"ދަންގަލް" އިން އާމިރަށް އޮސްކާއެއް ލިބިދާނެ: ކުނާލް ކޯލީ
"ދަންގަލް" އިން އާމިރަށް އޮސްކާއެއް ލިބިދާނެ: ކުނާލް ކޯލީ

ކުޅަދާނަ އެކްޓަރު އާމިރު ޚާންގެ އާ ފިލްމު "ދަންގަލް" އަށް ތައުރީފުކޮށް ވާހަކަ ދައްކާ މީހުންގެ ތެރޭގައި އާމިރުގެ "ފަނާ"ގެ ޑައިރެކްޓަރު ކުނާލް ކޯލީ ހިމެނެ އެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މި ސްޕޯޓްސް ޑްރާމާއިން އާމިރަށް އޮސްކާއެއް ލިބުން އެކަށީގެންވެ އެވެ.

ރީތި ގިނަ ފިިލްމުތަކެއް ޑައިރެކްޓްކޮށްފައިވާ ކުނާލް ބުނީ "ދަންގަލް" އަކީ މިހާތަނަށް މުޅި ދުނިޔޭގައި ވެސް އުފެއްދި އެންމެ މޮޅު އެއް ފިލްމަށް ވާނެ ކަމަށެވެ. އެހެންކަމުން މިހާތަނަށް އުފެއްދި އެންމެ ރީތި ފިލްމުގެ އޮސްކާ އެ ފިލްމަށް ލިބެން ޖެހޭނެ ކަމަށް ކުނާލް ގަބޫލު ކުރާ ކަމަށް އޭނާ ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.

"ދަންގަލް" ގައި އާމިރު ކުޅެނީ ރެސްލިން ތެޅުންތެރިޔާ މަހާވީރް ސިންގް ޕޯގަޓްގެ ރޯލެވެ. މި ރޯލަށްޓަކައި އާމިރު ވަނީ ބަރުދަން އިތުރުކޮށް ވަރަށް ވަރުގަދަ ތަމްރީނުތަކެއް ވެސް ހަދާފަ އެވެ. އަދި އެންމެ ހަ މަސް ތެރޭ އޭނާގެ ބަރުދަން 68 ކިލޯ އިން 93 ކިލޯއަށް ބަރުކުރި އެވެ.

މިއީ ހަގީގަތުގައި މަހާވީރްގެ ދެ ދަރިންގެ ވާހަކައަށް ބިނާކޮށްފައިވާ ފިލްމެކެވެ. އެ ދެ ދަރިންގެ ބައި ކުޅެނީ ފާތިމާ ސަނާ ޝޭޚް އާއި ސަންޔާ މަލްހޯތުރާ އެވެ. މި ދެބެންނަށް ރެސްލިން ތަޅަން ދަސްކޮށްދީ ދުނިޔޭގެ އެއް ވަނަ ހޯދައިދިނުމަށް އެކުދިންގެ ބައްޕަ ކުރާ މަސައްކަތް މި ފިލްމުގައި ދައްކަ އެވެ.

އަންނަ ހުކުރު ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ "ދަންގަލް" ބިނާކޮށްފައި ވަނީ މަހާވީރްގެ ބައޮގްރަފީގެ މައްޗަށެވެ. މި ޑްރާމާ ޑައިރެކްޓްކުރީ ނިތޭޝް ތިވާރީ އެވެ.