18 މާޗް 2022 - 17:42

11 މާޗް 2022 ދުވަހުގެ ނޫހާ ގުޅޭ
މަސްޖިދުލް އަޤްޞާ އާއި އެތަނުގެ ޙަރަމް އެވަނީ ސުލައިމާނުގެފާނުގެ ހައިކަލް ތަޅާލައި އެތަނުގެ މަތީގައި ބިނާކުރެވިފައި ކަމަށާއި، އެހެންކަމުން މަސްޖިދުލް އަޤްޞާ ތަޅާލައިގެން ނަމަވެސް އެ ހައިކަލް ހޯދައި އަލުން ބިނާކުރަން ޖެހޭ ކަމަށް ޔަހޫދީ ޒަޔޮނިސްޓުން ކުރަމުންގެންދާ ދައުވާ އަކީ ޝަރުޢީ ގޮތުން ބެލިޔަސް އަދި ތާރީޚީ ގޮތުން ބެލިޔަސް ސާބިތު ކުރެވެން ނެތް ކަމެކެވެ. މިކަމުގެ ދަލީލުތައް ވަރަށް ގިނަ އެވެ. މިފަދަ ލިޔުމެއްގައި އެ ހުރިހާ ކަމަކަށް އަލިއަޅުވާނުލެވޭނެތީވެ ސިލްސިލާއެއްގެ ގޮތުގައި މި ލިޔުންތައް ކުރިއަށް ގެންދިއުމުގެ ގޮތުން މީގެ ކުރީގެ ލިޔުމެއްގައި ވާނީ ތިން ދަލީލެއް ބަޔާންކޮށްދީފަ އެވެ. މި ލިޔުމުގައި އިތުރު އެހެން ބައެއް ދަލީލުތައް ގެނެސްދޭނަމެވެ. އަދި އޭގެ ފަހުން ވެސް މި ސިލްސިލާ ކުރިއަށް ގެންދަން ގަސްދު ކުރަމެވެ.
މަސްޖިދުލްއަޤްޞާ ހުރިތަނުގައި އެބުނާފަދަ ހައިކަލެއް ހުރިކަމަށް އެބައި މީހުން ކުރާ ދައުވާގެ ބާތިލުކަން ހާމަވާ ހަތަރުވަނަ ދަލީލަކީ، އެކިއެކި ދާރިސުންގެ ރިޕޯޓުތަކުން މިކަން އިންކާރުކޮށްފައި ވުމެވެ. މިގޮތުން އާސާރީ ޢިލްމުތަކާ ބެހޭ، އިޒްރޭލުގެ ޢިލްމުވެރިއެއް ކަމަށްވާ ޒައީފް ހަޓްސޫޣްގެ ރިޕޯޓެއްގައި ބަޔާންކުރާ ގޮތުގައި ފަލަސްޠީނުގައި 70 އަހަރުވަންދެން ކޮނެވުނު ކޮނުންތަކަށް ބަލާއިރު ފަލަސްޠީނު އިޙްތިލާލު ކުރެވިފައިވާ ކަމެއް އަދި ދާއޫދުގެފާނާއި ސުލައިމާނުގެފާނުގެ އެމްޕަރަރއެއް އެތަނުގައި ގާއިމު ކުރިކަމެއް ސާބިތުވާނެ އެއްވެސް ކަމެއް ފެންނާކަށް ނެތެވެ. މި ރިޕޯޓަކީ ތައުރާތުގެ ޢިލްމާއި އާސާރީ ޢިލްމަށް ޚާއްޞަ އެތައްބައެއް ކުރި ދިރާސާތަކަށްވެސް ފަހުގައި ނެރެފައިވާ ރިޕޯޓެކެވެ.
ހަމަމިފަދައިން ޤުދުސްގައި ހުންނަ އާސާރީ ދިރާސާތަކާ ބެހޭ އިނގިރޭސިވިލާތުގެ ސްކޫލުގައި އާސާރީ ކޮނުންތަކާ ހަވާލުވެ ހުރި މެނޭޖަރު ޑރ. ކެޓްލީން ކެބިނަސް 1968 ގައި މަސީޙީންގެ އާސާރީ ޢިލްމުވެރިންގެ ޓީމަކާ އެކުގައި މަސައްކަތް ކުރެއްވުމަށްފަހު ވިދާޅުވެފައި ވަނީ މަސްޖިދުލް އަޤްޞާގެ ހުޅަނގުގައިވާ ބުރާޤު ފާރާ އިންވެގެން ހުންނާނެ ކަމަށް ޒަޔޮނިސްޓުން ދައުވާ ކުރާ ހައިކަލުގެ އެއްވެސް އަސަރެއް މުޅި މަސްޖިދުލް އަޤްޞާގެ ސަރަހައްދުންވެސް ފެނިފައި ނެތް ކަމަށެވެ. އަދި އެތަނުން ނެގި ވެލި ތަހުލީލު ކުރުމުންވެސް އެކަމަށް ދަލީލު ކުރާ ޝުބުހާއެއްގެ މިންވަރުވެސް ފެނިފައި ނުވާ ކަމަށެވެ.
