19 މާޗް 2022 - 12:08

ސައެންޓިފިކް ގޮތުން ގަބޫލު ކުރެވޭ ގަބޫލު ކުރުމެއް އޮވެ އެވެ؛ ވެލައެއް ބިސް އަޅަން އަރާނީ އެ ވެލައެއް އުފަންވި ތަނަށް ކަމެވެ. އެ ހަގީގަތަށް ބަލާއިރު ދާދި ފަހުން މާލޭގެ ބްރިޖް ސަރަހައްދަށް ބިސް އަޅަން އެރި ވެލާ އުފަންވެފައިވާނީ މާލެ އަށް ކަމަށް ބެލެވެ އެވެ. ނުވަތަ މި ސަރަހައްދުން ވިލިނގިލި، ހުޅުލެ ނުވަތަ އެނބޫދޫ ފަދަ ރަށަކަށް ކަމަށް ބެލެވެ އެވެ.

ތިމާވެށީގެ ތަޖްރިބާކާރުން ގަބޫލްކުރާ ގޮތުގައި ވެލައެއް އުފަންވެ ބިސް އަޅާ އުމުރަށް ދާނީ ގާތްގަނޑަކަށް 25 އަހަރު ފަހުންނެވެ. އެހެންވެ މާލެ އަށް އެރި ވެލާ އެންމެ ފުރަތަމަ ބިސް އެޅި ފަހަރު ކަމަށްވާ ނަމަ އެއީ މީގެ 25 އަހަރު ކުރިން އުފަންވި ވެލައަކަށްވުން އެކަށީގެންވެ އެވެ. މީގެ ދެ ހަފުތާއެއްހާ ދުވަސްކުރިން، ފެބްރުއަރީ 27 ގައި ވެސް ބްރިޖް ސަރަހައްދަށް ވެލައެއް އެރި އެވެ. އެ ވެލާ އެރީ ވެސް ބިސް އަޅަން ކަމަށް ބެލެވެ އެވެ. ނަމަވެސް ވެލާ ބިސް އެޅުމުގެ ކުރިން ފުލުހުން ވަނީ ވެލާ މޫދަށް ދޫކޮށްލައިފަ އެވެ. އަނެއްކާ ވެސް މިދިޔަ އަންގާރަ ދުވަހު އެ ސަރަހައްދަށް އެރީ ކުރީގެ ވެލާ ކަމަށް އެންވަޔަރްމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވެސް ގަބޫލްކުރެ އެވެ.

އެންމެ ފަހުން އެރި ވެލާ ވަނީ ގާތްގަނޑަކަށް 90 ބިސް އަޅައިފަ އެވެ. އެ ބިސްތައް ބްރިޖް ސަރަހައްދުގައި ވަޅުލައި ފީކޮށްގެން ވިހެއުމަކީ ރައްކާތެރި ކަމަކަށް ނުވާތީ ހުރިހާ ބިހެއް ވަނީ ފޯ ސީޒަން ކުޑަހުރައަށް ވިއްސަން ފޮނުވައިފަ އެވެ.

