07 ޖޫން 2016 - 09:08

ވޮޝިންޓަން (ޖޫން 7) - އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި ޕާޓީގެ ޓިކެޓް ހޯދޭ މިންވަރަށް ހިލަރީ ކްލިންޓަން ޑެލިގޭޓް ވޯޓު ހޯއްދަވައިފި އެވެ.
ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ހޯއްދަވަން ޖެހޭ 2،383 ވޯޓު އެކަމަނާ ހޯއްދެވި ނަމަވެސް ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައި ރަސްމީކޮށް އަދި އިއުލާން ނުކުރެ އެވެ. ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިއުލާން ކުރާނީ އަންނަ މަހު ބާއްވާ ކޮންވެންޝަނުގަ އެވެ.
ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓް ލިބިވަޑައިގެންފި ނަމަ ހިލަރީ ވެވަޑައިގަންނަވާނީ އެމެރިކާގެ ތާރީޚުގައި ވެސް ސިޔާސީ ޕާޓީއަކުން ރިޔާސީ ރޭހަށް ނުކުންނަވާ ފުރަތަމަ އަންހެން ކެންޑިޑޭޓަށެވެ.
ޑިމޮކްރެޓިކް ޕާޓީން ހިލަރީއާ ވާދަކުރެއްވި ބާނީ ސެންޑާސް ވިދާޅުވީ ހިލަރީ އަށް ޕާޓީގެ ޓިކެޓް އަދި ނުލިބޭ ކަމަށާއި އެކަން ނިންމާނީ ޖުލައި މަހު އޮންނަ ކޮންވެންޝަނުގައި ސުޕަޑެލިގޭޓުން ކަމަށެވެ.
ކެލިފޯނިއާގައި ކެމްޕޭނުގައި އުޅުއްވި ހިލަރީ ވިދާޅުވީ "އަޅުގަނޑުމެން މި އުޅެނީ ތާރީޚުގެ ތެރެއަށް ވަނުމުގެ މަގުމަތީގައި ކަމަށާއި އަދި ކުރަން ޖެހޭ މަސައްކަތް ބުރަ" ކަމަށެވެ.
ޕްރައިމަރީގައި ކެލިފޯނިއާގެ އިތުރުން މޮންޓާނާ، ނިއު މެކްސިކޯ، ނޯތު ޑަކޯޓާ، ސައުތު ޑަކޯޓާ އަދި ނިއު ޖާޒީގައި މާދަމާ ވޯޓުލާނެ އެވެ.
ސެންޑާސް ވިދާޅުވީ ހިލަރީ އަށް ނޮމިނޭޝަން ކާމިޔާބު ކުރެއްވުނު ނަމަވެސް އޭނާ ރޭހުން ވަކިވަޑައިގަތުމަށް ނުވިސްނަވާ ކަމަށެވެ.
ސެންޑާސްގެ ތަރުޖަމާން މައިކަލް ބްރިގްސް ވިދާޅުވީ ޑިމޮކްރެޓިކް ނެޝަނަލް ކޮމިޓީގެ ބަޔާން މަތިން ހަނދާން ނައްތާލާ މީޑިއާ އިން މާ އަވަހަށް ގޮތެއް ނިންމީ ކަމަށެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރުކަން ކުރިން ކުރެއްވި ހިލަރީ ވަނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވައިފަ އެވެ. އެ ފަހަރުގެ ޕްރައިމަރީ ކާމިޔާބު ކުރައްވާ ރައީސް ކަމަށް ވަޑައިގެންނެވީ ބަރަކް އޮބާމާ އެވެ.