ބީޓީއެސް ޖިންގެ އިނގިއްޔެއް ހަލާކުވެގެން ސާޖަރީއެއް ހަދައިފި
ބީޓީއެސް ޖިންގެ އިނގިއްޔެއް ހަލާކުވެގެން ސާޖަރީއެއް ހަދައިފި

ކޭޕޮޕް މިއުޒިކްގެ އެންމެ މަޝްހޫރު ބޭންޑް ބީޓީއެސްގެ މެމްބަރު ޖިންގެ އިނގިއްޔެއް ހަލާކުވެގެން ސާޖަރީއެއް ހަދައިފި އެވެ.

ބީޓީއެސް ހިންގާ ކުންފުނި "ބިގްހިޓް" އިން ނެރުނު ބަޔާނެއްގައި ބުނީ ޖިންގެ ވާތުގެ އިނގިއްޔެއް ހަލާކުވުމުން އިމާޖެންސީގައި ފަަރުވާ ދިނުމަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އިމާޖެންސީގައި ފަރުވާ ދިން އިރު ސާޖަރީއެއް ވެސް ހަދާފައިވާ ކަމަށެވެ. ސާޖަރީ އަށް ފަހު މިހާރު ޖިން ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ޖިން އަށް މި އަނިޔާވީ އިއްޔެގެ ވަގުތެއްގަ އެވެ. އަދި އޭނާގެ އިނގިއްޔަށް އަނިޔާވީ ޓްރެއިނިން ތެރެއިން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ޖިން އަށް އަނިޔާވި ވާހަކަ ފޭނުންނަށް އެނގުމާ އެކު އެ ވާހަކަ ވަނީ ސޯޝަލް މީޑިއާގައި ޓްރެންޑުވެފަ އެވެ. ސޯޝަލް މީޑިއާގައި "ގެޓް ވެލް ސޫން" ޖިންގެ ނަމުގައި ގިނަ ބަޔަކު ޕޯސްޓް ހަދައި، ފޭނުންގެ ސަޕޯޓް ބީޓީއެސް އަށް ދިނެވެ.

ޖިން އަށް ޑޮކްޓަރުން ލަފާދީފައި ވަނީ ކުރިއަށް އޮތް ދެ ހަފުތާ އަރާމުކުރުމަށެވެ. އެހެންވީމާ، ކުރިއަށް އޮތް ދެ ހަފުތާ އޭނާ އަރާމުކުރުމަށް ވަގުތު ހޭދަކުރާނީ ކަމަށް ބިގްހިޓުން ބުންޏެވެ.