20 މާޗް 2022 - 05:59

އަށާރަ އަހަރު ފުރުމަކީ ކުށެކެވެ. އަހަންނަށް ޔަގީނެވެ. އެހެން ނޫން ނަމަ އަށާރަ އަހަރު ފުރިގެން އަހަންނަކަށް އަދަބެއް ނުލިބުނީހެވެ. މި އުމުރަކީ އިސްތަށިގަނޑާއި ތުންފަތުގައި ރީތި ކުލަތައް ޖައްސައި، ހިތްގައިމު ހެދުންތައް ލައިގެން ޕާޓީތަކަށް ދާންވީ އުމުރެވެ. ކޮން ފިކުރެއް ހެއްޔެވެ؟ ބައްޕަ ނުލާހިކު މުއްސަންޖެވެ. މަންމަ ނުލާހިކު މުންސަންޖެވެ. ދުވަސްކޮޅަކުން ކިޔަވަން ބޭރަށް ފުރަންވީއެވެ. މަޖާކޮށްލަން ލިބިފައި އޮތް އަހަރެއްހާ ދުވަހު އޮފީހަކަށް ވަދެ ވަޒީފާއެއް އަދާކުރަން ޖެހޭ ސަބަބެއް އަހަންނަކަށް ނުވިސްނެއެވެ. މަންމަ ހުރީ އަހަންނާ އެއްކޮޅަށެވެ. ބައްޕަ ހަމަ ހިލާ އެއްބަހެއް ނުވިއެވެ. އޭރުން އަހަރެން މަގުން ކައްސައިލަފާނެތީ ޔޯލައެވެ. މަގުތަކަށް މީހަކު ތެޔޮއެޅީ ހެއްޔެވެ؟ ދެން އަހަރެންވީ އޮފީހެއްގެ މޭޒުކައިރީ، ބަސްއަހައިގެން އިންނާށެވެ. އަދި އެ ވެސް ސަރުކާރު އޮފީހެއްގައިއެވެ. އެ ތަނުގައި ތިބޭނީ ބޯހަރު، ކަޓު ހިޔާލުގެ މީހުންނެވެ. ބާރަށް ލަވައެއް ނުޖެހޭނެއެވެ. ފިލްމެއް ބަލައެއް ނުލެވޭނެއެވެ. އިންސްޓަގުރާމަށް ނުވަދެ ފަސް މިނެޓު ވެސް އަހަންނަކަށް ނީނދެވޭނެއެވެ. އަހަރެންގެ އައިސްކިރިމާއި ކޮފީތަށި މަތިން ކިހާ ހަނދާންވާނެ ހެއްޔެވެ؟ ޔަގީނެވެ. ތިން ދުވަސް ނުވަނީސް އަހަރެން ފޫހިވެގެން މަރުވާނެއެވެ. މީ ގެވެށި އަނިޔާގެ އާ ވައްތަރެއް ނޫނީ އެހެން ކޯޗެއް ހެއްޔެވެ؟
ކުދިކިޔަމުން ފުނާއަޅަން ހުއްޓައި މަންމަ ވަނެވެ. މަންމަ ހުރީ ވަރަށް އުފާވެފައެވެ. ނުފެންނަ އެންމެ ދަތެއް ވެސް އަނގަޔަކު ނެތެވެ. އަހަރެން ސަލާމަތްކޮށްދޭން ހުރި ހަމަ އެކަނި އެހީތެރިޔާގެ ނިޔަތް ވެސް ބަދަލުވީ ހެއްޔެވެ؟
"ދެން މަންމާ!" ކުސްތަޅައިގެންފައި އަހަރެން ބުނީމެވެ. "އަހަރެން ހަމަ ދާ ގޮތަށް މޫދަށް ފުންމާލައިގެން މަރުވާނީ."