ފަސްވަނަ ދަލީލަކީ، ޒަޔޮނިސްޓުން އެކިފަހަރު މަތިން ހުށަހަޅަމުން ގެންދިޔަ ރިޕޯޓުތަކާއި ހެކިބަސްތަކުންވެސް ހައިކަލެއްގެ އަސަރު ހުރި ކަމަށް އަދި ހުޅަނގު ފާރަކީ ހައިކަލުގެ ވަށައިގެން ހުރި ފާރެއް ކަމަށް ބުނާ ބުނުމަށް ވެސް ދަލީލެއް ދެއްކިފައި ނުވުމެވެ. މިގޮތުން 1929 ވަނަ އަހަރު ވޯލްޓަޝޯގެ ޗެއަރމަން ކަމުގެ ދަށުން އުފެއްދި ޔޫ.އެން. ލީގުގެ އިންޓަނޭޝަނަލް ކޮމިޓީގެ ފަރާތުން ޒަޔޮނިސްޓުންގެ މި ދަޢުވާ އަޑުއަހައި ހެކިބަސް ހޯދުމަށް 1930 ވަނަ އަހަރު ޖޫން އަދި ޖުލައި ގައި އެއްމަސްވަންދެން ވޯލްޓަޝޯ ހުންނަވައި ދުނިޔޭގެ ތަފާތު ގައުމުތަކުގެ މަސީހީ އަދި މުސްލިމް އެގާރަ މުހާމީންގެ ވާހަކަ އަޑުއައްސަވައި ޔަހޫދީންގެ ފަރާތުން ހުށަހެޅި 22 ހެކިވެރިއެއްގެ ހެކިބަސް ހުށަހެޅުމަށްފަހުވެސް ކޮމެޓީން ނިންމީ އެމީހުންގެ އެ ދައުވާތައް ސާބިތުވާނޭ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. މިހެންވެ މުސްކުޅި ޤުދުސް އިން 10،000 މުސްލިމުން ނެރެލައި އޭގެ ބަދަލުގައި 5،000 ޔަހޫދީން ދިރިއުޅެން ފުރުސަތު ދިނުމާއި މަސްޖިދުލް އަޤްޞާ އާ ގުޅިފައިވާ ތާރީޚީ ބިނާތައް ތަޅާލައި ހުޅަނގު ފާރު ފުޅާކޮށް މިސްކިތުގެ ދަށުން އަޑީ މަގުތައް ހަދަން ޒަޔޮނިސްޓުން ރާވާފައިވާ ޕްލޭން ކުރިއަށް ނުގެންގޮސް އެތަންތަން ކުރިން ހުރިގޮތަށް ބަހައްޓަން ކޮމެޓީން ފާސްކުރި އެވެ. މީގެ އިތުރުން އިޒްރޭލުން މަސްޖިދުލް އަޤްޞާ އަންދާލުމާއި އެތަނުގެ ވަށައިގެން ކޮންނަމުންދާ ކޮނުންތައް 1970 ގައި ޔުނެސްކޯ ގެ 82 އަދި 83 ވަނަ ގަރާރުން ކުށްވެރި ކުރި އެވެ. އަދި ހަމަ އެފަދައިން 1972 ވަނަ އަހަރު ޔުނެސްކޯއިން ނެރުނު އެތަނުގެ 17/3422 ވަނަ ގަރާރުން އަމުރު ކުރީ ކުރީގެ ގަރާރުތަކަށް ކިޔަމަން ގަތުމަށާއި ޤުދުސްގެ އެއްވެސް މަލަޔަކަށް ބަދަލެއް ނުގެނައުމަށެވެ. މިފަދަ ހުރިހާ ކަމަކުންވެސް އެނގި ކަށަވަރު ވަނީ އެމީހުންގެ ދަޢުވާ ބާތިލުކަމެވެ.
