21 ޑިސެމްބަރ 2016 - 14:49

ޖެނީވާ (ޑިސެމްބަރު 21) - ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ ޑަވާއޯ ސިޓީގެ މޭޔަރަކަށް ހުންނެވި ދުވަސް ވަރު އޭނާ އަމިއްލަ އަށް ތިން މީހުން މެރި ކަމަށް އެއްބަސްވެޑައިގެންފައިވާ މައްސަލަ ބެލުމަށް އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނާ ގޮވާލައްވައިފި އެވެ.
މިދިޔަ މެއި މަހު ފިލިޕީންސްގެ ރައީސް ކަމަށް ވަޑައިގެންނެވި ޑުޓާޓެ ވަނީ އޭނާ އަމިއްލަ އަށް ބަޑިޖަހާ ތިން މީހުން މަރާލި ކަމަށާއި އެކަން ދޮގު ނުކުރާ ކަމަށް ވިދާޅުވެފަ އެވެ.
ޑުޓާޓެ ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފިލިޕީންސްގައި ހަނގުރާމަ ފައްޓަވައިފަ އެވެ. ޑުޓާޓެ ވަނީ މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރި ކުރާ މީހުން ހުއްޓުވާނެ ކަމަށާއި އެފަދަ މީހުން ހުއްޓުވަން ފުލުހުން މަސައްކަތްކުރާ އިރު ގަދަ ދައްކާ ނަމަ ބަޑިޖަހާ މެރުމަށް އަންގަވައިފަ އެވެ. މި ގޮތުން މިދިޔަ ޖުލައި މަހުން ފެށިގެން މިހާތަނަށް 6،000 މީހުން ވަނީ މަރައިފަ އެވެ. މީގެ ތެރޭން ތިންބައިކުޅަ އެއްބައި މަރާފައި ވަނީ ފުލުހުންގެ އޮޕަރޭޝަންތަކުގަ އެވެ.
އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނާ ޒައިދު ރާދު އަލް ހުސައިން ނެރުއްވި ބަޔާނެއްގައި ވަނީ ޑުޓާޓެ މީހުން މެރިކަމަށް އަމިއްލަ އަށް އިއުތިރާފްވި މައްސަލަ ބެލުމުގެ ކުޅަދާނަކަން ފިލިޕީންސްގެ ޝަރުއީ ދާއިރާ އަށް ލިބިފައިވާން ޖެހޭނެ ކަމަށެވެ. އަދި މީހުން މެރި ކަމަށް ފާޅުގައި މީހަކު ބުނެފައިވާ އިރު ހިނގަމުންދާ ޝަރުއީ ނިޒާމަކުން އެކަން ތަހުގީގު ނުކުރެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މިނިވަން ޝަރުއީ ނިޒާމެއް ނަމަ އެ މައްސަލަ ބަލަން ޖެހޭނެ ކަމަށެވެ.
ފިލިޕީންސްގެ ޕާލަމެންޓުގައި ތިބޭ ޑުޓާޓެ އަށް ތާއިދުކުރާ ފަރާތްތަކުން ބުނެފައި ވަނީ ރައީސް އަކީ އިމްތިޔާޒު ލިބިގެންވާ ބޭފުޅެއް ކަމަށާއި ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ކޮށްފައިވާ ކުށެއްގެ މައްސަލަ ނުބެލޭނެ ކަމަށެވެ. އަދި ރައީސްގެ މައްސައެއް ބެލޭނީ ވެރިކަމުން ދުރުކޮށްގެން ކަމަށް ވެސް ބުނެފައިވެ އެވެ. މީގެ އިތުރުން ރައީސް ވެރިކަމުން ދުރުކުރުވޭނީ ވެރިކަމުގައި ހުންނަ އިރު ކުރާ ކުށެއްގެ ސަބަބުން ކަމަށް ވެސް ޑުޓާޓެގެ ވަފާތެރިން ބުނެފައިވެ އެވެ.
ޑުޓާޓެ ވިދާޅުވެފައި ވަނީ ޑާވާއޯގެ މޭޔަރަކަށް ހުންނެވި އިރު މަސްތުވާތަކެތި ބޭނުންކުރާ މީހުން ގަޔަށް އަމިއްލަ އަށް ބަޑިޖަހާ މެރީ ފުލުހުންނަށް ވެސް އެކަން ކުރަން ކެރެން ޖެހޭނެކަން އެންގުމުގެ ގޮތުން ކަމަށެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފިލިޕީންސްގައި ފަށާފައިވާ ހަނގުރާމައިގައި އދ. އިން ފާޑު ކިޔަމުންދާތީ އެ ޖަމާއަތުން ވަކިވެދާނެ ކަމުގެ އިންޒާރު ޑުޓާޓެ ވަނީ ދެއްވައިފަ އެވެ. އަދި ދުނިޔޭގެ އެހެން ހިސާބުތަކުގައި އެތައް ބަޔަކު މަރަމުންދާ އިރު އެ ވާހަކަ ދައްކަން އދ. ނުކުޅެދިފައިވާ ކަމަށް ވެސް ޑުޓާޓެ ވަނީ ވިދާޅުވެފަ އެވެ.
ފިލިޕީންސްގެ ދެކުނުގެ ޑަވާއޯގެ މޭޔަރަކަށް ޑުޓާޓެ ހުންނެވި ވިއްސަކަށް އަހަރު އޭނާ ވަނީ އެ ސިޓީން ވަރަށް ބޮޑަށް ކުށްމަދުކޮށްފަ އެވެ.