"ތި ކަހަލަ އެއްޗެހި ކިޔާކަށް ނުވާނެ ދަރިފުޅާ!" ނަސޭހަތުގެ ރާގެއްގައި މަންމަ ބުންޏެވެ. "އަވަހަށް ތައްޔާރުވޭ! ފުރަތަމަ އޮފީހަށް ދާ ދުވަހު ގަޑިޖެހިއްޖެއްޔާ ބައްޕަ ކިޔާ ލަދެއްގަންނާނެ. ދަރިފުޅަށް އެނގޭތަ ދަރިފުޅު އެ އޮފީހަށް ވައްދަން ބައްޕަ ކިހާ މަސައްކަތެއްކުރިކަން؟"
"މަންމަ ތިހެން ބުނާ އިރު ހީވަނީ އެއީ ދެން މާ މޮޅުކަމެއްހެން،" އެނދުގައި އިށީންނަމުން އަހަރެން ބުނީމެވެ. "އަހަރެން ޕިއްޒާހަޓަށް ނޫނީ ކޭއެފްސީއަށް ވަންނަން ބޭނުމީ. މީހުންނަށް ސާވްކުރަން. ކިހާ ސަޅިވާނެ. އެ މީހުންގެ ޔުނީފޯމު ވެސް ކިހާ ކޫލް. ކިހާ ބަޔަކު އަހަންނާ މީޓްވާނެ. ޓިޕްސް ވެސް ލިބޭނެ. އެ ލާރި ކޮންމެހެން އިންޕޯޓަންޓެކޭ ނޫން. އެކަމަކު ކިހާ ސަޅިވާނެ. އަހަރެން މިހާރު ބަލާ ސީރީޒްގަ..."
"ދެން އެކަމަކު ދަރިފުޅުގެ ބައްޕަ ނުދަންނަ މީހަކު ނޫޅޭނެ،" އާސިމާ ޖަވާބުގައި ބުންޏެވެ. "އެންމެން ކިޔާނެ ފަރުހާދުގެ ދަރިފުޅު އުޅެނީ ވެއިޓަރުކަން ކުރާށޭ. ދެން ހިނގާ ނުކުންނަމާ! ކާރަކަށް ވެސް ނޭނގުނު މިއަދު ނޫނީ ހަލާކުވާކަށް."
މަންމަގެ ސައިކަލު ފަހަތުގައި އިން އިރު ވެސް އަހަރެން ކުސްތެޅުން ހުއްޓައެއް ނުލަމެވެ. އެއިން ވާނެ ފައިދާއެއް ނެތްކަން އެނގެއެވެ. އެކަމަކު އެއް ކަމެއް ނުވިޔަސް މަންމަގެ ކަންފަތަށް އުނދަގޫވާނެ ނޫން ހެއްޔެވެ؟ މަންމަގެ ވާހަކައިން އެނގުނު ގޮތުގައި އަދިވެސް މަންމަ ހުރީ އަހަންނާ އެއްކޮޅަށެވެ. މަންމަ އެދެނީ ހަފުތާއެއް ވަންދެން އޮފީހަށް ދާށެވެ. އޭގެ ފަހުން ބައްޕަ ވެސް އަހަރެންގެ ޝަކުވާ އަޑުއަހާނެއެވެ. އަހަރެން މަސައްކަތްކުރިކަން އޮންނާނެއެވެ.
އަހަރެން އޮފީހަށް ލާފައި މަންމަ ދިޔައެވެ. އަހަރެން ލިފުޓުން އަރައިގެން ގޮސް އޮފީސް ކުރިމައްޗަށް ހުއްޓުނީމެވެ. ނޫނެކެވެ. އެއީ އޮފީހެއް ނޫނެވެ. އަހަންނަށް އެ ތަން ސިފަކުރެވެނީ، ބިރުވެރި ފިލްމުތަކުން ފެންނަ ކަހަލަ ނާމާން ގެއެއް ގޮތަށެވެ. އެ ތަނުގެ އެތެރޭގައި ޖިންނިއާއި، މިނިކާ މީހުން އުޅޭނެއެވެ. އެ ކަން އެނގި ހުރެ ވެސް ފިލްމުގެ ހީރޯ އެ ގެއަށް ވަންނަން ޖެހެއެވެ. ފިލްމެއް ވީމައެވެ. އަހަރެން ގަޑިއަށް ބަލައިލި އިރު، ގަޑިޖެހެން ހުރީ އެންމެ މިނެޓެކެވެ. ފުން ނޭވައެއް ބޭރުކޮށްލައިފައި ދޮރުފަތް ދަމައިލީމެވެ. އެއީ ދަމާ ދޮރެއް ނޫނެވެ. ކޮއްޕާ ދޮރެކެވެ. އެ ލަދުގައި ވެސް ބެދިގެން އޮފީހަށް ވަނީމެވެ. އެއީ މަރުވެފައިވާ އޮފީހެކެވެ. ތަނުގެ މޭޒުތަކާއި ގޮނޑިތައް ކަޓެވެ. ލާފައި ހުރި ކުލައިން ހީވަނީ ހޮސްޕިޓަލެއް ހެންނެވެ. ދުވަނީ ވެސް އެ ކަހަލަ ވަހެކެވެ. އިންޓަވިއުއަށް އައި ދުވަހު ވެސް އަހަރެން ހަމަ އެހެން ހިތަށްއެރިއެވެ. އަހަރެން ބޭނުންވީ އަޑުގެ ކޮޅަށް ހަޅޭއްލަވައިގެންފައި އެ ތަނުން ނުކުމެގެން ދުވެފައި ގެއަށް ދާށެވެ.