ހަވަނަ ދަލީލަކީ އެބައިމީހުން އެބުނާ ހައިކަލު ހުރިގޮތް ކަމަށް އެމީހުން ބުނާ ގޮތާއި މަސްޖިދުލް އަޤްޞާ ހުރި ގޮތް ތަފާތު ވުމެވެ. ޖަދަލަށް ޖާގަ ދިނުމުގެ ގޮތުން ހައިކަލް ހުރި ކަމަށް ބަލަމާ ހިނގާށެވެ! ފާހަގަވާ ކަމަކީ މަސްޖިދުލް އަޤްޞާގެ ޙަރަމްފުޅު ހުރީ މައްކާއާ ދިމާވާ ގޮތަށް އުތުރުން ދެކުނަށް ދިގުއަކައެއްގެ ސިފައިގައި ކަމެވެ. މިއާ ޚިލާފަށް އެމީހުން ދައުވާ ކުރާ ހައިކަލު ހުރިކަމަށް ބުނަނީ ހުޅަނގުން އިރަށެވެ. ވީމާ ހައިކަލު ތަޅާލާފައި ސީދާ އެތަނުގެ މަތީގައި މަސްޖިދުލް އަޤްޞާ އެޅި ނަމަ އެތަން ފެނުމުގެ ފުރުސަތު ބޮޑުވީހެވެ. އަދި މިހާރު އެހުރިހާ ކޮނުންތައް ކޮނުނުއިރު އޭގެ އަސަރެއް ފެނުނީހެވެ.
ހަތްވަނަ ދަލީލަކީ އެމީހުން ސުލައިމާނުގެފާނަށް ނިސްބަތްވުމުން މަސްޖިދުލް އަޤްޞާ ހުރި ބިން އެމީހުންގެ ހައްގެއް ކަމަށް ވާނެ ކަމަށް ބުނާ ބުނުމުގައި ވަރަށް މުހިންމު ހަގީގަތެއް އެމީހުންނަށް އޮޅިފައި ވުމެވެ. އެ ހަގީގަތަކީ ސުލައިމާނުގެފާނަކީ އަދި އިބްރާހީމްގެފާނާ ޖެހެންދެން އެކަލޭގެފާނުގެ ކާބަފައިންނަކީ އެއްވެސް އިރެއްގައި މިހާރު މިއުޅޭ ޔަހޫދީންގެ ނުވަތަ މިހާރުގެ ނަޞާރާއިންގެ ނުވަތަ ބުދަށް އަޅުކަން ކުރާ މީހުންގެ ދީންތަކަށް ގޮވާލެއްވި ބޭކަލުންނަށް ނުވުމެވެ. އޭގެ ބަދަލުގައި އާދަމްގެފާނާ ހަމައިން ފެށިގެން ﷲ ފޮނުއްވި ހުރިހާ ނަބީންނާއި ރަސޫލުންގެ ދަޢުވަތަކީ ﷲ ގެ އެއްކައުވަންތަކަން ގަބޫލުކުރާ ޢަޤީދާގެ ދައުވަތެއް ކަމަށް ވުމެވެ. އިބްރާހީމްގެފާނު ގޮވާލެއްވި ޙަނީފިއްޔަ މިއްލަތަކީވެސް ހަމަ މި ޢަޤީދާގެ އަސާސްގެ މަތީގައިވާ މިއްލަތެވެ. މާތް ﷲ ތައުރާތާއި އިންޖީލު ބާވާލެއްވީވެސް އިބްރާހީމްގެފާނަށް ފަހުއެވެ. (އާލްޢިމްރާން 65). އަދި އެކަލޭގެފާނު ޔަހޫދީއެއް ކަމުގައިވެސް ނަޞާރާއެއް ކަމުގައިވެސް ނުވެއެވެ. އެކަލޭގެފާނު ވީ ޙަނީފިއްޔަ މުސްލިމެއް ކަމުގައެވެ. (އާލްޢިމްރާން 67). ހަމައެފަދައިން އިސްމާޢީލްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބްގެފާނާއި އަސްބާޠުން ވެސް ޔަހޫދީން ކަމުގައި އަދި ނަޞާރާއިން ކަމުގައި ނުވެއެވެ. (އަލްބަޤަރާ 140).
