ކެޓްރީނާގެ ނޫ ހެދުމުގެ އަގަކީ 16،000ރ.
ކެޓްރީނާގެ ނޫ ހެދުމުގެ އަގަކީ 16،000ރ.

ދަރްމާ ޕްރޮޑަކްޝަންގެ ސީއީއޯ އަޕޫރްވާ މެހެތާ އަށް 50 އަހަރު ފުރުން ފާހަގަކުރަން ކަރަން ޖޯހަރު ބޭއްވި ކުލަގަދަ ޕާޓީގައި އެތައް ތަރިންނެއް ބައިވެރިވި އެވެ. ވަރަށް ރީތިވެލައިގެން ބޮލީވުޑްގެ ތަރިން އެ ޕާޓީ އަށް ދިޔައިއިރު، އޭގެ ތެރެއިން ގިނަ ބައެއްގެ ކަޅި ހުއްޓުނު އެެއް ޖޯޑަކީ މި ފަހުން ކައިވެނިކުރި ވިކީ ކޯޝަލް އާއި އޭނާގެ އަނބިމީހާ އަދި އެކްޓްރެސް ކެޓްރީނާ ކައިފެވެ.

އަތާއި އަތްޖޯޑުކޮށްލައިގެން ކެޓްރީނާ އާއި ވިކީ ޕާޓީ އޮތް ތަނަށް ގޮސް ޕަޕަރާޒީންގެ ކުރިމަތީގައި އެކުގައި ފޮޓޯއަކަށް ވެސް ހުއްޓުނެވެ. ކެޓްރީނާ ހުރީ ގަޔަށް ބާރު، ނޫ ހެދުމެއްގަ އެވެ. އެއީ ބަލާލަން ވަރަށް އާދައިގެ ގޮތަކަށް ހުރި ހެދުމެއް ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުގައި އެއީ ލަގްޒަރީ ބްރޭންޑެއް ކަމަށްވާ "އެލެކްސް ޕެރީ" ގެ ހެދުމެކެވެ.

އެ ހެދުމުގެ އަގު 1،100 ޑޮލަރަށް އުޅޭއިރު، އެއީ ދިވެހި ރުފިޔާއިން ބަލާ ނަމަ، 16،995ރ. ގެ އަގުހުރި ހެދުމެކެވެ.

އެ ޕާޓީ އަށް ވިކީ ދިޔައީ ކަޅު ގަމީހެއްގެ މަތިން، އެއް ފަޅިއެއްގައި ވަޅު ފެއްސަކަށްދާ މާގަނޑެއް ކަހަލަ އެއްޗެއް ޖަހާފައި ހުރި ކޯޓެއް ލައިގެންނެވެ.

އެ ޕާޓީ އަށް އާލިއާ ބަޓް އާއި ވަރުން ދާވަން އަދި ސިދާތު މަލްހޯތުރާ އާއި އަނަންޔާ ޕާންޑޭގެ އިތުރުން ގޯރީ ހާން އާއި މަނީޝް މަލޯތުރާ އަދި ޖާންވީ ކަޕޫރް ފަދަ ތަރިން ވެސް ދިޔަ އެވެ.