ރަޝިއާ-ޔޫކްރޭން ހަނގުރާމަ: ޓޫރިސްޓުންގެ އަދަދަށް ބަދަލެއް ނާދޭ
ރަޝިއާ-ޔޫކްރޭން ހަނގުރާމަ: ޓޫރިސްޓުންގެ އަދަދަށް ބަދަލެއް ނާދޭ

ރަޝިއާއިން ޔޫކްރޭނަށް ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ލަފާ ކުރި ނަމަވެސް ފާއިތުވި ދުވަސްތަކުގައި ރާއްޖެއަށް ޓޫރިސްޓުން އައި އަދަދު ދަށްވެފައި ނެތް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ކޮންމެ ހަފުތާއަކު ނެރޭ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރާއްޖެ އައީ 359،272 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 48 ޕަސެންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 241،407 ޓޫރިސްޓުންނެވެ.

ރަޝިއާ ޔޫކްރޭންގެ ހަމަލާތައް ފަށާފައިވަނީ މި މަހުގެ ކުރީކޮޅުގަ އެވެ. އެހެންވެ މި އަހަރުގެ އެހެން މަސްތަކާ އަޅާ ބަލާއިރު މި މަހު ޓޫރިސްޓުންގެ އަދަދު ދަށްވާނެ ކަމަށް ލަފާ ކުރި އެވެ. ނަމަވެސް ތަފާސްހިސާބުތައް ދައްކާގޮތުގައި ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ހުރީ ފާއިތުވި ތިން މަސްދުވަހު ވެސް ދާދި އެއްވަރެއްގަ އެވެ.

މި މަހުގެ މިހާތަނަށް ރާއްޖެ އައީ 78،500 ޓޫރިސްޓުންނެވެ. މިއަހަރު ޖެނުއަރީ އަދި ފެބްރުއަރީ މަހުގެ ވެސް ފުރަތަމަ 15 ދުވަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ހުރީ އެވަރުގަ އެވެ. ޖެނުއަރީ މަހުގެ އެ މުއްދަތުގައި 68،000އެއްހާ ޓޫރިސްޓުން އައިރު ފެބްރުއަރީ މަހުގެ ފުރަތަމަ 15 ދުވަހު އައީ 78،420 ޓޫރިސްޓުންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ވެސް ރަޝިއާއިންނެވެ. އެ ގައުމުން 49،364 ޓޫރިސްޓުން ވަނީ މިހާތަނަށް ރާއްޖެ އައިސްފަ އެވެ.

ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އިނގިރޭސިވިލާތުން އަންނައިރު ތިންވަނައަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ އިންޑިއާއިންނެވެ. އިނިގރޭސިވިލާތުން މިހާތަނަށް 40،672 ޓޫރިސްޓުން އައިއިރު އިންޑިއާއިން އައީ 36،349 ޓޫރިސްޓުންނެވެ.

ރަޝިއާއިން ޔޫކްރޭނަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް އަދި މާބޮޑު އަސަރެއް ނުކުރި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އަސަރު ކުރާނެ ކަމަށް ލަފާ ކުރެވެ އެވެ.