އެސްޓަން ވިލާ ބަލިކޮށް އާސެނަލް ގަދަ ހަތަރެއްގެ އުންމީދު ބޮޑުކޮށްފި
އެސްޓަން ވިލާ ބަލިކޮށް އާސެނަލް ގަދަ ހަތަރެއްގެ އުންމީދު ބޮޑުކޮށްފި

ބާމިންހަމް (މާޗް 19) - އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް މިރޭ އެސްޓަން ވިލާއާ ވާދަކުރި މެޗު 1-0 އިން ކާމިޔާބުކޮށް، ގަދަ ހަތަރެއްގެ އުންމީދު ބޮޑު ކޮށްފި އެވެ.

އެސްޓަން ވިލާ ބަލިކޮށް އާސެނަލް ގަދަ ހަތަރެއްގެ އުންމީދު ބޮޑުކޮށްފި
އެސްޓަން ވިލާ ބަލިކޮށް އާސެނަލް ގަދަ ހަތަރެއްގެ އުންމީދު ބޮޑުކޮށްފި

ލީގުގެ ގަދަ ހަތަރެއްގައި ހިމެނިގެން އާސެނަލް ވަނީ 2001/2000 ގެ ގސީޒަނުން ފެށިގެން މެދު ނުކެނޑި 17 ސީޒަނުގައި ޗެމްޕިއަންސް ލީގު ކުޅެފަ އެވެ. އޭގެ ފަހުން 2017/16 ގެ ސީޒަނުގައި ލީގުގެ ފަސް ވަނައިގައި ނިންމި ފަހުން މި ސީޒަން ފިޔަވައި މިދިޔަ ހަތަރު ސީޒަންގައި ވެސް ކުޅުނީ ޔޫރޮޕާ ލީގުގަ އެވެ.

މިރޭގެ މޮޅާ އެކު އާސެނަލް ވަނީ އެއް މެޗު އިތުރަށް ކުޅެގެން 20 ޕޮއިންޓް ހޯދައިގެން ފަސްވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ވުރެ ހަތަރު ޕޮއިންޓް އިތުރަށް ހޯދައިފަ އެވެ. މިހާތަނަށް ކުޅުނު 28 މެޗުން އާސެނަލް އަށް 54 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ޗެލްސީ ހަމަ އެ އަދަދަށް މެޗު ކުޅެގެން ވަނީ 59 ޕޮއިންޓް ހޯދައިފަ އެވެ.

އާސެނަލް އިން މެޗުގައި ޖެހި ހަމައެކަނި ލަނޑު 30 ވަނަ މިނިޓުގައި ޖެހީ ބުކަޔޯ ސަކާ އެވެ. މިއީ ޕްރިމިއާ ލީގުގެ ތާރީހުގައި އާސެނަލް އިން ޖެހި 2،000 ވަނަ ލަނޑެވެ. އަދި އާސެނަލް ވަނީ ލީގުގައި މި އަދަދަށް ލަނޑު ހަމަކުރި ތިންވަނަ ކުލަބަށެވެ. މީގެ ކުރިން ލީގުގައި 2،000 ލަނޑު ހަމަކުރި ދެ ޓީމަކީ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް އެވެ.

އޭރިއާ ތެރެއަށް ނެގި ހުރަހެއް އެސްޓާން ވިލާ އަށް ރަނގަޅަށް ބޯޅަ ސާފްކޮށް ނުލެވުމުގެ ފައިދާ ނަގައި ސަކާ އާސެނަލް އަށް ޖަހައިދިން ލަނޑާ އެކު އޭނާ ވަނީ މި ސީޒަނުގައި އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން އެމީލް ސްމިތު ރޯއާ އެއްވަރަށް ގޯލު ޖަހައިފަ އެވެ. ދެ ކުޅުންތެރިން ވެސް ވަނީ ލީގުގައި ނުވަ ލަނޑު ޖަހައި، ލީގު ކަޕުގައި ލަނޑެއް ކާމިޔާބު ކޮށްފަ އެވެ.

މިއީ ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ތިން ޕޮއިންޓް ހޯދި ހަވަނަ މެޗެވެ. މި މުއްދަތުގައި އާސެނަލް ބަލިވެފައި ވަނީ ބުދަ ދުވަހުގެރޭ ލިވަޕޫލާ ކުޅުނު މެޗުންނެވެ.

އެސްޓަން ވިލާއިން މެޗުގައި ގޯލާ އަމާޒުކޮށް ފޮނުވާލި ހަމައެކަނި ހަމަލާ ފެނުނީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގަ އެވެ. އޭރިއާގެ އަރިމަތިން ލިބުނު ހިލޭ ޖެހުމުން ފިލިޕޭ ކުޓީނިއޯ ފޮނުވާލުމުން ދިފާއު ކުރީ ކީޕަރު ބާން ލެނޯ އެވެ. މިއީ މިދިޔަ އޮގަސްޓް މަހަށް ފަހު ލެނޯ އާސެނަލްގައި ލީގު މެޗެއްގައި ފުރަތަމަ 11 ގައި ކުޅުނު ފުރަތަމަ ފަހަރެވެ.

މި މެޗުން ބަލިވުމާ އެކު އެސްޓަން ވިލާ އޮތީ 29 މެޗުން 36 ޕޮއިންޓް ހޯދައިގެން ޓޭބަލްގެ ނުވަ ވަނައިގަ އެވެ. އެސްޓަން ވިލާ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން 46 ޕޮއިންޓް ހޯދައިގެން އަށްވަނައިގައި އޮތް ވުލްވްސް ވަނީ ރޭ ރަށުން ބޭރުގައި، 16 ވަނައިގައި އޮތް ލީޑްސް ޔުނައިޓެޑް އަތުން 3-2 އިން ބަލިވެފަ އެވެ.

ފުރަތަމަ ހާފުގައި ފުލްބެކް ޖޮނީ އާއި ފްރަންސިސްކޯ ޓްރިންކާއޯގެ ދެ ލަނޑުން ލީޑު ނެގި ނަމަވެސް ވުލްވްސް އަށް މައްސަލަ ދިމާވީ 53 ވަނަ މިނިޓުގައި ރައުލް ހިމިނޭޒް އަށް ރަތް ކާޑު ދެއްކުމުންނެވެ. ދިހަ ކުޅުންތެރިންނާ އެކު ކުޅެމުންދިޔަ ވުލްވްސް ކޮޅަށް ލީޑްސްގެ ފުރަތަމަ ލަނޑު 63 ވަނަ މިނިޓުގައި ޖެހީ ޖެކް ހެރިސަން އެވެ. އަދި ތިން މިނިޓް ފަހުން ރޮޑްރިގޯ އެޓީމަށް ނަތީޖާ އެއްވަރު ކޮށްދިންއިރު، މޮޅުވި ލަނޑު އިތުރު ވަގުތުގައި ޖެހީ ލޫކް އައިލިން އެވެ.