"ރީމާ!" މަންމަޔާ އެއް އުމުރެއްގެ އަންހެނަކު ގޮވައިލިއެވެ. އަދި ސަލާން ކޮށްލިއެވެ. "ވެލްކަމް އިނގޭތޯ! އަޅުގަނޑުގެ ނަމަކީ ރަޝީދާ. ޕްލީސް ކަމް!"
ބައްޕަގެ ނުފޫޒުން ވަދެވުނު އޮފީހެއް ވީމައި އަހަންނަށް މަރުހަބާކިޔަން ވެސް މީހަކު ހުއްޓެވެ. ގަދަކަމުން ހިނިތުންވެލައިގެން، ރަޝީދާ ފަހަތުން އަހަރެން ހިނގައިގަތީމެވެ. ކޮށްޓަށް އާ ވައްތަރެއްގެ ކުކުޅެއް ގެނައުމުން ހާތައް ބަލާހެން މީހުންތައް އަހަންނަށް ބަލަހައްޓައިގެން ތިއްބެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ލައިގެން ހުރީ އޮފީސް ހެދުމެކެވެ. ތަނުގެ އުސޫލުތަކަށް ފެތޭ ހެދުމެކެވެ. ކުރެއް ވެސް ނުވާނެއެވެ. ދެން ވިސްނުނެވެ. އޮފީހުގެ ހުރިހައި އަންހެނުން ވެސް ތިބީ ބޮޑެތި ހެދުން ލައިފައި، ބުރުގާއަޅައިފައެވެ. ފިރިހެނުން ވެސް ތިބީ، ވިއްސަކަށް އަހަރު ކުރީގެ ޒާތަކަށް ހެދުންއަޅައިގެންނެވެ. އެ މީހުންގެ އުމުރާ ގުޅޭ ގޮތަށެވެ. ވީމާ އެ ތަނުގައި އަހަރެން ހީވަނީ ދިވެހި ކޮށްޓަކަށް ވަން ތުރުކީ ކުކުޅެއްހެންނެވެ. މީހުން ބަލަނީ އެހެންވެއެވެ. އަހަރެން ހިތަށްއެރިއެވެ. އެ އޮފީހުގައި ގަޑިއެއްހައި އިރު އަހަންނަށް ކެތްކޮށްލެވުނަސް ރަނގަޅެވެ.
އަހަރެން ގޮވައިގެން ދިޔަ ރަޝީދާ، ހިނިހޮރެއްގެ ތެރެއިން ދާހެން ގޮސް ދޮރެއް ހުޅުވައިލިއެވެ. އެއީ ތަންކޮޅެއް ތަފާތު ތަނެކެވެ. އެ ތަނުގައި ހުރި ފަރުނީޗަރުތައް ޒަމާނީވެފައި، އަލެވެ. އެކަމަކު ތަނުގައި ލާފައި ހުރީ ވަރަށް ގަދަ ނޫކުލައެކެވެ. އެއްގޮތަކަށް ވެސް ނުގުޅެއެވެ. ކޮފީމެޝިނެއް ހުއްޓެވެ. ކޮންމެ މޭޒެއް މަތީގައި ކެކްޓަސް ގަހެއް ހުއްޓެވެ. ބައެއް ގަހުގައި ރީތި މަލެއް ފޮޅިފައި ހުއްޓެވެ. މުސްކުޅި ކޮންޕިއުޓަރުގެ ބަދަލުގައި ކޮންމެ މޭޒެއްގައި ވެސް ހުރީ ޒަމާނީ ލެޕްޓޮޕެވެ. އެ ތަނުގައި، ދެ ޖިންސު ހަމަހަމަވާ ގޮތަށް، ޖުމުލަ އަށް މުވައްޒަފުން ތިއްބެވެ. ޒުވާން ކުދިންނެވެ. އަހަރެން ލުމުން އަންހެނުންގެ އަދަދު ފަހަކަށް އަރައެވެ. އެންމެން ވެސް ތިބީ ކޮންމެވެސް މަސައްކަތެއްގައި މަޝްއޫލުވެގެންނެވެ. އެކަމަކު ކޮންމެ މީހަކު ވެސް އަހަންނަށް ހިނިތުންވެލިއެވެ.
