ރިޑްލީ ސްކޮޓްގެ "ޕްރޮމީތިއަސް"ގެ ސީކްއެލްގެ ކާސްޓަށް ޖޭމްސް ފްރާންކޯ
ރިޑްލީ ސްކޮޓްގެ "ޕްރޮމީތިއަސް"ގެ ސީކްއެލްގެ ކާސްޓަށް ޖޭމްސް ފްރާންކޯ

ކުޅަދާނަ ޑައިރެކްޓަރު ރިޑްލީ ސްކޮޓް 2012 ގައި ގެނެސް ދިން ސައިންސް ފިކްޝަން ފިލްމު "ޕްރޮމީތިއަސް" ގެ ސީކްއެލް "އޭލިއަން: ކޮވެނަންޓް" ގެ ކާސްޓަށް ޖޭމްސް ފްރާންސްކޯ ގެނެސްފި އެވެ.

ޓުވެންޓިއެތު ސެންޗަރީ ފޮކްސް އިން ޕްރޮޑިއުސް ކުރާ ފިލްމުގެ ތަރިންގެ ތެރެއަށް ފްރާންކޯ ގެނައި ނަމަވެސް އެކަމާ ބެހޭ ގޮތުން އެ ކުންފުނިން ވެސް އަދި ރިޑްލީ ވެސް ވާހަކައެއް ނުދައްކަ އެވެ.

އެކަމަކު މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން "މިލްކް" އާއި "127 އަވާ" ފަދަ ފިލްމުތައް ކުޅެފައިވާ ފްރާންކޯ ވަނީ "އޭލިއަން: ކޮވެނަންޓް" ގެ ވަރަށް މުހިއްމު ރޯލަކަށް ސޮއިކޮށްފަ އެވެ.

ފްރާންކޯ، 38، ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ ހުކުރު ދުވަހު ރިލީޒް ކުރާ ކޮމެޑީ ފިލްމު "ވާއި ހިމް؟" އިންނެވެ.

ސައިންސްވެރިންގެ ޓީމެއް ޖައްވަށް ކުރާ ދަތުރެއްގައި ދިމާވާ ކަންތައްތަކެއް ކިޔައިދޭ "ޕްރޮމީތިއަސް" ގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ މައިކަލް ފާސްބެންޑާ، ނޫމީ ރަޕަސް، އިދްރީސް އެލްބާ، އަދި ޗާލީޒް ތެރަން އެވެ.

ހޮލީވުޑްގެ ރިޕޯޓްތައް ބުނާ ގޮތުން ސީކްއެލް އިން "ޕްރޮމީތިއަސް" ގެ މައިގަނޑު ތަރިންތައް އެ މީހުންގެ ރޯލްތަކުން ފެނިގެންދާ އިރު، ޖޭމްސްއާ އެކު، ފިލްމުގެ ކާސްޓަށް އާ ތަރިންތަކެއް ވެސް ވަނީ ހިމަނައިފަ އެވެ.

އޭގެ ތެރޭގައި ކެތެރިން ވޯޓަސަން، ޑެމިއަން ބިލްޗީ އަދި ޑެނީ މެކްބްރައިޑް ހިމެނެ އެވެ.

"އޭލިއަން: ކޮވެނަންޓް" ގެ ސްކްރީންޕްލޭ ލިޔަނީ ޖެކް ޕަގްލެން، މައިކަލް ގްރީން އަދި ޖޯން ލޯގަން އެވެ.

ސައިންސް ފިކްޝަން ފިލްމުތައް ގެނެސްދޭން މަޝްހޫރު ރިޑްލީގެ މި ފިލްމަކީ އޭނާ އޭލިއަންގެ ވާހަކަ ކިޔައިދޭ ހަ ވަނަ ފިލްމެވެ. މި ފްރެންޗައިޒްގެ ފުރަތަމަ ފިލްމު ސިނަމާތަކަށް އައީ 1979 ގަ އެވެ.

"ޕްރިމީތިއަސް" ވަނީ ބޮކްސް އޮފީހުގައި 403.4 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިފަ އެވެ.

"އޭލިއަން: ކޮވެނަންޓް" ސިނަމާތަކަށް އަންނާނީ މެއި 19، 2017 ގަ އެވެ.