އެހެންކަމުން އިބްރާހީމްގެފާނަށް އެންމެ އައުލާކަން ބޮޑީ އެކަލޭގެފާނަށާއި އެކަލޭގެފާނަށް ފަހު ވަޑައިގެންނެވި އެހެން ނަބީބޭކަލުންނަށް އީމާންވީ މީހުންނެވެ. ކީރިތި ނަބިއްޔާ ﷺ އާއި އެކަލޭގެފާނަށް ވެސް ތަބާވީ މީހުންނެވެ. (އާލްޢިމްރާން 68). ސަބަބަކީ މިބައިމީހުންނަކީ އިބްރާހީމްގެފާނުގެވެސް އަދި ޔަޢުޤޫބުގެފާނުވެސް ވަސިއްޔަތް އާދެ، "މުސްލިމުންގެ ގޮތުގައިވާ ހާލުގައި މެނުވީ މަރުވެނުދާށޭ" ތަންފީޒު ކުރި މީހުން ކަމަށް ވުމެވެ. މިހެންކަމަށް ވާނަމަ ސުލައިމާނުގެފާނަށް ތަބާވުމުގައި ވެސް ކަން އޮތީ ހަމަ މި ބީދައިންނެވެ.
އެކަލޭގެފާނަށް ﷲ ކިޔަމަންކޮށްދެއްވި ހުރިހާ މަޚްލޫޤުންތައް ދޫނިސޫފާސޫފި ވެސް ހިމެނޭހެން އެކަލޭގެފާނުގެ ދަޢުވަތަށް މަސައްކަތް ކޮށްދެއްވި އެވެ. ސަބައުގެ ރަނިކަމަނާ ބަލްޤީސް އިސްލާމްވެ ވަޑައިގަތީވެސް ހަމަ އެފަދައިންނެވެ. (އައްނަމްލު 24-26). އަދި މިފަދައިން މި ނަބީބޭކަލުންނަށް އީމާން ނުވާ މީހުންނަށް އެމީހުންގެ އަމަލުތައް އިންކާރުކޮށް ޤުރްއާނުގައި އަންގަވާފައި ވަނީ އެއްވެސް ނަބިއްޔަކު ފަރަގު ކުރުމަކާ ނުލައި އެ އެންމެބޭކަލުން ގެނެސްދެއްވި ރިސާލަތަށް އީމާންވެ އިސްލާމްވާކަން ބުނުމަށެވެ. (އަލްބަޤަރާ 136).
މި އާޔަތްތަކުގެ މައްޗަށް ބިނާކޮށް ވަރަށް މުހިންމު ދެކަމެއް ޚުލާޞާ ކޮށްލެވިދާނެ އެވެ. އެއް ކަމަކީ ސަމާވީ ދީނަކީ އެއްވެސް އިރެއްގައި ނަސްލަކަށް ދަރިފަސްކޮޅަކަށް ޚާއްޞަ އެއްޗެއް ނޫންކަމެވެ. އެންމެ ފަހުގެ ނަބިއްޔާ ޢަރަބި ބޭކަލެއް ކަމުގައި ވުމީ އަދި ކީރިތި ޤުރްއާން ޢަރަބި ބަހުން އޮތުން އެއީ އިސްލާމްދީން ހަމައެކަނި ޢަރަބިންނަށް ހައްގު އެއްޗެއް ކަމަށް ބުނެވޭނެ ކަމެއް ނޫނެވެ. ސަމާވީ ރިސާލަތްތައް މީސްތަކުންނަށް އާންމުވުމުގެ ފުރުސަތު އެހެން ނޫންނަމަ ނޯންނާނެ އެވެ. ދެވަނަ ކަމަކީ، ނަބީންނާއި ރަސޫލުންނާ ގުޅުންހުރި ބިންތަކާއި މުޤައްދަސް އެހެންތަންތަން ވާރުތަވުން އެންމެ އައުލާވެގެންވަނީ ފަރަގު ކުރުމެއް ނެތި އެބޭކަލުންނަށް އީމާންވީ މީހުންނަށް ކަމެވެ. އެއިން އެއްވެސް ބޭކަލަކު ގެނެސްދެއްވި ރިސާލަތެއް ތަހުރީފުކޮށް އެއަށް ބޭނުން ބަދަލުތަކެއް ގެނެސް އިސްލާމްކަމުން ދުރުވެއްޖެ އެއްވެސް މީހަކަށް ﷲ ފޮނުއްވެވި ނަބީންގެ ތަރިކައެއް ހައްގެއް ނުވާނެ ކަމެވެ. މިގޮތުން ބައިތުލް މަޤްދިސް އާއި އެތަނުގެ ވަށައިގެންވާ ހުރިހާ މުޤައްދަސް ތަންތަން ﷲ ފޮނުއްވެވި އެއްވެސް ނަބީ ބޭކަލަކަށް ނިސްބަތްވާނަމަ އެތަންތަނުގެ ވާރުތަވެރިން ކަމުގައިވުން ހައްގު ވާނީ ހަމައެކަނި އެބޭކަލުންނަށް ބޯލެނބި (އާދެ، އިސްލާމްވި) މީހުންނަށެވެ. (ނުނިމޭ).