށް މަންފާއެއް ލިބޭނެ ގޮތަކަށް ކަމެއް ކޮށްދޭންވެގެން ހިންގާ ކޮމިޓީން ފާސްކޮށްފައި އޮތީ. އަދި މިހާރު އާންމު ޖަލްސާގައި ވެސް އެކަން ފާސްކޮށްފައި އޮތީ. އެހެންވީމަ ވަރަށް އަވަހަށް އިނާޔަތް ދޫކުރަން ފަށާނެ،" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި މި އިނާޔަތް ލިބޭނީ ހަމައެކަނި ގަމު މީހުންނަކަށް ނޫނެވެ. މި އިނާޔަތް އެރަށުގައި މަސްވެރިކަން ކުރާ 15 ދޯނީގައި މަސައްކަތްކުރާ އެހެން ރަށްރަށުގެ މީހުންނަށް ވެސް ދޭނެ އެވެ.

"172 އަކީ މިރަށުގެ ދޯނިފަހަރުގައި މަސްވެރިކަންކުރާ މަސްވެރިންގެ އަދަދު. މިރަށު ދޯނިތަކުގައި މަހަށް ދާން މިކޮޅުގައި [ގަން] ގައި އެހެން ރަށްތަކުގެ މީހުން ވެސް އުޅޭނެ،" މަސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ހަނީފް ބުންޏެވެ.

ގަމު މަސްވެރިންގެ ޖަމިއްޔާއަކީ ޔޫރަޕްގެ ޖަމިއްޔާއެއް ކަމަށްވާ، ފެއާ ޓްރޭޑްގެ ފަންޑުގެ އެހީގެ ދަށުން ހިންގާ ޖަމިއްޔާއެކެވެ. ރޯދަ އިނާޔަތަށް ހަރަދުކުރާ 516،000ރ. ދޭނީ ފެއާ ޓްރޭޑާ އެކު ހެދި އެއްބަސްވުމުގެ ދަށުން ލިބޭ ފައިސާ އިންނެވެ.

ހަނީފް ވިދާޅުވީ ގަމުގެ 15 ދޯނި ވެސް އޮންނަނީ އެ ޖަމިއްޔާގައި ރަޖިސްޓްރީކޮށްފައި ކަމަށެވެ. އަދި އެ ދޯނިފަހަރުން ބާނާ މަސް މާންދޫގައި ދަޅު މަހަށް ބަދަލުކޮށް ރާއްޖެއިން ބޭރުކުރަނީ ފެއާ ޓްރޭޑް ޖަމިއްޔާގެ ލޯގޯ ޖަހައިގެން ކަމަށްވާތީ ވަކި ޕަސެންޓެއް ގަމު މަސްވެރިންގެ ޖަމިއްޔާއަށް ލިބެ އެވެ.

"އަޅުގަނޑުމެންނަށް އެ ލިބޭ ފައިސާ އިން މަސްވެރިންނަށް އެކި ކަންކަން ކޮށްދޭން މި ނިންމަނީ،"

މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް މަސްވެރިންނަށް އެ އެލަވަންސް ދޭނެ ކަމަށް އޭނާ ބުންޏެވެ. އަދި މިއަހަރު ދެ މަސްވެރިއަކު އުމްރާއަށް ފޮނުވަން ނިންމާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

މިއަހަރު އެ ޖަމިއްޔާ އިން މިލިއަނެއްހާ ރުފިޔާ އެކި ކަންކަމަށް ހަރަދުކުރާނެ އެވެ. މި ފަހުން އެ ޖަމިއްޔާ އިން ވަނީ ގަމުގެ އެކި ސްކޫލުތަކަށް ވެސް އެކި ގޮތްގޮތުން ހަރަދުކޮށްފަ އެވެ.