އެމެޒަން ޖަންގަޔަށް ގެއްލުނު ކުދިންތަކެއް މަހެއްހާ ދުވަސް ފަހުން ފެނިއްޖެ
އެމެޒަން ޖަންގަޔަށް ގެއްލުނު ކުދިންތަކެއް މަހެއްހާ ދުވަސް ފަހުން ފެނިއްޖެ

ދުނިޔޭގެ އެންމެ ބޮޑު ޖަންގަލި، ބްރެޒިލްގެ އެމެޒަން އަށް ގެއްލުނު ދެ ކުޑަކުދިން މަހެއްހާ ދުވަސް ފަހުން ފެނިއްޖެ އެވެ.

އެ ދެ ފިރިހެން ކުދިންނަކީ އެއްބަނޑު އެއްބަފާ ދެކުދިންނެވެ. އެއީ އަށް އަހަރުގެ ކުއްޖަކާއި ހަ އަހަރުގެ ކުއްޖެކެވެ. އެ ކުދިން ގެއްލުނީ އެމެޒޯނާސް ސްޓޭޓްގެ މަނިކޯގެ ހިސާބަކުން އެ ޖަންޔަށް ވަދެ، ދޫނި ހިފަން އުޅެނިކޮށް، މިދިޔަ މަހު 18 ގަ އެވެ. ގެއްލުނުތާ 26 ދުވަސް ފަހުން އެ ކުދިން ފެނުނީ މިދިޔަ އަންގާރައިގަ އެވެ.

އެ ކުދިން ފެނުނީ އެ ޖަންގައްޔަށް ދަރު ކަނޑަން ގޮސް އުޅުނު މީހަކަށެވެ. ކުދިން ފެނިފައި ވަނީ އެ ކުދިން ދިރިއުޅޭ ވިލެޖު ކަމަށްވާ ޕަލްމެއިރާއާ ހަ ކިލޯމީޓަރު ދުރުންނެވެ.

އެ ކުދިން ފެނުނުއިރު ދެކުދިންގެ ހާލު ވެސް ވަރަށް ދެރަ އެވެ. އެ ކުދިންގެ މައިންބަފައިންނާ ހަވާލާދީ، ބްރެޒިލްގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި، ދަރު ކަނޑާ މީހާ އަށް އެ ކުދިން ފެނުނީ ޖަންގަލީގައި ދަރު ކަނޑަން ހުއްޓާއި، އެ ކުދިން އެހީ އަށް އެދި ހަޅޭލަވާ އަޑު އިވެގެން ގޮސް ބެލުމުން ކަމަށެވެ.

ހަޅޭކުގެ އަޑަށް ގޮސް ބެލިއިރު، އެ މީހާ އަށް ފެނުނީ ކާ އެއްޗެއް ނުކައި ގިނަ ދުވަސްވުމުގެ ސަބަބުން އެ ކުދިންގެ ހާލު ވަރަށް ބޮޑަށް ދެރަވެ، ބިންމައްޗަށް ވެއްޓިފައި އޮތް ތަނެވެ. އަދި އެ ކުދިންގެ ގައިގައި ގިނަ ޒަހަމްތަކެއް ވެސް ހުރި ކަމަށް ބުންޏެވެ.

އެ ކުދިންނަށް މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

އެ ކުދިންގެ މަންމަ ބުނީ، ޖަންގައްޔަށް ގެއްލުނު ފަހުން އެ ކުދިން އެއްވެސް އެއްޗެއް ނުކާ ކަމަށާއި އެ ކުދިން ތިބީ ވާރޭ ފެން އެކަނި ބޮއެގެން ކަމަށެވެ.

މަހެއް ފަހުން އެ ކުދިން ފެނުނުއިރު، ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ އެ ކުދިން ނުފެނުމުން މިދިޔަ މަހު 24 ގައި ސާޗް އޮޕަރޭޝަން ވެސް ހުއްޓާލައިފަ އެވެ. ނަމަވެސް، އާންމުން ވަނީ އެ ކުދިންގެ ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކޮށްފަ އެވެ.

އެމެޒަން ޖަންގައްޔަށް މީގެ ކުރިން ގެއްލުނު ބައެއް މީހުން އަދިވެސް ނުފެންނައިރު، ވަރަށް ގިނަ ދުވަސްކޮށްފައި ގިނަ ބަޔަކު ފެނިފައި ވެސް ވެ އެވެ. މިދިޔަ އަހަރު ޖެނުއަރީގައި އެ ޖަންގައްޔަށް ވެއްޓުނު ކުޑަ މަތިންދާބޯޓެއްގައި އިން ޕައިލެޓް ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ މަހެއް ފަހުންނެވެ. އަދި 2008 ވަނަ އަހަރު އެ ޖަންގައްޔަށް ޝިކާރަ އަށް ދިޔަ 18 އަހަރުގެ މީހެއް ގެއްލިގެން ހޯދަމުން ދަނިކޮށް 50 ދުވަހުން ފެނުނީ މަރުވެފައި އޮއްވަ އެވެ.