20 މާޗް 2022 - 10:15

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑު އާއި ފުވަމުލަކަށް ދަތުރުފުޅެއް ކުރައްވަން ނިންމަވައިފި އެވެ.
ރައީސް އެންމެ ފަހުން އައްޑޫ އަށް ވަޑައިގަތީ 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ތެރޭގަ އެވެ. އަދި ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ފުރަތަމަ ފަހަރަށް ފުވައްމުލަކަށް ރޭއްވެވި ދަތުރުފުޅު ކޮވިޑް-19 ގެ ސަބަބުން ކެންސަލްކުރެއްވީ އެވެ.
ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީއަށް ރައީސް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އާދީއްތަ ދުވަހު ކަމަށް އެނގިފައިވެ އެވެ. އެ ތާރީހުތައް ރައީސް އޮފީހުން އަދި ކަށަވަރެއް ނުކޮށްދެ އެވެ.
މަޝްރޫއުތައް ފެއްޓެވުމާއި ބައެއް މަސައްކަތްތަކުގެ ނިމުން ފާހަގަކުރެެއްވުމަށް ރައީސް ކުރައްވާ ސިލްސިލާ ދަތުރުފުޅުތައް މެދުކަނޑާލެއްވީ ތައިރޮއިޑްގެ އޮޕަރޭޝަނަކަށް ދާދި ފަހުން ސިންގަޕޫރަށް ވަޑައިގަތުމަށެވެ.
އޭގެ ކުރިން އެ މަނިކުފާނު ވަނީ ހދ. އަތޮޅާއި ށ. އަތޮޅާއި ރ. އަދި ތ. އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެންފަ އެވެ.