19 މާޗް 2022 - 11:50

ސްޕޯޓްސް މިނިސްޓްރީން ބޭއްވި ކުޅިވަރު އެވޯޑަށް މިލިއަނުން ރުފިޔާ ހަރަދު ކުރި އެވެ. ރާއްޖެއިން ބޭރުން ކުޅިވަރުގެ ލެޖެންޑުން ގެންނަން ލައްކައިން ޑޮލަރު ހޭދަކުރި އެވެ.

ރާއްޖޭގެ 18 ކުޅިވަރަކުން އެންމެ މޮޅު އެތުލީޓުން ހޮވި އިރު ރަމްޒީ ޓްރޮފީއެއް ދިނުން ފިޔަވައި އެހެން އެއްޗެއް އެތުލީޓަކަށް ނުލިބުނެވެ. ފައިސާގެ އެއްވެސް މިންވަރެއް އެވޯޑް ހޯދި އެއްވެސް އެތުލީޓަކަށް ދީފައެއް ނުވެ އެވެ.
"އެވޯޑް ރަސްމިއްޔާތު ނިންމައިފައި ވެސް ނުބުނޭ ފައިސާގެ އިނާމެއް ލިބޭނެ ވާހަކައެއް. ފައިސާގެ އިނާމެއް ދޭ ގޮތަކަށް ވެސް ނޫން އޮތީކީ،" އެވޯޑް ހޯދި ޒުވާން އެތުލީޓެއްގެ ބެލެނިވެރިޔަކު ބުންޏެވެ.
އެވޯޑް ހަފުލާ އަށް ގާތްގަނޑަކަށް 30 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވާކަން ސޯޝަލް މީޑިއާގައި ވާހަކަތައް ދެކެވެން ފެށުމުން ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވަނީ އެވާހަކަތައް ދޮގު ކުރައްވައިފަ އެެވެ. އެކަމަކު ކުރި ހަރަދުގެ ތަފުސީލެއް މިހާތަނަށް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ. އެވޯޑް ބޭއްވުމުގެ ކުރިން ވެސް ހަރަދުތަކުގެ ތަފްސީލު ހޯދުމަށް "މިހާރު" އިން އެދުމުން މައުލޫމާތު ދެއްވާނެ ކަމަށް ވިދާޅުވެ، މިނިސްޓްރީގެ އޮފިޝަލް ފަހުން ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.
އެވޯޑް ހަފުލާގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ ހަފުލާގައި ބައިވެރިވުމަށް ރާއްޖެ އައި ބޭރުގެ އެއްވެސް މީހަކު އެޕިއަރެންސް ފީ ވެސް ނުނަގާ ކަމަށެވެ. އެކަމަކު އެ ފަރާތްތައް ރާއްޖެ ގެނައުމަށް ބޮޑެތި ހަރަދުތަކެއް ހިނގާނެ އެވެ. އެވޯޑް ހަފުލާ ބޭއްވި ތަން ތައްޔާރު ކުރުމަށް ވެސް ތިން މިލިއަން ރުފިޔާ ހޭދަ ކުރި އެވެ. އެވޯޑް ހަފުލާގެ ހާވާސާއިން ބޭރުގައި ހިންގި ކަންކަމަށް ވެސް ބޮޑެތި ހަރަދުތަކެއް ހިނގާނެ އެވެ. އެކަމަކު އެވޯޑް ހޯދި އެތުލީޓަކަށް ފައިސާގެ އިނާމެ ނުދެ އެވެ.
"ގައުމީ ފެންވަރުގައި ކުޅިވަރުގެ އެވޯޑެއް ދޭއިިރު އެވޯޑާއެކު އެކަށީގެންވާ މިންވަރުގެ ފައިސާގެ އިނާމެއް ދިނުން ވަރަށް މުހިންމު. ހަގީގަތުގައި އެއީ އެތުލީޓުންނަށް ދެވޭނެ ހިތްވަރަކީ،" ކުރިން ގައުމީ ޓީމުގެ އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅަކު ވިދާޅުވި އެވެ.
"ކާމިޔާބު ހޯދަން އެތުލީޓުން ވަރަށް ބުރަކޮށް މަސައްކަތް ކުރޭ. މައިންބަފައިން ބޮޑު ހަރަދެއް ކުރޭ. އަޅުގަނޑު ވެސް ގަބޫލުކުރަން އެ ހުރިހާ ހަރަދެއް ކަވާ ކުރެވޭވަރުގެ ފައިސާގެ އިނާމެއް ސަރުކާރަކަށް ނުދެވޭނެ. އެކަމަކު އެވޯޑެއް ދޭއިރު އެވޯޑާއެކު އެތުލީޓުންނަށް އެކަށީގެންވާ ވަރުގެ ފައިސާގެ އިނާމެއް ދެވެން ޖެހޭނެ. އޭރުންހެން ހީވަނީ އެވޯޑްގައި ވެލިއުއެއް ވެސް ހުންނާނީ."
އެވޯޑް ހަފުލާ އަށް ކުޅިވަރުގެ އިސް ހިދުމަތްތެރިންނަށް ދައުވަތު ދީފައި ނުވާ މައްސަލަ ވެސް ސޯޝަލް މީޑިއާގައި ބައެއް ބޭފުޅުން ވަނީ ފާހަގަ ކުރައްވައިފަ އެވެ. އޮލިމްޕިކް ކޮމިޓީގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު މަރުޒޫގް އަށް ވެސް ދައުވަތު ލިބިފައި ނުވާކަން އޭނާ ވަނީ ސޯޝަލް މީޑިއާގައި ވިދާޅުވެފަ އެވެ.
އޭނާގެ އިތުރުން ގިނަ ދުވަސްތަކެއް ވަންދެން ކުޅިވަރަށް އަމިއްލަ ގޮތުން ހިދުމަތް ކުރި ލެޖެންޑްރީ ނަންތަކެއް ވެސް ވަނީ އެވޯޑް ހަފުލާއިން ބާކީވެފަ އެވެ.