21 ޑިސެމްބަރ 2016 - 12:57

މޮސްކޯ (ޑިސެމްބަރު 21) - ރަޝިޔާގައި ރާ ނުލިބިގެން، އެލްކޮހޯލް އަޅާފައިވާ ލޯޝަނެއް ބުއިމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 58 އަށް އަރައިފި އެވެ.

ރަޝިޔާގެ އިންވެސްޓިގޭޓިވް ކޮމިޓީން ބުނީ ރައްކާތެރި އެލްކޮހޯލެއް ކަމަށް ހީކޮށް ބުއި ލޯޝަނުގައި ވިހަ މާއްދާއެއް އެކުލެވޭ ކަމަށެވެ. ލޯޝަން ބުއި 37 މީހަކަށް މިހާރު ވެސް ދަނީ ފަރުވާ ދެމުންނެވެ. މީގެ ތެރޭން ބައެއް މީހުންގެ ހާލު ވަރަށް ސީރިއަސް އެވެ.
ލޯޝަނުގައި ވިހަ މާއްދާއެއް ކަމަށްވާ މެތަނޯލް ހިމެނޭ ކަމަށް އިންވެސްޓިގޭޓިވް ކޮމިޓީން ބުނެފައިވެ އެވެ. އަދި މިއީ ލޯއަނދިރިވުން ކުރިމަތިވެދާނެ ފަދަ މާއްދާއެއް ކަމަށް ވެސް ބުނެފައިވެ އެވެ. ރަޝިޔާގައި މަސްތުވުމަށް އަގުހެޔޮ ބާވަތްތައް ބޭނުންކޮށްގެން ކޮންމެ އަހަރަކު އެތައް ލައްކަ ބަޔަކު މަރުވެ އެވެ.
ސައިބީރިއަން ޓައިމްސް އިން ބުނީ އިރްކުޓްސްކުގައި ހިނގި މި ހާދިސާ އަކީ ރަޝިޔާގެ ފަހުގެ ތާރީހެއްގައި ހިނގި މި ބާވަތުގެ އެންމެ ބޮޑު ހާދިސާ ކަމަށެވެ.
ހެލްތު މިނިސްޓަރު އޮލެގު ޔަރޮޝެންކޯ ވިދާޅުވެފައި ވަނީ ލޯޝަން ބޮއެގެން ފަރުވާ ދެމުންދާ މީހުންގެ ތެރޭން ދެބައިކުޅަ އެއްބައި މީހުން ވެސް ސަލާމަތް ވެދާނެ ކަމުގެ އުއްމީދެއް ނެތް ކަމަށެވެ.
"އެ މީހުން ޑޮކްޓަރަށް ދެއްކީ ވެސް މާލަހުން. އެ މީހުން ސަލާމަތް ވާނީ މުއުޖިޒާތަކުން. އެހާ ވެސް އެ މީހުންގެ ހާލު ސީރިއަސް،" ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.
ނޫހުން ބުނީ މަސްތުވާން ލޯޝަން ބުއިމުގެ ސަބަބުން މަރުވި މީހުންގެ ތެރޭގައި ޑޮކްޓަރަކާއި ކުޑަ ކުދިންނަށް ކިޔަވައިދޭ ޓީޗަރެއް ހިމެނޭ ކަމަށެވެ. އަދި މަރުވި ގިނަ މީހުން ތިބީ ގޭގައި ކަމަށާއި އެމްބިއުލެންސް ގެންނާނެ ވަގުތު ވެސް އެ މީހުންނަށް ނުލިބުނު ކަމަށެވެ. މަރުވެފައި ވަނީ 35-50 އަހަރާ ދެމެދުގެ މީހުން ކަމަށް ވެސް ނޫހުން ބުނެފައިވެ އެވެ.
ލޯޝަން ބޮއެގެން ސަލާމަތްވި 33 އަހަރުގެ މީހަކު ބުނީ އޭނާ ބުއީ ކުޑަ އެތި ފޮދެއް ކަމަށާއި އެކަމަކު ހެނދުނު ހޭލިއިރު ލޮލަށް ނުފެންނަ ކަމަށެވެ.