19 މާޗް 2022 - 20:56

ކޮލަމްބޯ (މާޗް 19) - ބޭރުން މުދާ ގަންނާނެ ޑޮލަރު ނުލިބި އިގްތިސާދު އަޑިއަޅާލާފައިވާ ސްރީ ލަންކާ އިން ޕްރިންޓިން ކަރުދާސް ހުސްވުމާ ގުޅިގެން އެތައް މިލިއަން ސްކޫލް ކުދިންނަށް ބާއްވާ އިމްތިހާން ކެންސަލް ކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ހޯމަ ދުވަހުން ފެށިގެން ބާއްވާ ޓެސްޓް މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ޖެހުނީ ޓެސްޓް ކަރުދާސް ޕްރިންޓްކުރާނެ ކަރުދާސް ނުލިބިގެން ކަމަށެވެ.
"ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ޓެސްޓެއް ނުބޭއްވޭނެ. ސަބަބަކީ ކަރުދާހާއި ދެލި ގަންނާނެ ބޭރު ފައިސާ ޕްރިންޓްކުރާ ތަންތަނަކަށް ނުލިބުނު،" ވެސްޓަން ޕްރޮވިންސްގެ އެޑިއުކޭޝަން ޑިޕާޓްމަންޓުން ބުންޏެވެ.
ރަސްމީ މަސްދަރުތަކުން ބުނިގޮތުގައި ކަރުދާސް ހުސްވުމުން ލަންކާގައި ކިޔަވާ 4.5 މިލިއަން ކުދިންގެ ތެރޭން ތިންބައިކުޅަ ދެބައި ކުދިންގެ ޓެސްޓް ކެންސަލްވާނެ އެވެ. ޓާމް ޓެސްޓަކީ އަހަރު ނިމޭއިރު ދަރިވަރުން އަނެއް ގްރޭޑަށް ބަދަލުވޭތޯ ބެލުމަށް ބާއްވާ އެސެސްމަންޓް ޕްރޮސެސްއެކެވެ.
ލަންކާގެ އިގްތިސާދު އިނދަޖެހި، ބޭރު ފައިސާ ލިބުން ތާށިވުމާ ގުޅިގެން އެންމެ އަސާސީ ތަކެތި ކަމަށްވާ ކާބޯތަކެއްޗާއި ތެލާއި ގޭސް އަދި ބޭސް ލިބުން ވެސް އެހާ ދައްޗެވެ. މިއީ 22 މިލިއަން މީހުން ހިމެނޭ ސްރީ ލަންކާ އަށް 1948 ވަނަ އަހަރަށް ފަހު ކުރިމަތިވި އެންމެ ތަދު ދުވަސްވަރެވެ.
ބޭރުގެ ދަރަނީގެ ތެރޭން މި އަހަރު 6.9 ބިލިއަން ޑޮލަރު ދައްކަން ޖެހޭއިރު ފެބްރުއަރީ މަސް ނިމުނުއިރު ބޭރު ފައިސާގެ ރިޒާވްގައި ހުރީ 2.3 ބިލިއަން ޑޮލަރެވެ.
ލަންކާ އިން އެންމެ ބޮޑަށް ދަރާފައި ވަނީ ޗައިނާ އަށެވެ. ޗައިނާގެ ދަރަނި ދެއްކުން ލަސްކޮށްލަ ދިނުމަށް ލަންކާ އިން މި އަހަރު ވަނީ ޗައިނާގައި އެދިފަ އެވެ. ނަމަވެސް ބެއިޖިންގެ ފަރާތުން ރަސްމީ ޖަވާބެއް މިހާތަނަށް ދީފައެއް ނުވެ އެވެ.
ތެޔޮ ނުލިބިގެން ލަންކާގައި ދާދި ފަހުން ވަނީ ދުވާލަކު ހަތްގަޑިއިރާ ބަޔަށް ކަރަންޓް ކަނޑައިފަ އެވެ. ވެހިކަލްތަކަށް އަޅަން ތެޔޮ ހޯދަން ހަތްގަޑިއިރަށް ވުރެ ގިނަ އިރު ކިޔޫގައި މަޑުކުރަން ޖެހެ އެވެ. ކިރާއި ހަކުރާއި ފުށް އަދި މުގު ވިއްކަނީ ކޮންޓްރޯލްކޮށްގެންނެވެ.