18 މާޗް 2022 - 15:26

ޔުނައިޓެޑް ނޭޝަންސް (މާޗް 18) - ޔުކްރޭން ހަނގުރާމައާ ގުޅިގެން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ގެއްލުން ލިބެމުން ދަނީ ތަރައްގީވަމުން އަންނަ ގައުމުތަކަށް ކަމަށް އދ. އަށް ކަނޑައަޅާފައިވާ ޗައިނާގެ ސަފީރު ޒަންގް ޖުން ވިދާޅުވެއްޖެ އެވެ.
އދ.ގެ ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޖުން ވިދާޅުވީ ދުނިޔޭގެ އިގްތިސާދު މިހާ ދަތި ދުވަސްވަރެއްގައި ރަޝިޔާއާ ދެކޮޅަދް ފިޔަވަޅު އެޅުމަކީ ގޯހެއް ކަމަށެވެ.
"ދަތިކުރުމުގެ ފިޔަވަޅު އަޅައިގެން އެއްވެސް މައްސަލައެއް ހައްލުވެފައި ނުވާކަން ވަނީ ސާބިތުވެފައި. އޭގެ ބަދަލުގައި އިތުރު މައްސަލަތައް ދާނީ އުފެދެމުން،" ޖުން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަޝިޔާއާ ދެކޮޅަށް ޚާއްސަކޮށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ ކާބޯތަކެއްޗާއި ހަކަތައިގެ މައްސަލަ އިތުރަށް ގޯސްވެ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ރައްޔިތުންގެ ދިރިއުޅުމަށް އެކަމުން ގެއްލުންވާނެ ކަމަށެވެ.
ޖުން ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތައް އެދޭ ފަދައިން ޗައިނާ ވެސް ބޭނުން ވަނީ ޔުކްރޭން ހަނގުރާމަ ހުއްޓާލުން ކަމަށެވެ.
"ހަނގުރާމަ ހުއްޓާލުމަށް އެކި ގައުމުތަކުން މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރަން. އަދި އަލިފާނަށް ތެޔޮ ނާޅާނެ ކަމަށް ވެސް އުއްމީދު ކުރަން،" އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ އޮފިޝަލުން ބުނެފައި ވަނީ ޗައިނާގެ އަސްކަރީ އެހީ އަށް ރަޝިޔާ އިން އެދިފައިވާ ކަމަށެވެ. އަދި އެކަމަށް ޗައިނާ އިން ވަނީ ހުޅުވިފައިވާ ޖަވާބެއް ދީފައި ކަމަށް ވެސް ބުނެފައިވެ އެވެ.