"ނޮޓް ބޭޑް!" ހިތާހިތުން އަހަންނަށް ބުނެވުނެވެ.
އަހަރެން ފުރަތަމަ ގެންދިޔައީ ޑިޕާޓުމަންޓުގެ ވެރިޔާ ތައާރަފުކޮށްދޭށެވެ. އޭނަގެ ނަމަކީ މިފަންނެވެ. މަޖާ ނަމެކެވެ. ލަފާކުރެވުނު ގޮތުގައި، އަހަންނަށް ވުރެ އޭނަ މާ ބޮޑަށް ވެސް ދޮށިވާނެއެވެ. ބޮލުގައި ހަމައަށް އިސްތަށި ހުއްޓެވެ. ގިނައިން ފެންނަން ހުރީ ނުރައެވެ. ތުނި ތުނބުޅިއަކާއި މަތިމަހެއް ހުއްޓެވެ. ކަސްރަތީ ހަށިގަނޑެއްގެ ވެރިޔެކެވެ. އަހަންނާ ސަލާންކުރަން ތެދުވި އިރު އޭނަގެ އިސްކޮޅު ފެނުނެވެ. އަހަންނަށް ވުރެ ތަންކޮޅެއް ދިގު މީހެކެވެ. ޔަގީނުން ވެސް މުއްސަނދި މީހެކެވެ. އެ ކަމަށް ހެކިދިނީ އޭގެ އަތުގައި އޮތް ހެމިލްޓަން އެމެރިކަން ކްލެސިކު ގަޑިއެވެ. އެއް ފަހަރަކު ބައްޕަ އޭގެ ގަޑިއެއް އެޅިއެވެ. އޭގެ އަގަކީ ދެ ހާސް ފަސް ސަތޭކަ ޑޮލަރެވެ. އެ މޭޒުގައި ހުރީ މެކް ބުކް ޕްރޯއެކެވެ. މިފަންނު ވާހަކަދެއްކީ އިނގެރޭސިންނެވެ. އޭނަގެ އަޑު ކަންފަތަށް ފަސޭހަވެފައި، ރާގު ހުރީ އެމެރިކާ ވައްތަރަށެވެ. ދޫ ފަރިތަ، މައުލޫމާތު މުއްސަނދި މީހެކެވެ. އަހަރެން ހިތަށްއެރިއެވެ. ބޮލަށް ފަސޭހަ ވެރިޔެކެވެ. މި ޑިޕާޓުމަންޓުގައި ދުވަސްކޮޅަކު އުޅެވިދާނެއެވެ.
އިރުކޮޅަކު ވާހަކަދައްކައިލުމަށް ފަހު، އެ ތަނުން ނުކުމެގެން ގޮސް އަހަރެންގެ މޭޒު ކައިރީގައި އިށީނީމެވެ. އެ ގޮނޑި އަރާމެވެ. މޭޒުމަތީގައި ހުރި ކެކްޓަސްއިން މަލެއް ފޮޅެން އުޅޭ ކަމުގެ އަލާމާތްތައް ފެންނަން ހުއްޓެވެ. އުންމީދު އާކޮށްދީ، މާދަމައަށް އިންތިޒާރުކުރުވާ ކަހަލަ އިހުސާސެއް އަހަރެންގެ ހިތަށް ވެރިވިއެވެ. ލެޕްޓޮޕް ހުޅުވައިލީމެވެ. އެއީ އާ ލެޕްޓޮޕެކެވެ. ނެޓު ލިބެއެވެ. ހީކުރި ވަރަށް ވުރެ މާ ބޮޑަށް ވެސް ނެޓުގެ ދުވެލި ބާރެވެ.
