19 މާޗް 2022 - 18:07

ހާލުގައި ދިރިއުޅެމުންދާ އާއިލާތަކަކަށް ބީއެމްއެލް މުވައްޒަފުންގެ އެހީތެރިކަން ފޯރުކޮށްދީފި އެވެ.
އެ ބޭންކުގެ މުވައްޒަފުން ވަނީ "މަމްސް" ޖަމިއްޔާއިން ކުރިއަށްގެންދާ "ހެލްޕް އަ ފެމިލީ" ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން އަސާސީ ކާބޯތަކެތި ހަދިޔާ ކޮށްފަ އެވެ. އެއީ، އަންނަ ރޯދަ މަހު ދަތިކޮށް އުޅެން ޖެހޭ އާއިލާތަކަށް އެހީވުމަށް މަމްސް އިން ހިންގާ ހަރަކާތެކެވެ.
އެ ޕްރޮގްރާމުގެ ދަށުން މަމްސް އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެފަދަ 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. އެހެންވެ، ބީއެމްއެލްގެ ފަރާތުން ލިބުނު އެހީތެރިކަމުގެ ސަބަބުން އެ އަމާޒަށް ވާސިލްވާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
"ބީއެމްއެލް މުވައްޒަފުންގެ މި އެހީއާ އެކު، ދަތިކޮށް އުޅޭ އާއިލާތަކަށް އެހީވެ މުޖުތަމައަށް ހެޔޮ ބަދަލު ގެނައުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަށް އިުރު ހިތްވަރެއް ލިބިގެންދާނެ،" މަމްސްގެ އޮފިޝަލަކު ބުންޏެވެ.
މުޖުތަމައުގެ އެހީތެރިކަން ބޭނުންވެފައިވާ އާއިލާތަކަށް އެހީވާން ބީއެމްއެލުން ވަނީ މީގެ ކުރިން ވެސް ހާއްސަ ހަރަކާތްތަކެއް ހިންގައިފަ އެވެ. މިދިޔަ އަހަރުގެ ރޯދަ މަހު އެފަދަ އާއިލާތަކަށް އެހީވާން އާކްއާ ގުޅިގެން 100،000ރ. ހަދިޔާ ކުރިއިރު 2020 ވަނަ އަހަރު ކޮވިޑުގެ ތެރޭގައި އެހީއަށް ބޭނުން ޖެހިފައި ތިބި ކުދިންނަށް އެހީވާން ބޭންކުން ވަނީ އާކަށް 200،000ރ. ހަދިޔާ ކޮށްފަ އެވެ.