22 ޑިސެމްބަރ 2016 - 06:02

ރިތިކް ރޯޝަންގެ އާ ފިލްމު "ގާބިލް" އަށް އިންޑިއާގެ އެކި ކަންކޮޅުތަކުން ގިނަ ބައެއްގެ ތައުރީފު ދަނީ އޮހެމުންނެވެ. މީގެ ތެރޭގައި ފިލްމު އިންޑަސްޓްރީގެ ވަރަށް ނުފޫޒު ގަދަ އެކްޓަރުން ވެސް ހިމެނެ އެވެ. ތަމަޅަ ސުޕަސްޓާ ރަޖްނީކާންތު ވެސް ވަނީ "ގާބިލް"ގެ ޓްރެއިލާ ބެލުމަށް ފަހު އެ އިޝްތިހާރަށް ވަރަށް ތައުރީފުކޮށްފަ އެވެ.
ހިންދީ، ޓެލުގޫ އަދި ތަމަޅަ ބަހުން ރިލިޒްކުރަން ހަމަޖެހިފައިވާ މި ފިލްމާ ދޭތެރޭ ރަޖްނީކާންތު ހިތްހަމަޖެހުނު ވަރުން ރިތިކް އަށް ތައުރީފުގެ މެސެޖެއް ވެސް ފޮނުވި އެވެ.
މި މަހު 12 ވަނަ ދުވަހު ފާހަގަކުރި ރަޖްނީކާންތުގެ އުފަން ދުވަހުގެ މުނާސަބަތުގައި އޭނާއަށް ތަހުނިޔާ ކިޔަން ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން ގުޅުމުން "ގާބިލް"ގެ ޓްރެއިލާ ވަރަށް ހިތްހަމަޖެހޭ ކަމަށާއި އަދި ރިތިކްގެ އެކްޓިން އާދަޔާ ޚިލާފަށް މޮޅުކަމަށް ގަބޫލުކުރާ ކަމަށް ވެސް ބުންޏެވެ. އަދި އެ ފިލްމަށް އިންތިޒާރުކުރާ ވާހަކަ ރިތިކް ކައިރީގައި ބުނެދޭން ރިތިކްގެ ބައްޕަގެ ކިބައިން ރަޖްނީކާންތު އެދުނު ކަމަށް ވެސް ވެ އެވެ.
ރިތިކް ކުޑައިރު ރަޖްނީކާންތާ އެކު ފިލްމެއް ކުޅުނެވެ. އެއީ 1986 ގައި ނުކުތް ޖޭ.އޯމް ޕްރަކާޝްގެ "ބަގްވާން ދާދާ" އެވެ. އޭރު ރިތިކް އަށް 12 އަހަރެވެ.
"ގާބިލް" ޖެނުއަރީ 25 ގައި އަޅުވާ އިރު ޝާހްރުކް ޚާންގެ "ރައީސް" އާ ވާދަކުރަން ޖެހެ އެވެ.
"ގާބިލް" އަކީ ލޯފަން ޒުވާން ދެމަފިރިއެއްގެ ހަޔާތުގެ މައްޗަށް ކުޅެފައިވާ ފިިލްމެކެވެ.