މިއީ އެތައް ޒަމާނަކަށް ފަހު، އަދި ފަހުގެ ޖީލުގެ ހަނދާނުގައި މާލެ އަށް ވެލައެއް އެރި ފުރަތަމަ ފަހަރެވެ.
ތިމާވެށީގެ ތަޖްރިބާކާރެއް ކަމަށްވާ މުހައްމަދު ޒާހިރު (މީމު ޒަވިޔަނި) ވިދާޅުވި ގޮތުގައި މާލެ އަށް ވެލާ އެރުން ހުއްޓުނީ 1970 ގެ އަހަރުތަކުން ފެށިގެން މާލެ އަށް ގެނައި ތަރައްގީގައި ދޮނޑުދޮށްތައް ނެތިގެން ދިއުމުންނެވެ.
ވެލައެއް އުފަންވެގެން މޫދަށް ދޫވެގެން ހޭދަވާ ފުރަތަމަ އަހަރު ސައެންޓިފިކް ގޮތުން ބަލަނީ "ލޮސްޓް އިޔާ" ނުވަތަ ގެއްލިފައިވާ އަހަރެއްގެ ގޮތުގަ އެވެ. އެ އަހަރު ތެރޭ ވެލައާ ބެހޭ ގޮތުން މާބޮޑު ހޯދުންތަކެއް ދިރާސާތަކުން ވެސް ހޯދިފައެއް ނުވެ އެވެ. އެކަމަކު އަޖައިބު ކަމަކީ އެތައް ޒަމާނެއް ފަހުން ވެސް ވެލާ އުފަންވި ތަނަށް ބިސް އަޅަން އައުމެވެ.
ސައެންސްގެ އެހީގައި ގަބޫލް ކުރެވެނީ، ވެލާ ދަތުރުކުރަނީ މެގްނެޓިކް ފީލްޑުގެ ނުފެންނަ ރޮނގުތަކެއްގެ މިސްރާބަށް ކަމަށެވެ. އެއީ ކަނޑުދަތުރު ކުރާ މީހުން ލެޓިޓިއުޓާއި ލޮންޖިޓިއުޑް ވެސް ފާހަގަކުރާ ބީދައިންނެވެ. އެކަމަކު އަދިވެސް ހޯދިފައި ނުވަނީ ވެލާ އުފަންވާ ތަނަށް ބިސް އަޅަން އަންނަ ގޮތެކެވެ.
ގަބޫލްކުރެވޭ ގޮތުގައި ވެލާ "އުފަންވި ތަން ހޯދަން" ދަތުރުކުރަނީ ދުނިޔޭގެ މެގްނެޓިކް ފީލްޑުގެ މިސްރާބަށެވެ. ކޮންމެ ގޮނޑުދޮށެއްގައި ވެސް އަމިއްލަ މެގްނެޓިކް ސިގްނޭޗާއެއް ހުންނާތީ، ވެލާގެ "ހަށިގަނޑުގައިވާ ސަމުގާ"ގެ އެހީގައި އުފަންވި ތަން ހޯދަނީ އެވެ.
ސައެންސްވެރިންނަށް ވެސް ހައިރާންކަން ގެނުވަނީ ގާތްގަނޑަކަށް 115 ކިލޯގެ ބަރުތައް ހުންނަ ބޮޑެތި ވެލާ ދުނިޔޭގެ ބޮޑެތި އަދި ގަދަ ކަނޑުތަކުގައި ދަތުރުކޮށްފައި އެތައް ހާސް މޭލެއްގެ ދުރުން ވެސް ދަތުރުކޮށްފައި އުފަންވި "ހާއްޔަށް" ބިސް އަޅަން އައުމެވެ.
އިންޑިއާ ކަނޑުގެ ޑިއެގޯ ގާސިއާގައި 35 ވެލާގައި ސެޓެލައިޓް ޓްރެކާ ހަރުކޮށްގެން ކުރި ދިރާސާއަކުން ދައްކާފައިވާ ގޮތުގައި، މީގެ ތެރޭން ހަ ވެލާ ވަނީ އިރުމަތީ އެފްރިކާ، ސޯމާލިއާ ސަރަހައްދަށް، 4،000 ކިލޯމީޓަރަށް ދަތުރުކޮށް އަނބުރާ އައިސްފަ އެވެ.
މީމު ޒަވިޔަނީގެ ނަޒަރުގައި ބްރިޖް ކައިރީގައި ވެލި އަރާފައި އޮންނަ ސަރަހައްދަށް އިތުރަށް ވެލި ޕަމްޕްކޮށްގެން ނަމަވެސް އެތަނުގައި ބީޗެއް ހަދާލެވިދާނެ އެވެ. އޭރުން އެއީ ވެލާ އަރާ ބީޗަކަށް ވެދާނެ ކަމަށް މީމު ޒަވިޔަނި ގަބޫލް ކުރެ އެވެ.
އެއްބުރަށް ބިސް އެޅުމަށް ފަހު އިހަށް ދުވަހު މޫދަށް ފޭބި ވެލާ އަނެއްކާވެސް ބިސް އަޅަން ހަމަ އެތަނަށް އަރައިފާނެ އެވެ. ވެލައަކީ އާއްމުކޮށް އަހަރަކު ތިން ބުރަށް ބިސް އަޅާ އެއްޗެކެވެ. ބިސް އަޅާ ފޯވައްސެއްގައި ތިން ބުރަށް ބިސް އަޅަން އަރާނެ އެވެ. ފުރަތަމަ ފޯވަހީގައި އާދައިގެ ސައިޒުގެ ބިސް ގިނައިން އަޅާނެ އެވެ. ދެ ވަނަ ފޯވަހީގައި ކުދި ބިސް މަދުން އަޅާނެ އެވެ. އަދި ފަހު ފޯވަހީގައި އަޅާނީ ގާބިސް ގޮތަށް ހުންނަ ބިހެވެ.
މާލެ އަށް އެރި ވެލާގެ ބިސް ދަރިމައިކޮށް ވެލާތައް މޫދަށް ދޫކޮށްލައިފި ނަމަ މީގެ އެތައް އަހަރެއް ފަހުން އަނެއްކާ ވެސް އޭގެ ތެރޭން ބައެއް ވެލާ ބިސް އަޅަން މި ސަރަހައްދަށް އެރުން އެކަށީގެންވެ އެވެ.