"ސަޅި!" ގޮނޑީގައި ލެނގިލަމުން އަހަންނަށް މަޑުމަޑުން ބުނެވުނެވެ.
އެ ވަގުތު ކޮޓަރިން މިފަންނު ނުކުތެވެ. އަމިއްލައަށް ވާހަކަދައްކަމުންނެވެ. ހީވީ އެހެންނެވެ. އެކަމަކު އޭނަ ވާހަކަދެއްކީ ފޯނުންނެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ އޭނަގެ އަތުގައި އޮތް، އެންމެ ފަހުގެ އައިފޯނެއް ނޫނެވެ. ތަނުގައި ތިބި އެހެން އަންހެންކުދިންގެ މޫނެވެ. އެންމެން ތިބީ މިފަންނަށް ބަލާށެވެ. ހީވަނީ މީރު ކާއެއްޗެއް ފެނިފައި ތިބިހެންނެވެ. އެއީ އިހުތިރާމެއް ނޫނެވެ. އިޝްގީ ލޯތްބެވެ. ވަގުތުން އަހަރެންގެ ދަތްދޮޅި ވެއްޓުނެވެ.
"ވަޓް؟!" ހިތާހިތުން އަހަންނަށް ބުނެވުނެވެ.
ހުރިހައި އަންހެންކުދިން ވެރިމީހާއަށް ހިތްކިޔައިފައި ތިބެނީ ކީއްވެގެން ހެއްޔެވެ؟ އެއީ ކޮން ފަދަ އަޖައިބެއް ހެއްޔެވެ؟ އެހައި އުމުރު ތަފާތު މީހަކަށް އެންމެން ހިތްކިޔަނީ ކީއްވެގެން ހެއްޔެވެ؟ ސިއްރަކީ ކޮބައި ހެއްޔެވެ؟ މިފަންނު އެކަކަށް ވެސް ނުބަލައެވެ. ފިރިހެންވަންތަ ހިނގުމެއްގައި ހިނގައިލައިފައި ގޮސް ނުކުތީއެވެ. އޭނަގެ ހިނގުން ރީއްޗެވެ. އަހަރެން ވެސް ޖެހޭނީ އެ ކަމަށް އެއްބަސްވާށެވެ. އެކަމަކު، އެހާ ހާމަ ބޮޑު ގޮތެއްގައި ލޯބި ފާޅުކުރަންޏާ މިފަންނު ކިހާ ބޮޑާވާނެ ހެއްޔެވެ؟ މުޅީން ވެސް ރީތި، ޒުވާން އަންހެންކުދިންނެވެ. އެ ވަގުތު، އަހަންނާ އެންމެ ކައިރިއަށް އިން ކުއްޖާ، ފައިލެއް ހިފައިގެން ތެދުވިއެވެ.
"އެކްސްގިއުޒް!" އަހަރެން އެ ކުއްޖާއަށް ގޮވައިލީމެވެ.
އޭނަ އައެވެ. މިފަންނު ފެނިގެން އޭނަގެ ތުންފަތަށް ވެރިވި ހިނިތުންވުން އޭރު ވެސް އެއްކޮށް ފިލައިގެނެއް ނުދެއެވެ. އޭނަގެ ނަމަކީ ޝިފާއެވެ.
"ކީއްވެ އެންމެން ބޮސްއަށް އެ ގޮތަށް ބަލަނީ؟" އަހަރެން ސުވާލުކުރީމެވެ.
"ލޯބިކަމުން،" ހިތުގައި އަތް އަޅައިފައި، ސަމާސާ ރާގަކަށް ޝިފާ ބުންޏެވެ. "އަހަރެން ވެސް ފުރަތަމަ އައި ދުވަހު ވަރަށް ހައިރާންވި. ހާސްނުވޭ! ފަހުން އާދަވާނެ."
އަހަރެން ވީ ފޫއްސެއް ބުނަން ވެސް ނޭނގުނެވެ.
ނުނިމޭ